twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި، ފެންގަނޑު ބޮޑުވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް

Aug 23, 2016

އިއްޔެ އާއި މިއަދު ބޯކޮށް ކުޅުދުއްފުއްޓަށް ވާރޭވެހި ފެންގަނޑު ބޮޑުވުމުން ހިންގާ ބިންގާވެ އުޅުމަށާއި އާއްމު ދަތުރުތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އެބަދެ އެވެ.

އާއްމުކޮށް ވިއްސާރަ ދުވަސްވަރަކީ ކުޅުދުއްފުށީ މަގުތަކުގައި ފެންގަނޑު ބޮޑުވެ ޗަކަވާ މަގުތަކެކެވެ. ކުޅުދުއްފުއްޓަށް މިހާރު ކުރަމުންދާ ވިއްސާރަގައި ބައެއް ސަރަހައްދުތަކުގައި ފޫޓަށް ފެން ބޮޑުވެފައި އެބަހުއްޓެވެ. އަދި ފެންގަނޑު ނެތް އެންމެ މަގެއްވެސް ކުޅުދުއްފުއްޓަކު ނެތެވެ.

ފެންގަނޑު ބޮޑުވުމުން އެންމެ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދަނީ ސްކޫލުތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންށެވެ. ކުޅުދުއްފުށީގައި ހުންނަ 5 ސްކޫލަށް ދާން އޮންނަ މަގުތަކުގައި ފެންގަނޑު ބޮޑެތި ފެންގަނޑުތަކެއް ހުރިއިރު ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 ހަމައަށް ކިޔަވއިދޭ އަފީފުއްދީން ސްކޫލު ވަށާ ވަނީ ފެންގަނޑު ބޮޑުވެ އެސްކޫލަށް ދާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މިކަމާ ގުޅިގެން ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އިއްޔެވެސް ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި މަގުތަކުގައި ހެދިފައިހުރި ފެންގަނޑުތައް ހިއްކައިދިނުމަށް އެދި ކުޅުދުއްފުށީ ޕަބުލިކް ވޯކްސްގައި ދަންނަވާފައިވާ ކަމަށެވެ.

” މީގެ ކުރިން ކުޅުދުއްފުށީ ޕަބުލިކް ވޯކްސް އޮތީ ކައުންސިލުގެ ބެލުމުގެ ދަށުން އެކަމަކު އެންގިވަޑައިގަންނާނެ މިހާރު ޕަބުލިކް ވޯކްސް އެހިންގަނީ ސީދާ މާލެއިން، ހައުންސިންގ މިނިސްޓްރީ. އެބޭފުޅުންނަށް އަޅުގަނޑުމެން އޮންނާނީ އެކަންބޮޑުވުންތައް ފާޅުކޮށްފައި. އިއްޔެވެސް ވާނީ އަންގާފަ ” އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އެމްއާރުޑީސީގެ އެހީތެރިކަމާއެކު އަދި އަފީފުއްދީން ސްކޫލުގެ ބެލެނިވެރިންގެ އެހީއާ އެކު އަފީފުއްދީން ސްކޫލަށް ވަދެވޭ ވަރަށް ވެލިއެޅުމުގެ މަސައްކަތް މިއަދު ކުރާނެ ކަމަށެވެ.

މިބާވަތުގެ މަސައްކަތްތައް ކުރުމަށް ސަރުކާރުން މުސާރަދީ ކަނޑައަޅާފައި ތިބޭ ބަޔަކީ ޕަބްލިކް ވޯކްސް އެވެ. ހައުންސިންގ މިނިސްޓްރީގެ ދަށަށް ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ބަދަލުކުރިފަހުން މަގުތަކުގެ ހެދޭ ފެންގަނޑުތައް ހިންދަން މަސައްކަތް ނުކުރާކަމަށް ގިނަ ރައްޔިތުންދަނީ ބުނަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355