twitterviber whatsapp telegramfacebookyoutube instagram
1st July 2025

ކުޅުދުއްފުށީ ޓުއަރިޒަމް ބޯޑްގެ ޗެއާއަކަށް އަލީ، ވައިސް ޗެއާއަކަށް އަބުދުލްލަތީފް

އަބްދުލް ވާހިދު ޙަސަން
Jul 1, 2025
1

ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރުމާއި، ބެލެހެއްޓުމާއި، މާކެޓްކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެކުލަވާލި ޓުއަރިޒަމް އެޑްވައިޒަރީ ބޯޑް އިފްތިތާހުކޮށްފި އެވެ.

މިބޯޑު އިފްތިތާހް ކޮށްފައިވަނީ އެކަމަށްޓަކައި ރޭ ލަގޮނޑި މާލިމީ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި މޭޔަރު މުހައްމަދު އާތިފެވެ. މި ރަސްމިއްޔާތުގައި ބޯޑު މެމްބަރުންގެ އިގުރާރުގައި ސޮއިކުރުމާއި ބޯޑުގެ އިފްތިތާހީ ބައްދަލުވުން ބާއްވާފައިވެއެވެ. އަދި މި ބައްދަލުވުމުގައި ބޯޑުގެ ވައިސް ޗެއަރ ޕާސަން އިންތިހާބުކޮށްފައިވެ އެވެ.

އެގޮތުން ބޯޑްގެ ވައިސް ޗެއާ ޕާސަން އިންތިހާބުކުރުމަށް ހުޅުވާލި ފުރުސަތުގައި ދެ ބޭފުޅަކު ކުރިމަތިލިލެއްވި އެވެ. އެއީ އަބުދުލްލަތީފް މުހައްމަދާއި އަހުމަދު ޖައިލަމެވެ. މި ދެ ބޭފުޅުންނަކީވެސް އާންމުގެ ތެރެއިން ހޮވުނު ދެ މެންބަރުންނެވެ. މީގެ ތެރެއިން ބޮޑު އަގުލަބިއްޔަތަކުން ވައިސް ޗެއާގެ މަގާމަށް އިންތިހާބުވީ އަބުދުލް ލަތީފް މުހައްމަދެވެ.

ދެ އަހަރު ދުވަހަށް އެކުލަވާލި މި ބޯޑް ހިމެނެނީ ކައުންސިލުން ދެ މެންބަރަކާއި އިދާރީ މުވައްޒަފެއްގެ އިތުރުން އާންމުގެ ފަރާތުން 6 މެންބަރެކެވެ. އެގޮތުން ބޯޑް ޗެއާ ޕާސަންގެ މަގާމަށް ހަމަޖެއްސެވީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ. ފައިނޭންސް، ތިމާވެށި އަދި ތަރައްގީގެ ދާއިރާއަށް ހާއްސަ ފޯކަސް އެއް ގެންގުޅުއްވާ، އަލީ އަހުމަދަކީ ލަންޑަންގެ މިޑިލްސެކްސް ޔުނިވާސިޓީއިން ބިޒްނަސް އެންޑް މާރކެޓިންގެ ދާއިރާއިން ބެޗެލަރ އޮފް އޮނަރސް ހާސިލްކުރައްވާފައިވާ، ލޯކަލް ގަވަރނަންސްގެ ދާއިރާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކެވެ.

އަދި ސިޓީގެ އިބަމަ ކޮމިޓީ، ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ، ސިޓީ ކައުންސިލްގެ ޕްލޭނިންގ އެންޑް ހައުސިންގ ކޮމިޓީ، ސިވިކް އެންގޭޖްމަންޓް އެންޑް ސްޕޯޓްސް ކޮމިޓީ އަދި އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮމިޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އަދި ޔޫ.އެންގެ މޭކިންގ ސިޓީސް ރެސިލިއަންޓް ކެމްޕޭންގައިވެސް އިސްދައުރެއްވެސް އަލީ އަދާކުރައްވަ އެވެ.

