ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑާއި ރަސިޔާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މެޗުގެ ބޮޑުބައިގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އިންގްލެންޑުން އުފެއްދި ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އިންގްލެންޑުން ލީޑު ނެގީ މެޗުގެ 73 ވަނަ މިނެޓްގައި އެރިކް ޑިއޭ ޖަހައިދިން ހިތްގައިމު ހިލޭ ޖެހުމެއް ވައްދާލައިގެންނެވެ.
މި ލަނޑާއެކު އިންގްލެންޑުން މޮޅުވާން ދަނިކޮށް ރަސިޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 92 ވަނަ މިނެޓްގައި ވަސިލީ ބެރެޒޫސްކީ ބޮލުން ޖަހައިދިން ލަނޑުންނެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ދެ ޓީމު ކަމުގައިވާ ސްލޮވާކިޔާ އަދި ވޭލްސް ބައްދަލު ކުރި މެޗު 2-1 އިން ކާމިޔާބުކުރީ ވޭލްސް އިންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓްގައި ވޭލްސް ގެ ތަރި ގެރެތު ބޭލް ލަނޑެއް ޖަހާފައިވަނިކޮށް ސްލޮވާކިޔާއަށް މެޗުގެ 61 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނީ އޮންޑްރޭ ޑޫޑާ އެވެ. ނަމަވެސް މެޗު ނިމެން 9 މިނެޓަށް ވެފައި ވަނިކޮށް ވޭލްސްގެ ރޮބްސަން ކާނޫ ވަނީ ލަނޑެއް ޖަހައި ވޭލްސް މޮޅު ކޮށްދީފަ އެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ސްވިޒަލެންޑުން ވަނީ 1-0 އިން އަލްބޭނިޔާ ބަލިކޮށްފަ އެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 5 ވަނަ މިނެޓްގައި ޖަހައދިނީ ފެބިއަން ސްކާ އެވެ. މި މެޗުގެ 36 ވަނަ މިނެޓްގައި އަލްބޭނިޔާގެ ލޮރިކް ކާނާ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފަ އެވެ.
މިރޭ މި މުބާރާތުގައި ކުޅޭ މެޗުތަކަށް ބަލާއިރު 1800 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ތުރުކީ އަދި ކޮރޭސިޔާ އެވެ. 2100 ގައި ޕޮލެންޑް އަދި ނޮދަން އަޔަލެންޑް ބައްދަލުކުރާއިރު 0000 ގައި ކުޅޭނީ ޖާމަނީ އަދި ޔޫކްރެއިން އެވެ.