twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކެންޕެއިންގެ އެންމެފަހުގެ ހަރަކާތްތައް ކުޅުދުއްފުށީގައި މެކުހަށް ޖަހާފައި!

Mar 20, 2014

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގެ އިންތިހާބު ބާއްވަން ދެން އޮތީ އެންމެ ދެ ދުވަހެވެ. އެކި ދާއިރާތަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި އެ ފަރާތްތަކަށް ތާއީދުކުރާ މީހުން ދަނީ ކެންޕެއިންގެ އެންމެ ފަހުގެ ހަރަކާތްތަށް ފޯރިއާއެކު ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކުޅުދުއްފުށީގައި ވެސް އެރަށުގެ ދެ ދާއިރާއަށް ކުރިމަތިލާފައިވާ 8 ކެނޑިޑޭޓުން ކެންޕެއިން ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ކުރިއަށް އެބަ ގެންދެ އެވެ.

ކެމްޕެއިން އިވެންޓުތަކުގެ ތެރޭގައި ކޮންމެ ރެޔަކު ކަަހަލަ ގޮތަކަށް ޖަގަހަތަކުގައި އަންނަނީ ބޮޑުބެރާއި ބާބަކިއު ފަދަ ހަރަކާތްތަކުން ފަޅު ފިލުވާލަމުންނެވެ. އެއްބަޔަކު ރަށު ދަރިއަކަށް ރަށުގެ ގޮނޑި ދިނުމަށް ވަކާލާތު ކުރަމުން ދާއިރު އަނެއް ބަޔަކު ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ރަށަށް ތަރައްގީ ގެނައުމަށް ފަސޭހަވާނެ ކަމަށް ދަނީ ބުނަމުންނެވެ. އަދި އަނެއް ބަޔަކު ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އިދިކޮޅު ކެނޑިޑޭޓެއް މަޖިލީހުގައި އިނުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމަށް ދަނީ އަޑު އުފުލަމުންނެވެ.

އެނބުރުނު ކޮންމެ ދިމާލަކުންވެސް ފެންނަމުންދަނީ މިފަދަ ކޮންމެވެސް ކެނޑިޑޭޓޭއްގެ ފޮޓޯއެކެވެ. ވައުދެކެވެ. ނުވަތަ ކެންޕެއިންގެ ލޯގޯއެކެވެ. މަގު ފާރުތަށް ފުރާލެވިފާވަނީ އެފަދަ މެސެޖު ތަކުންނެވެ. އެއްފަރާތެއްގައި އެއް ކެނޑިޑޭޓެއްގެ ބެނާ ޖަހާފައިވާ އިރު އަނެއް ފަރާތުގައި އެހެން ކެނޑިޑޭޓޭއްގެ ކެންޕެއިން ޖަގަހަ އެކެވެ.

ދުވާލުދާ ހަތަރުދަމު ކެންޕެއިން ޖަގަހަ ތަކުގައި އަޑު ގަދަ ކުރާއިން އެކި ރާގުތަކަށް ހަދާފައިވާ ލަވަތަށް އިއްވަމުންދެ އެވެ. ރޭގަނޑު ވެއްޖިއްޔާ ފީނިފީންޏަށް މީހުން އެއްވަނީ އެބަޔަކު ތާއީދު ކުރާ ކެނޑިޑޭޓޭއްގެ ކެންޕެއިން ޖަގަހަ އަކަށެވެ. ބާބަކިއު އަކަށެވެ. ބިލެތް މީރު ކޮށްލެއްވުމަކަށެވެ. ނޫނީ ކޮންމެވެސް ކެންޕެއިން ޖަލްސާއަކަށެވެ. ކެންޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން އުޅޭ މީހުންތައް އަވަސް ވެ ގަންނަނީ ހުސްކޮށް ހުރި ފާރުތަކުގައި ކެންޕެއިން ލޯގޯތަކާއި މެސެޖުތަށް ޖެހުމުގަ އެވެ. ކެނޑިޑޭޓުންގެ ލޯގޯތަކުން ފުރިފައި ހުރި ފާރުތަކުން ހުސް ތަންކޮޅެއްް ހޯދައިގެން ވިޔަސް އެބަޔަކު ތާއީދުކުރާ ކެނޑިޑޭޓެއްގެ މޫނުމަތި ރީތިކޮށްލުމަށެވެ.

ހަވީރު ގަޑީގައި ޖަގަހައެއްގަައި ބިލެއްމީރުކުރުމަކަށް ދައުވަތު ދޭން ޕިކަަޕެއްގައި އަޑު ގަދަ ކުރަމުން ދުއްވަނީ މަދެއްކޮށެއް ނޫނެވެ. ކޮންމެ ވެސް ކެނޑިޑޭޓޭއްގެ ފަރާތުން ވޯޓު ދޭށޭ ކިޔާފައި ގެއަށް ޒިޔާރަތްކޮށް ހާލުބަލާ ހަދާ މީހުންގެ އަދަދު އިންތިހާބު ކައިރިވަމުން ދިޔަ ވަރަކަށް ވީ އިތުރެވެ. އިންތިހާބުގެ ބަހަނާގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެނޑިޑޭޓުން އަތުން ފައިސާއާއި އެހެނިހެން ތަކެއްޗަށް އެދޭ ވާހަކަ އަކީ މިހާރަކަށް އައިސް އާންމުވެފައިވާ ކަމެކެވެ. ކެންޕެއިން މެނޭޖަރުން ޑީކޯޑަރު ބޭނުންހޭ އަހާލާފަހަރު މަދެއް ނޫނެވެ. ބޭނުންވާ ކަމެއް އޮތިއްޔާ ފަސް ނުޖެހި ބުނުމަށް އެމީހުން އެދެ އެވެ.

ސިޔާސީ މި އީދުގައި ފޯރިއާއެކު ކުރިއަށް ގެންދާ ކެންޕެއިން ހަރަކާތްތައް ނިމުމަކަށް އަންނައިރު އެންމެ ފަހުގެ ހަރަކާތްތައް މިއަދާއި މާދަމާ ހަވީރު ކުރިއަށް ދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355