ތިލަދުންމައްޗަށް ފަތުރުވެރިން ޝައުގުވެރިކުރަން ކުޅުދުއްފުށީ ތިލާގައި ޝިޕްރެކް އެއް ހެދުމަށް ނިންމާފައިވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތިދުވަހު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ކުޅުދުއްފުށީ ތިލާގައި ޝިޕްރެކެއް ހެދުމަށް ނިންމީ މި ސަރަހައްދަށް ފަތުރުވެރިން އެރުވޭނެ ގޮތަށް ފަހިކުރުމަށް ކަމަށެވެ.
"ރަށު ތިލާގައި [ކުޅުދުއްފުށީ]ޝިޕްވްރެކެއް ހެދުމަށް އަޅުގަނޑުމެން ނިންމީ. އެއީ ޓޫރިސްޓް އެޓްރެކްޝަނެއް ގޮތަށް. ޓޫރިސްޓުން ޝައުގުވެރިވާނެ ތަންތަން މި ސަރަހައްދުގައި އުފެއްދުމަށްޓަކާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށްޓަކާ. ފުދުންތެރިކަން އިތުރުކުރުމަށްޓަކާ." މޭޔަރު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ތިލައަކީ، ކުޅުދުއްފުއްޓާއި ކުމުންދޫއާ ދެމެދު އޮންނަ ތިލަ އަކަށެވެ.
އާތިފް ވިދާޅުވީ، ވޯޓަރ ސްޕޯޓްސްގެ ހިދުމަތާއި ޑައިވިންގ ސްކޫލެއްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބިން ދޫކުރަން ނިންމާ އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު ހުޅުވާލާފައިވާނެ ކަމަށެވެ.