ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅުގޭގައި މެރިޓައިމް ދާއިރާގެ ކޯސްތަށް ހިންގުމަށް، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި ޓްރާންސްޕޯޓް މިނިސްޓްރީއާއެކު 2011 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިހެން ނިންމާފައިވަނީ، ހދ އަތޮޅުގޭގައި ހިންގަމުން އައި މެރިޓައިމް އެކަޑަމީގެ އެއްބަސްވުން ބާތިލުކުރަން ސަރުކާރުން މަސައްކަތްކުރަނީ އެއްބަސްވުމާ ހިލާފަށްކަމަށާއި، އެ އިމާރާތުގައި އެކަޑަމީ ހިންގުމަށް ފުރުސަތު ދިނުމަށް ދައުވާ ރައްދުވާ ފަރާތަށް އަމަރުކޮށްދިނުމަށް އެދި ސިވިލް ކޯޓުގައި ކުރި ދައުވާގެ ހުކުމުގައެވެ.
މި ދައުވާގައި މެރިޓައިމް އެކަޑަމީން ބުނެފައިވަނީ އެ އެކަޑަމީން އެއްބަސްވުމާ ހިލާފުވެފައި ނުވާނެ ކަމަށާއި ސަރުކާރުން އެ އެއްބަސްވުން އުވާލަން މަސައްކަތްކުރަނީ އެއްބަސްވުމުގައި ބުނެފައިވާ ގޮތާ ހިލާފަށް ކަމަށެވެ.
ބޯޓު ދަތުރުކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މެރިޓައިމް އެކަޑަމީ އާއި ސަރުކާރާ ދެމެދު ވެވުނު މި އެއްބަސްވުން އުވާލާފައިވަނީ 2013 ވަނަ އަހަރު އެވެ. ސަރުކާރުން ބުނެފައިވަނީ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތްކޮށްފައިވަނީ އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް ކަމަށާއި އެގޮތުން އެއްބަސްވުމާ ހިލާފަށް މަސައްކަތްކުރާތީ އާއި އެއްބަސްވުމުގެ މަގުސަދު ހާސިލުނުވާތީ، އެއްބަސްވުމުގައި ބުނާ ނޯޓިސް ދީފައިވާނެ ކަމަށެވެ.
މި މައްސަލައިގެ ތެރެއަށް ހދ އަތޮޅު ކައުންސިލުން ވަނީ ތަދައްޚުލްވެފަ އެވެ. އަތޮޅު ކައުންސިލުން މި ދައުވާގައި ބުނެފައިވަނީ އަތޮޅުގެއަކީ ހދ އަތޮޅު ކައުންސިލުގެ ޒިންމާގެ ދަށުގައިވާ އިމާރާތެއްކަމަށާއި އެތަން ކުއްޔަށް ދެވޭނީ އެ ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
މެރިޓައިމް އެކަޑަމީއާއެކު 2011 ވަނަ އަހަރު އެއްބަސްވުމުގައި ސޮއިކުރި ފަހުން އެ އެކަޑަމީން ހިންގާފައިވަނީ މަދު ކޯސްތަކެކެވެ. އަދި 2012 ޖޫންގެ ފަހުން މެރިޓައިމް ދާއިރާގެ ކޯހެއް އެތަނުގައި ހިންގާފައިނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ވެސް ބުނެފައި ވެއެވެ. އަދި އޮޑިޓަރ ޖެނެރަލް އޮފީހުން 2013 ވަނަ އަހަރު ނެރުނު މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ހާއްސަ އޮޑިޓުގައި ވެސް އެ ތަން ދައުލުން ކުއްޔަށް ދޫކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށްކަމަށް ބުނެފައި ވެއެވެ.