twitterviber whatsapp telegramfacebookyoutube instagram
21st August 2025

ކައުންސިލްތަކުގެ ބާރު ހަނިކުރުމާއެކު ކަނޑިތީމުގެ ތަރައްގީގެ މަސައްކަތްތައްވެސް ހުއްޓިއްޖެ!

އަބްދުލް ވާހިދު ޙަސަން
Aug 21, 2025

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ށ ކަނޑިތީމު ކައުންސިލުން އެރަށުގެ ތަރައްގީއަށް ކުރަމުންދިޔަ މަސައްކަތްތައް މަޑުޖައްސާލައިފި އެވެ.

އަތޮޅުތެރޭގެ ރައްޔިތުން ނިކަމެތިވާގޮތަށް ކައުންސިލްތަކުގެ ބާރު ހަނިކުރާ ބިލް ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ އެކަން ނުކުރަން 80 އަށްވުރެގިނަ ކައުންސިލުންތަކުން އެދެމުންދަނިކޮށެވެ.

ގާނޫނަށް ގެނައި މި ބަދަލާއެކު ކަނޑިތީމު ކައުންސިލުން އެރަށުގައި ކުރަމުންދިޔަ މަސައްކަތް މަޑުޖައްސާލަން ޖެހިފައިވާކަން ރައްޔިތުންނަށް އަންގައި އާންމުކުރީ މިއަދު އެވެ.

އެގޮތުން އެރަށު ކައުންސިލުން ކުރި އިއުލާނުގައި ބުނީ، ކައުންސިލް އޮފީހަށް ދާއިމީ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުން ނެގުން ހުއްޓާލަން ޖެހިފައިވާތީ އެކަން މަޑުޖައްސާލާފައިވާ ކަމަށެވެ.

އެ މުވައްޒަފުންނަކީ ކުނިކޮއްޓާއި ކުޅިވަރު ޕާރކާއި އިޖުތިމާއި ޕާރކާއި ޕިކްނިކް އޭރިޔާ އަދި ގަބުރުސްތާނާއި އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ނަގައި މުވައްޒަފުންނާއެކު ކަމަށެވެ.

އަދި މަސްވެރިކަމާއި ގުޅުން ހުރި މަސައްކަތަށް ތިން ބިން ދޫކުރުމުގެ މަސައްކަތާއި ގެސްޓްހައުސް ތަރައްގީކުރަން ދޫކުރާ 4 ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތްވެސް މަޑުޖައްސާލާފައިވާ ކަމަށް ކަނޑިތީމު ކައުންސިލްގެ އިއުލާނުގައިވެ އެވެ. މީގެ އިތުރުން ދިރިއުޅުމަށް 90 ގޯތި ދޫކުރުމަށް ކުރަމުންދިޔަ މަސައްކަތްވެސް ހުއްޓާލަން ޖެހިފައިވާ ކަން އިއުލާނުގައިވެ އެވެ.

އިއުލާނުގައި ވަނީ އެ މަސައްކަތްތައް ދެން ކުރިއަށްގެންދެވޭނީ އެލްޖީއޭއިން ކަނޑައަޅާ އުސޫލެއްގެ ދަށުން މަސައްކަތްކުރުމަށް ހުއްދަ ލިބުމުން ކަމުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355