twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕްރިންސިޕަލް ޒިޔާދު ރަޝާދުގެ ވިސްނުން ސިޔާސީ ދާއިރާއާ ދިމާލަށް

Jan 22, 2014

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަގާމާ މިދިޔަ އަހަރު ހަވާލުވެލެއްވި ޒިޔާދު ރަޝާދު މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނު އިރު އެސްކޫލުން ނުފެނުމުން ގިނަ ގިނަ ބެލެނިވެރިންގެ ހިތް ތަކުގައި ނުތަނަވަސް ކަން އުފެދުނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޒިޔާދުގެ ޕްރިންސިޕަލް ކަމުގެ 1 އަހަރު ތެރޭގައި ހދ އޭއީސީ އަށް ވަނީ ބޮޑެތި ކާމިޔާބީ ތަކެއް ލިބިފަ އެވެ.

އެގޮތުން ގުރޭޑް ހަތަކުން ފާސްވާ މިންވަރު ވަނީ މިދިޔަ އަހަރު 80 އިންސަތައް އަށް ކުރިއަށް ޖެހިފަ އެވެ. މިނޫނަސް ޒިޔާދުގެ ޒައާމަތުގައި ތައުލީމީ މަރުކަޒު ވަނީ ފާހަގަ ކުރެވޭ ބޮޑެތި ގޮންޖެހުން ތަކެއް ވެސް ގިރާކޮށް، ކުރިއެރުން ހޯދާފަ އެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ ދިގުދެމިގެން ދިޔަ އެ ސްކޫލުގެ ހޯލުގެ މަސައްކަތްތަކެވެ. އޭއީސީގެ ހޯލުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ޒިޔާދު ވަނީ އެކި ފެންވަރުގައި ބުރަ އަދި ޖެހިލުން ކުޑަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާސިމް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި މިނިސްޓްރީން ތައުލީމީ ދާއިރާއާ މެދު ގެންގުޅުއްވާ ދޯހަޅި ސިޔާސަތުތަކަށް މިނިސްޓަރު ހާޒިރުގައި ފާޑުވިދާޅުވެ ވަނީ ވާހަކަ ދައްކާފަ އެވެ. އަދި އެ ޖަލްސާގައި ޒިޔާދު ވަނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރައްވަން މިނިސްޓްރީ މަސައްކަތް ނުކުރައްވާ ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައެވެ. އަދި މިނޫން ވެސް އެޑިއުކޭޝަންގެ އިސްވެރިން ގެންގުޅުވާ ސްކޫލުތައް ތަފާތު ކުރުމުގެ ސިޔާސަތު ތަކަށް ވެސް ޒިޔާދު ވަނީ ފާޑު ވިދާޅުވެފަ އެވެ. އެޖަލްސާ ގައި ޒިޔާދުގެ ވާހަކަތައް ހުއްޓުވުމަށް މިނިސްޓަރ އާސިފް އަތުގެ އިޝާރާތުން މަސައްކަތް ކުރި ނަމަވެސް ޒިޔާދުގެ ވާހަކަތައް ހުއްޓަ އެއް ނުލި އެވެ.

މިނިސްޓަރ ޑރ އާސިމް އަށް ފާޑު ވިދާޅުވުމުގެ ސަބަބުން ޕްރިންސިޕަލް ޒިޔާދު މިނިސްޓްރީ އަށް ހާޒިރުކޮށްފައި ވެސް ވެއެވެ.

ކުޅުދުއްފުށީގެ ސްކޫލު ތަކުގެ މެދުގައި އޮންނަ “ހަސަދަވެރިކަން” ފިނި ކުރުމަށްޓަކައި ޒިޔާދު ވަނީ ތަފާތު ޖަލްސާތަކާއި ފޯރަމް ތަކުގައި ވާހަކަ ދައްކަވާފަ އެވެ. އަދި ސްކޫލުތައް ގުޅިގެން މަސައްކަތް ކުރުމަށް ޕްރިންސިޕަލް ޒިޔާދު ވަނީ މަސައްކަތަކެއް ވެސް ކޮށްފަ އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބެލެނިވެރިންތަކެއްގެ ރުހުން ހޯއްދެވި ޕްރިންސިޕަލް މި ވަގުތު އެ ސްކޫލުގައި ނެތެވެ.

މި ނޫހަށް ޒިޔާދު ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ ތައުލީމީ މަރުކަޒުގެ ހިންގުމާ މިހާރު ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލަކީ “ޕްރިންސިޕަލެއް” ކަމަށާއި އެއް މަގާމެއްގައި ދެ ބޭފުޅަކު އެއް ތަނެއްގައި މަސައްކަތް ކުރުމަށް ވުރެ ޕްރިންސިޕަލެއް ނެތް ސްކޫލެއްގައި މަސައްކަތް ކުރުން ރަގަޅު ކަމަށް ފެންނާތީ އާއި މިވަގުތު ދިރިއުޅުމުގެ ކަންތައް ހުރި ގޮތުން ހދ. އޭއީސީ ނޫން އެހެން ސްކޫލަށް ބަދަލު ވުމުގެ ވިސްނުން ގެންގުޅުއްވީ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ކުރިމަގުގައި ޕްރިންސިޕަލެއްގެ ގޮތުގައި ނުފެނުން ވެސް އެކަށީގެންވާ ކަމަށާއި މިވަގުތު ވިސްނުން ހުރީ ތައުލީމީ ދާއިރާއަށް ވުރެ ބޮޑަށް ސިޔާސީ ދާއިރާއާ ދިމާލަށް ކަމަށެވެ. ޒިޔާދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުރި ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްސީލު ދިނުމަށް ޒިޔާދު އިންކާރު ކުރެއްވި އެވެ.

ޒިޔާދު ވިދާޅުވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރެއްވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސްކޫލުގެ ޓީޗަރުންނާއި މުއައްޒަފުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ކިޔަމަންތެރިކަމާއި އެކުގައި މަސައްކަތް ކުރުމުގެ ރޫހު ކަމަށެވެ. އަދި އެ ސްކޫލުގެ ބޯޑު މެންބަރުގެ ފަރާތުންނާއި ޕީޓީއޭގެ ބޭފުޅުން އޭނާ އަށް ބެހެއްޓި ގާތް ކަމަށްޓަކައި ޝުކުރުއަދާ ކުރައްވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޅ. ހިންނަވަރަށް ނިސްބަތްވާ ޒިޔާދު ރަޝާދު ގިނަ ބަޔަކު ފާހަގަ ކުރަނީ ޖެހިލުން ކުޑަ ހިންގުންތެރި ޕްރިންސިޕަލެއްގެ ގޮތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355