ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ޕެނަލްޓީ ޖަހައިގެން އިޓަލީގެ މައްޗަށް 7-6 އިން ކުރިހޯދައިގެން ޖާމަނީ އިން ސެމީއަށް ދަތުރުކޮށްފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފު ކުޅުނުއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އިޓަލީއިން ޖެހި 9 ޕެނަލްޓީގެ ތެރެއިން 5 ޕެނަލްޓީ ވަތްއިރު ޖާމަނީ އިން ޖެހި 9 ޕެނަލްޓީގެ ތެރެއިން 6 ޕެނަލްޓީ ކާމިޔާބުކޮށްފައިވެ އެވެ.
މި މެޗުގެ ފުރަތަމަ ހާފް 0-0 އިން ނިމުނުއިރު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޖާމަނީ އިންނެވެ. މިއީ ޖޯނަސް ހެކްޓަރ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މެސުޓް އޯޒިލް ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިޔާ ތެރެއިން ޖާމަނީގެ ބޯޓެންގް ގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ އިޓަލީ އަށް ޕެނަލްޓީ އެއް ދީފަ އެވެ. ލިއޮނާޑޯ ބޮނުއްޗީ ވަނީ މި ޕެނަލްޓީ އިޓަލީއަށް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ރޭ ގެ މެޗުގައި ނޯޔާ މެޗު ކާމިޔާބުކުރި ޕެނަލްޓީ ދިފާއު ކުރަނީ
މިއީ 2008 ވަނަ އަހަރުގެ ޔޫރޯ ކުއާޓާ ފައިނަލުގައި ސްޕެއިން ކައިރިން ޕެނަލްޓީ ޖަހައިގެން އިޓަލީ ބަލިވި ފަހުން، ބުފޮން ހުރި ޓީމެއް ޕެނަލްޓީ ޝޫޓް އައުޓެއްގައި ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޕެނަލްޓީ ޝޫޓް އައުޓްގައި ޖެހިޖެހިގެން 21 ޕެނަލްޓީ ނާކާމިޔާބު ނުވެ ޖަހަމުން އައި ޖާމަނީ އިން ޖެހި ޕެނަލްޓީއެއް ނާކާމިޔާބުވި މެޗެވެ.
މީގެ ކުރިން ޔޫރޯގެ ތާރީޚްގައި ޖާމަނީ އިން ޕެނަލްޓީ ޝޫޓް އައުޓްގައި ޖެހި ޕެނަލްޓީ ތަކުން ނާކާމިޔާބުވެފައި ވަނީ ޖުމްލަ 2 ޕެނަލްޓީ އެވެ.
މިއީ 2006 ވަނަ އަހަރުން ފެށިގެން އެ ޓީމުން ކުޅުނު ހުރިހާ މުބާރާތެއްގެ ސެމީގައި ވާދަކޮށްފައިވާ ޖާމަނީއަށް އިޓަލީ ކައިރިން މުބާރާތެއްގައި މޮޅުވެވުނު ފުރަތަމަ ފަހަރެވެ.
ޖާމަނީ އަށް ސެމީގައި ބައްދަލުކުރަން ޖެހޭނީ މިރޭ ކުއާޓާގައި ފުރާންސާއި އައިސްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.