ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖްގައި ލެސިސްޓާއާ އެކު ދެ މެޗުން ދެ މޮޅު ހޯދި ޓީމުތަކަށް އެތުލެޓިކޯ، ބާސެލޯނާ އަދި ނަޕޯލީވެއްޖެ އެވެ.
ރޭ ގުރޫޕް ސްޓޭޖްގައި އެތުލެޓިކޯއިން ވަނީ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކުގެ މައްޗަށް 1-0 އިން ކުރިހޯދާފަ އެވެ. ބަޔާންގެ އާ ކޯޗު އެންޗެލޯޓީ ޓީމާ ހަވާލުވި ފަހުން މީގެ ކުރިން ކުޅުނު 8 މެޗުންވެސް މޮޅުވެފައިވާއިރު މި މެޗުގައި ބަޔާން ބަލިވީ އެތުލެޓިކޯގެ ޔަނިކް ކަރާސްކޯ މެޗުގެ 35 ވަނަ މިނެޓްގައި ޖަހައިދިން ލަނޑާއެކު އެވެ. މި މެޗުގައި އެތުލެޓިކޯއަށް ލިބުނު ޕެނަލްޓީއެއް ގުރިޒްމަން ޖެހިއިރު، ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ގުރޫޕް ޑީ ގެ އަނެއް މެޗުގައި ރަސިޔާގެ އެފްސީ ރޮސްޓޯވް އަދި ޕީއެސްވީ އެއިންދޮވެން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ގުރޫޕް ސީ ގެ މެޗުތަކަށް ބަލާއިރު ބާސެލޯނާއިން ވަނީ ފަހަތުން އަރާ 2-1 އިން ބޮރޫޝިޔާ މޮންކެންގްލެޑްބެކް ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި މޮންކެންގްލެޑްބެކް ގެ ތޯގަން ހަޒާޑް ލަނޑު ޖަހާފައި ވަނިކޮށް ފަހު ހާފުގައި ބާސާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އާޑާ ޓޫރާން އަދި ގެރާޑް ޕީކޭ އެވެ.
ރޭގެ މެޗުގައި ޕީކޭ ލަނޑު ޖެހުމަށްފަހު – ފޮޓޯ: ޑެއިލީ މެއިލް
މި ގުރޫޕްގެ އަނެއް މެޗުގައި ސެލްޓިކް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރިއިރު، ފޯރިގަދަ ކުޅުމަކަށްފަހު މެޗު ނިމިގެން ގޮސްފައިވަނީ 3-3 އިން އެއްވަރުވެގެންނެވެ. ގާޑިއޯލާ ސިޓީއާ ހަވާލުވި ފަހުން މީގެ ކުރިން ކުޅުނު ހުރިހާ މެޗެއްވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ސެލްޓިކްގެ އަމިއްލަ ދަނޑުގައި ކުޅުނުއިރު މި މެޗުގައި އެ ޓީމުން ވަނީ ތިން ފަހަރަށް ލީޑު ނަގާފަ އެވެ. މޫސާ ޑެމްބޭލޭ އެ ޓީމަށް ދެ ލަނޑު ޖަހައިދިންއިރު އަނެއް ލަނޑަކީ ސިޓީގެ ސްޓާލިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސިޓީގެ ލަނޑުތައް ޖަހައިދިނީ ފެނާންޑީނިއޯ، ސްޓާލިން އަދި ނޮލީޓޯ އެވެ.
ގުރޫޕް އޭ ގެ މެޗުތަކަށް ބަލާއިރު، ތިއޯ ވޮލްކޮޓްގެ ދެ ލަނޑާއެކު އާސެނަލްއިން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ބާސެލް ބަލިކޮށްފަ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ޕީއެސްޖީއިން ވަނީ ފަހަތުން އަރާ ބަލްގޭރިއާގެ ލޫޑޯގޮރެޓްސް ރަޒްގްރެޑް 1-3 އިން ބަލިކޮށްފަ އެވެ. މެޗުގެ 16 ވަނަ މިނެޓްގައި ނަތާނައެލް ހިލޭ ޖެހުމަކުން ލަނޑު ޖަހައި ލީޑު ނެގި ނަމަވެސް ޕީއެސްޖީގެ ކަވާނީގެ ދެ ލަނޑާއި މަޓުއިޑީގެ ލަނޑަކުން ޕީއެސްޖީ ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ލޫޑޯގޮރެޓްސް އަށް 2-2 އަށް ނަތީޖާ ބަދަލުކޮށްލަން ޕެނަލްޓީއެއް ލިބިފައިވާއިރު ކޮސްމިން މޯޓީ ޖެހި ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެ އެވެ.
ރޭގެ މެޗުގައި ދެ ލަނޑު ޖެހި ވޮލްކޮޓް – ފޮޓޯ: ޑެއިލީ މެއިލް
ގުރޫޕް ބީ ގައި ނަޕޯލީއިން 4-2 އިން ބެންފީކާ ބަލިކުރިއިރު ބެސިކްޓަސް އަދި ޑައިނަމޯ ކިއެވް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަޕޯލީގެ މާޓެންސްގެ ދެ ލަނޑާއި ހަމްސިކް އަދި މިލިޗްގެ ގެ ލަނޑުތަކުން 4-0 ގެ ލީޑެއް ނަގާފައިވަނިކޮށް ބެންފީކާއިން ޖެހި ދެ ލަނޑު ޖަހައިދިނީ ގުއެޑޭސް އަދި ސަލްވިއޯ އެވެ. އަނެއް މެޗުގައި ބެސިކްޓަސް ގެ ކުއަރެސްމާ ލަނޑު ޖަހާފައި ވަނިކޮށް ޑައިނަމޯއިން އެއްވަރުކުރި ލަނޑު ޖެހީ ވިކްޓާ ސިގަންކޯވް އެވެ.
މެޗު ޑޭ ތިނެއްގެ މެޗުތައް އޮންނާނީ އޮކްޓޫބަރު 18-19 ގަ އެވެ.