ރޭ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖްގެ މެޗު ޑޭ ހަތަރެއްގެ މެޗުތައް ކާމިޔާބު ކޮށް އެތުލެޓިކޯ، ބަޔާން، ޕީއެސްޖީ އަދި އާސެނަލް ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
އެންޓޮއިން ގްރިޒްމަން މެޗުގެ 94 ވަނަ މިނެޓްގައި ޖަހައިދިން ލަނޑާއެކު އެތުލެޓިކޯއިން ވަނީ 2-1 އިން އެފްސީ ރޮސްޓޯވް ބަލިކޮށްފަ އެވެ. މި މެޗުގައި ގްރިޒްމަން ފުރަތަމަ ހާފު ލަނޑެއް ޖަހާފައިވާއިރު އެފްސީ ރޮސްޓޯވްގެ ސަރުދާރު އަޒްމޫން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެތުލެޓިކޯއަކީ ގުރޫޕް ސްޓޭޖްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކުރެވުނު ހަމައެކަނި ޓީމެވެ.
ރޭ އެތުލެޓިކޯ އާއި ރޮސްޓޯވް ކުޅުނު މެޗުގެތެރެއިން
މި ގުރޫޕުން ދެވަނަ ބުރުގެ ޖާގަ ދެން ހޯދި ބަޔާންއިން ދެވަނަ ބުރުށް ދަތުރުކުރީ ރޮބަޓް ލެވާންޑޯވްސްކީގެ ދެ ލަނޑާއެކު ވަނީ 2-1 އިން ޕީއެސްވީ ބަލިކޮށްގެންނެވެ.
އާސެނަލްއިން ދެވަނަ ބުރަށް ދަތުރުކުރީ ފަހު ވަގުތު އޯޒިލް ޖަހައިދިން ލަނޑުން ފަހަތުން އަރައި 3-2 އިން ޕީއެސްވީ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ 15 މިނެޓްގައި ލޫޑޯގޮރެޓްސްގެ ކުޅުންތެރިންވަނީ ދެ ލަނޑު ޖަހައި 2-0 ގެ ލީޑެއް ހޯދާފަ އެވެ. އާސެނަލް އަށް ދެން ލަނޑު ޖަހައިދިނީ ޒާކާ އަދި އޮލިވިއާ ޖިރޫ އެވެ.
މި ގުރޫޕުން ޕީއެސްޖީން ވެސް ޖާގައެއް ކަށަވަރުކުރީ ފަހު ވަގުތު ކާމިޔާބުކުރެވުނު ލަނޑުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތޯމަސް މިއުނިއާ އެވެ. މަޓުއިޑީ ލަނޑު ޖަހައި ލީޑު ނަގައިދީފައިވަނިކޮށް ބަސެލްއިން ނަތީޖާ ހަމަހަމަކުރީ ލުކާ ޒޫފީ ޖަހައިދިން ލަނޑުންނެވެ.
ބަޔާން އާއި ޕީއެސްވީ ކުޅުނު މެޗުގެ ތެރެއިން
ގުރޫޕް ބީގައި ބެސިކްޓާސް އަދި ނަޕޯލީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބެސިކްޓަސްގެ ރިކާޑޯ ކަރެސްމާ ލަނޑު ޖަހައި ލީޑު ނަގާދީފައިވަނިކޮށް ނަޕޯލީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަރެކް ހަމްސިކް އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި އެޑުއާޑޯ ސަލްވިއޯގެ ހަމައެކަނި ލަނޑާއެކު ބެންފީކާއިން ވަނީ 1-0 ޑައިނަމޯ ކިއެވް އިން ބަލިކޮށްފަ އެވެ. މި މެޗުގައި ޑައިނަމޯއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރެވިފައެއް ނުވެ އެވެ.
ގުރޫޕް ސީގެ މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީއިން ވަނީ 3-1 އިން ބާސެލޯނާ ބަލިކޮށް ބާސެލޯނާއިން މޮޅުވަމުން އައި އައުން ހުއްޓުވާފަ އެވެ. މި މެޗުގައި މެސީ ލަނޑު ޖަހައި ބާސާއަށް ލީޑު ހޯދާދީފައިވަނިކޮށް ސިޓީއިން މެޗު ކާމިޔާބުކުރީ ގުންޑޯގަންގެ ދެ ލަނޑާއި ކެވިން ޑި ބުރުއިނޭ ގެ ލަނޑުތަކުންނެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ބޮރޫސިޔާ މޮންކެންގްލެޑްބެކް އަދި ސެލްޓިކް ކުޅުނު މެޗު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިރޭވެސް ޗެމްޕިއަންސް ލީގުގައި ގުރޫޕް ސްޓޭޖްގެ 8 މެޗު ކުޅެވޭނެ އެވެ.