ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ޕޮލެންޑް ބަލިކޮށް ޕޯޗުގަލް އިން ހޯދައިފި އެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ އިތުރު ވަގުތުގެ 15 މިނެޓް ދެ ހާފު ކުޅެފަ އެވެ. ނަމަވެސް އިތުރު ވަގުތުންވެސް ނަތީޖާ ނުނެރެވުމުން މި މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި ޕޯޗުގަލް އިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައިވާއިރު ޕޮލެންޑްގެ ޔާކޫބް ބްލާސްޗިކޯވްސްކީ ޖެހި ޕެނަލްޓީ ވަނީ ޕޯޗުގަލްގެ ކީޕަރ ރުއި ޕެޓްރީސިއޯ ދިފާއުކޮށްފަ އެވެ.
ޕޯޗުގަލްގެ ކީޕަރ ރޭ ޕެނަލްޓީ ދިފާއު ކުރަނީ
މި މެޗުގެ ދެވަނަ މިނެޓްގައި ލެވަންޑޯވްސްކީ ވަނީ ކަމިލް ގްރޯސިކީ އަރިމަތިން ތިރިތިރިން ދިން ބޯޅައަކުން ޕެނަލްޓީ ސްޕޮޓް މަތީ ހުރެ ލަނޑެއް ޖަހައި ޕޮލެންޑަށް ލީޑު ހޯދާދީފަ އެވެ.
މެޗުގެ 33 ވަނަ މިނެޓްގައި ރެނާޓޯ ސަންޗޭސް ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ޕޮލެންޑްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ވަދެ ނަތީޖާ ވަނީ 1-1 އަށް ބަދަލުވެފަ އެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ބޭކާރުކޮށްލާފަ އެވެ.
ޕޯޗުގަލް އިިން ސެމީއަށް ދަތުރުކޮށްފައިވާއރު މި މުބާރާތުގައި އެ ޓީމުން ކުޅުނު 5 މެޗުވެސް 90 މިނެޓް ހަމަވީއިރު އޮތީ އެއްވަރުވެފަ އެވެ.
ރޭގެ މެޗުގައި ލެވަންޑޯވްސްކީ ލަނޑު ޖެހުމަށްފަހު
ސެމީ ފައިނަލުގައި ޕޯޗުގަލް އަށް ނުކުންނަން ޖެހޭނީ މިރޭ 0000 ގައި ބެލްޖިއަމް އާއި ވޭލްސް އާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.