އުރީދޫ މޯލްޑިވްސް މެދުވެރިކޮށް މޯލްޑިވްގޭސްގެ މާލޭގެ ގޭސްފުޅި ޑެލިވަރީ ފްލީޓުތައް ކަނެކްޓް ކޮށްލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގެ ދަށުން އުރީދޫގެ ހަލުވި ސްޕީޑުގެ ލޯކަލް ނެޓްވޯކެއް މެދުވެރިކޮށް މޯލްޑިވްގޭސްގެ ހެޑް އޮފީހާއި މާލޭގެ ޑެލިވަރީ ވެހިކަލްތައް ގުޅުވާލެވިގެން ދާނެ ކަމަށް އުރީދުން ބުނެ އެވެ. މިކަނެކްޓިވިޓީގެ ސަބަބުން މޯލްޑިވްގޭސްއަށް ޑެލިވަރީގެ އަވަސް ހިދުމަތެއް މާލޭގައި ދިނުމަށް ފަސޭހަވެގެން ދާނެ ކަމަށްވެސް އުރީދުން މައުލޫމާތުދެ އެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫގެ ނެޓްވޯކް މެދުވެރިކޮށް މޯލްޑިވް ގޭހަށް ދެވިގެންދަނީ “ވަރުގަދަ ސޮލިއުޝަން” އެއް ކަމަށާއި އުރީދޫގެ ނެޓްވޯކް ސްޕީޑާއި ކަނެކްޓިވިޓީ މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކުރެވި އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލިޖީ މިހާރު ވަނީ ކަސްޓަމަރުންގެ ބިޒްނަސް ސޮލިއުޝަނަކަށް ވެފައި ކަމަށެވެ.
މޯލްޑިވް ގޭހުގެ އެމްޑީ މައުމޫން ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ގެތަކަށް ގޭސް ޑެލިވާ ކުރުމުގައި މިހާރަށްވުރެ އަވަސް ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށާއި ޓްރެކްކޮށް މޮނިޓާ ކުރުމުގެ ނިޒާމު މިހާރަށްވުރެ ވަރުގަދަވެ ފުޅާވެގެންދާނެ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޚިދުމަތް ގާއިމްކޮށް މަސައްކަތް ކުރަން ފެށުމުން އޭގެ ފައިދާ ކަސްޓަމަރުންނަށް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީއެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން އެވެ.