ކުޅުދުއްފުއްޓަކު އެއާޕޯޓެއް ނާޅާނެކަމަށާއި އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްކަމަށް ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ބުނެފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ އީއައިއޭ ރިޕޯޓް ހިއްސާކުރުމަށް ރައްޔިތުންނަށް ހުޅުވާލައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަދެއްކި ގިނަ ރައްޔިތުންތަކެއް ބުނީ ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅާނެކަމަށާއި އެއީ ސަރުކާރުން މިރަށުގެ ރައްޔިތުންގެ ލޮލުގަ އަޅުވާ އަނދުނެއްކަމަށް ބުނެފަ އެވެ.
ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ 2 އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓް އަޅުއްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެ އެވެ. މިދިޔަ އަހަރު ހދ ގެ ބައެއް ރަށްތަކަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި ހދ ހިރިމަރަދޫ އާއި ނެއްލައިދޫ އަދި މަކުނުދޫގައި ވާހަކަދައްކަވަމުން ވިދާޅުވީ މިއަހަރު ކުޅުދުއްފުށީގައި އެއާޕޯޓް އަޅައި ހިދުމަތްވެސް ދޭނެކަމަށެވެ.
އީއައިއޭ ރިޕޯޓް ހެދުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ ތެރެއިން ބައެއް މީހުން ބުނީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް އެއާޕޯޓްގެ ވާހަކަ ދައްކަނީ ސަރުކާރަށް ވޯޓް ހޯދުމުގެ ބޭނުމުގަ ކަމަށެވެ.
“މިހާރުވެސް އެއާޕޯޓްގެ 2 ވަނަ އީއައިއޭ ހަދަން ތިއުޅެނީ، ކުރިން ހެދި އީއައިއޭ ރިޕޯޓް ކޮބާ ތޯ، އެ ރިޕޯޓަށް ކިހެެނެއް ތޯ ވީ” ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތަކުން ބުންޏެވެ.
ޖަލްސާ ހޫނުވެ ނިންމާލިއިރުވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ގޮވަމުން ދިޔައީ ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅާނެކަމަށާއި އެެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްކަމަށެވެ.
އެ ރައްޔިތުން ގޮވަމުންދިޔައީ އެއާޕޯޓެއް އަޅަންޏާ އަޅާނެހާ ދުވަސް މިހާރު ވެއްޖެކަމަށާއި ސަރުކާރަކު ކުރަން އުޅޭނަމަ އެކަން މިހާރު އޮތީހީ ވެފަ ކަމަށެވެ.