twitterviber whatsapp telegramfacebookyoutube instagram
19th April 2024

މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ ބަލިތަކަށް ދީނީ ނަޒަރަކުން

Jun 15, 2016

ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ބަލާއިރު ގުނާއަދަދު ނުކުރެވޭހާ ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އިޖުތިމާއީ މައްސަލަތަކުގެ ފެށުން އަންނަނީ، އެ މުޖުތަމައެއްގައި ތައުލީމާ ތަރުބިއްޔަތު ދިނުމުގެ ދާއިރާ ބަލިކަށިވެ، އިޖްތިމާއީ މައްސަލަތަކަށް އަމާޒުނުކޮށް ކުރިއަށް ގެންދެވޭ ތަރުބިއްޔަތުގެ ސަބަބުންނެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގައި އެންމެ އިސްކަމެއް ދީފައިވާ އިޖްތިމާއީ ހަމަޖެހުން ދެމިއޮންނާނެ ހަރުދަނާ އުސޫލުތައް ދޫކޮށް ދީނާ ބީރައްޓެހި ގޮތްތައް އިހުތިޔާރު ކުރާތީއެވެ.

އިޖްތިމާއީ މައްސަލަތަކުގެ ތެރޭގައި ފިތުނަފަސާދަ އުފެއްދުމާއި، ދޭދޭ ފަރުދުންގެ ސިއްރުތައް ފާޅުކުރުމާއި، ދޭތެރެޖެއްސުމާއި، ދެބައޮޑުވުމާއި އަހުލާގީ ރިވެތި ސިފަތައް ނެތުމާއި އިހުތިރާމްކުރުން ނެތި ދިއުން ހިމެނެއެވެ. މިއީ އެންމެނަށްވެސް އެނގޭ ކަންކަމެވެ. ދިވެހިރާއްޖެ ފަދަ ކުޑަކުޑަ މުޖުތަމައެއްގައި އޮންނަންޖެހޭނީ އެކުވެރިކަމާއި ކުލުނާ ލޯތްބެވެ. ތިމާގެ ކަމާއި އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި އަޅާލުމާ ލޯތްބެވެ. ފިތުނަވެރި ކަންކަމުން ދުރުހެލިވެ ކޮންމެ މީހެއްގެ ފަރުދީ ހައްގުތަކަށް އަނެކުން އިހުތިރާމްކުރަން ދަސްކުރަން ޖެހެއެވެ.

އިސްލާމްދީނުގައި މި ކަންކަމަށް ވަނީ ވަރަށް މުހިއްމު އިސްކަމެއް ދެއްވާފައެވެ. ކީރީތި ޤުރުއާނާއި މާތް ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމްގެ މަތިވެރި އިރުޝާދުތަކުން މިކަން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. މާތް ﷲ ކީރީތި ޤުރުއާނުގައި ވަޙިކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. “މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ!” އެހެން އާޔަތެއްގެ މާނައިގައި ވަނީ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަ ކަންތައްތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއަުމަށް ލޯބިކުރާނެހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ.” މި އާޔަތުންވެސް ދޭދޭ ފަރުދުންގެ މެދުގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަންގަވާފައިވާ ކަންކަމަށް ވިސްނާށެވެ. އެކަކު އަނެކަކަށް ޖާސޫސް ކުރުމާއި ނެތިމޮށުމަކީ ހަރާމްކަމެކެވެ. އަދި އެކަމުގައި ހުރި ނުބައިކަން މިއާޔަތުން އެނގިގެން ދެއެވެ.

އިސްލާމްދީނުގައި ހުރިހާ މުސްލިމުންނަކީ އަޚުންތަކެކެވެ. މާތް ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަންކަން ތިޔަބައިމީހުންގެ މުސްލިމު އަޚާއަށް އެދިއްޖެއުމަށްދާން ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވިކަމުގައި ނުވެތެވެ. ކިހާ މަތިވެރި ބުއްދިވެރި ބަސްފުޅެއްތޯއެވެ. ހަމައެކަނި މި ބަސްފުޅުންވެސް އިޖުތިމާއީ ފޭރާން ވީދި ހަލާކުވާން ދިމާވާ މައްސަލަތަކަށް ހައްލު ލިބެއެވެ. ފުރިހަމައަށް އީމާންވިކަމަށް ވަނީ، ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަންކަން ތިމާގެ އަނެއް އަޚާއަށްވެސް އެދިއްޖެއައުމަށް ދާންދެނެވެ. ނަމަވެސް މުޖުތަމައުން މިއަދު ފެންނަނީ ތިމާއަށް ކުރިއެރުން ލިބޭނެ ގޮތަކުން ކުރިއެރުން ހޯދުމެވެ. އަނެކާގެ ހައްގަކަށް ނުވަތަ މުޅި މުޖުތަމައުގެ ހައްގަކަށް އަރައިގެނެގެން ކަމަށްވީނަމަވެހެ.