ވައިސް ޗެއާ ޕާސަންގެ މަގާމަށް އިންތިހާބުކުރެއްވި އަބުދުލް ލަތީފް މުހައްމަދަކީ ސިންގަޕޫރުގެ ޕޮލިޓެކްނިކުން މެރިޓައިމް ސްޓްޑީސްގެ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތު އަދާކުރައްވަމުންގެންދަވާ މަގާމަކީ ކުޅުދުއްފުށީ ޕައިންޓްރީ ވިޔު ގެސްޓްހައުސްގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ.

އަބުދުލް ލަތީފަކީ މެރިން އޮޕަރޭޝަންސްއާއި ހޮސްޕިޓާލިޓީ މެނޭޖްމަންޓްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި، ގެސްޓްހައުސް ހިންގުމާއި، މުވައްޒަފުން މެނޭޖްކުރުމާއި، ސްޓްރެޓެޖިކް ޕްލޭނިންގ އަދި ހެލްތް އެންޑް ސޭފްޓީ ކޮމްލަޔަންސް ދާއިރާގެ އަމަލީ މަސައްކަތްތަކުގައި މިހާރުވެސް ހަރަކާތްތެރިވާ ބޭފުޅެއްކެވެ.

ކައުންސިލްގެ ފަރާތުން ބޯޑުގައި އިންނަވާ ދެވަނަ މެންބަރަކީ ރިލްވާން މުހައްމަދެވެ. އަދި އިދާރީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސެވީ ބިޑްނަސް ޑިވެލޮޕްމެންޓް ޔުނިޓްގެ ހެޑް، އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ނަހުޒާ ހަސަނެވެ. އާންމުގެ ތެރެއިން ހިމެނެނީ އަބުދުލް މުހައިމިނު / ކުޅުދުއްފުށި، އަބުދުﷲ ނިޝާން / ހދ ވައިކަރަދޫ، އަހުމަދު ޖައިލަމް އަބުދުއްސައްތާރު / ކުޅުދުއްފުށި، ހުސެއިން ސިމާދު / ކ. މާލެ، އަހުމަދު އަސްލަމް / ކުޅުދުއްފުށި އެވެ.

ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު މެމްބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ؛

- ފަތުރުވެރިކަމާއި ގުޅުންހުރި ކައުންސިލްގެ ސިޔާސަތުތައް އެކުލަވާލުމުގައި ލަފާދިނުން؛

- ކުޅުދުއްފުށި ސިޓީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް މާކެޓިންގ ސްޓްރެޓެޖީތައް އެކުލަވާލުމުގައި ލަފާދިނުން؛

- ލޯކަލް އަދި ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ރަށުގައި ހުރި ފުރުޞަތުތައް ދެނެގަތުން؛

- ފަތުރުވެރިކަމާއި ގުޅުންހުރި މައްސަލަތަކުގައި ދިރާސާކޮށް، ރައްޔިތުންގެ ޚިޔާލުހޯދުމަށް މަސައްކަތްކުރުން؛

- ފަތުރުވެރިމަކާއި ގުޅުންހުރި ދާއިރާތަކުގެ މަސައްކަތްކުރައްވާ މަސްލަހަތުވެރިންނަށް ބޭނުންވާ ލަފާދިނުން

- ދެމެހެއްޓެނިވި، ތިމާވެށްޓަށް އަހައްމިއްޔަތުކަންދޭ ފަތުރުވެރިކަމެއް ކުރިއަރުވަން މަސައްކަތްކުރުން؛

- ފަތުރުވެރިކަމާއި ގުޅޭ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް މަސައްކަތްކުރުން؛

- ފަތުރުވެރިކަމާއި ގުޅޭ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް މަސައްކަތްކުރުން؛

- ފަތުރުވެރިކަމާއި ގުޅޭ ޚިދުމަތްތައް އެނަލައިޒްކޮށް ރަނގަޅު ކުރެވެން ހުރި ކަންކަން ފާހަގަކޮށްދިނުން.

މިއަހަރުގެ ކައުންސިލްގެ މަސައްކަތުތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށުފެންވަރުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަނަށް އަންނަންވާއިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް މި ސިނާއަތުގެ މަންފާ ލިބޭނޭގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުމުގެ މުހިއްމު މަގުސަދުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355