އެހެން ހަދީސް ބަސްފުޅެއްގައި ވެއެވެ. ފުރިހަމަ މުސްލިމަކީ އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެ ރައްކާތެރިވެގެންވާ މީހާއެވެ. ނަމަވެސް މިއަދު މުޖުތަމައުގެ ހާލަތު މިހެންތޯއެވެ؟ މަގާމާއި ކުރިއެރުމާއި އިއްޒަތަކީ އިންސާނީ ތަބީއަތުގައި ވެސް އެ އެއްޗަކަށް ދަހިވެތިވާ އެއްޗެކެވެ. ނަމަވެސް، އެ ހޯދަންޖެހޭނީ ހުއްދަވެގެންވާ ގޮތުގައެވެ. އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރާ ހާލުގައެވެ.

އާއިލީ މައްސަލަތަކުގެ މައިގަނޑު އަސްލަކީވެސް އިސްލާމްދީނުގައި އަންގަވާފައިވާ އަހުލާގީ ސިފަތައް ދޫކޮށްލުމެވެ. އެހިސާބުން ކުދި މައްސަލަތައް އުފެދި އެންމެފަހުން އާއިލާތައް ރޫޅި ދަރިންގެ ތަރުބިއްޔަތު އުނިވެ އިތުރު މައްސަލަތަކެއްގެ ކުރި ފަޅައިގެން ދެއެވެ. މިފަދަ ކަންކަން ވިޔަނުދިނުމަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަކީ ބޯދާ ކަންކަން ކަމަށް މިއަދުގެ މުސްލިމް ބައެއް މީހުން ދެކެއެވެ. ނަމަވެސް ހަމަ އެމީހަކަށް އެމައްސަލައެއް ދިމާވުމުން، ހައްގު ގޮތް އެނގި ހާމަވާއިރު، އަސްލަކީ އިސްލާމްދީނުގެ އިމުގެ ބޭރުންކުރެވޭ ކަންކަމުގެ ނަތީޖާކަން އެ މީހަކަށް އެނގެއެވެ.

އިޖުތިމާއީ މައްސަލަތަކުގެ ހައްލަކީ އިސްލާމްދީނަށް ރުޖޫޢަވުމެވެ. އެ ދީނުގައި އަންގަވާފައިވާ ކަންކަމަށް ފުރިހަމައަށް އަމަލުކުރުމެވެ. ދޭދޭ ފަރުދުންގެ މެދުގައި ހަސަދަވެރިކަމާއި ނަފުރަތު ނައްތާލުމެވެ. އަދި މީހުންގެ ނެތިމޮށުމާއި ޖާސޫސްކުރުމާއި ފަރުދީ މިނިވަންކަމުގެ ތެރެއަށް އެހެން މީހުން ނުވަނުމެވެ. ތިމާގެ މުސްލިމު އަޚާއަށް ތިމާގެ އަމިއްލަ ނަފުސަށް އެދޭ ކަންކަން އެދުމެވެ. އަމިއްލަ ނަފުސަށް ވުމަށް ނޭދޭ ކަންކަން އެހެން މީހުންނަށްވެސް ވިޔަ ނުދިނުމަށް މަސައްކަތްކުރުމެވެ. އޭރުން އެ މުޖުތަމައެއްގައި އޮންނާއި ލޯތްބާއި އިހުތިރާމެވެ. އަޅާލުމާއި ކުލުނެވެ. ފަސާދަވެރިކަމާއި ފިތުނަވެރިކަމާއި ނާމަންކަން ނެތި ފަރުދުންގެ ހައްގުތައް ނިގުޅައިގަންނަ މަންޒަރު އޭރަކުން ނުފެންނާނެއެވެ. ދައުލަތުން ނުވަތަ އެހެން ބަޔަކު އައިސް ކަމެއް ރަނގަޅު ކޮށްދޭނެ ކަމަށް ނުތިބެ ތިމާގެ ގޭގެތެރެއިން މަސައްކަތް ފަށާށެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާށެވެ. އެ ދަރިންނަށް ހެޔޮ ރަނގަޅު ނަމޫނާއަކަށް ވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355