ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ފަށައިގަނެފައި ނޫނިއްޔާ ރާއްޖޭގެ އެހެން އެއްވެސް އެއާޕޯޓްގެ މަސައްކަތެއް ސަރުކާރުން ނުފަށާނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް މުސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ލޯކައުންސިލްގެ ގޮނޑިތަކަށް ކުރިމަތިލާ ކެނޑިޑޭޓުންނާއެކު ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ “ރާއްޖޭގައި އެހެން އެއާޕޯޓް އެޅުމުގެ ވިސްނުމެއް ސަރުކާރަކު ނެތޭ ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް ފަށާގަނެފަ ނޫނިއްޔަކާއެއް” ކަމަށެވެ.
ސަރުކާރުން އެންމެ ފަހުން ސޮއިކުރެވިގެންދިޔަ 5 އެއާޕޯޓްގެ ތެރެއިން ރައީސް ޔާމީންގެ އެންމެ އިސްކަން ދެއްވަނީ ކުޅުދުއްފުއްޓާއި ށ ފުނަދޫ އެއާޕޯޓަށް ކަމަށް ޒަމީރު ވިދާޅުވި އެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ އީއައިއޭ ހެދުމަށް އައި ކޮންސަލްޓަންޓް، ކޮންސަލްޓަންސީ ރިޕޯޓް ހުށަހެޅުމުން މޯބަލައިޒް ކުރުމުގެ ހުއްދަ އެންވަރމަންޓް މިނިސްޓްރީ ދޭނެކަމަށާއި އެކަން އަވަސްކޮށް ދިނުމަށް މިހާރުވަނީ އެދިފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފުނަދޫގެ އީއައިއޭ ރިޕޯޓް މިހާރު ނިމި މޯބަލައިޒޭޝަންގެ މަސައްކަތްތައް ފަށާފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.
“މޯބަލައިޒްކުރާ ޓީމް އަންނަ ހަފްތާތެރޭގައި ކުޅުދުއްފުއްޓަށް އަންނާނެކަމަށް އަޅުގަނޑު ޔަގީންކަން ދެނީ އެހެން އެއާޕޯޓެއްގެ މަސައްކަތް ފަށާނީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ފަށާގަނެފަ” ޓުރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
އެއާޕޯޓްގެ މަސައްކަތް ފެށިގެންދާއިރު އެ އެއާޕޯޓަކީ ފީޒިބަލް ތަނެއްގެ ގޮތުގައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި، އެހެންކަމުން ޓޫރިޒަމްގެ ސިނާޔަތް ކުޅުދުއްފުއްޓާއި ކައިރި ސަރަހައްދުތަކުގައި ތަރައްގީކުރުމުގެ މަޝްވަރާތައް ކުރެވިފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.
” މިސާލަކަށް ކުޅުދުއްފުއްޓާ އެންމެ ކައިރިން ރަށެއް ކަނޑައަޅާ އިންޓަރގުރޭޓެޑް ޓުރިޒަމް ތަރައްގީކުރުމަށް. އެކަމަކު އަދި ވަކި ރަށެއް އަޅުގަނޑުމެން ކަނޑައެއް ނާޅަން. މިސާލަކަށް ހދ ކޭލަކުނުވެސް ހެދިދާނެ އިންޓަރގުރޭޓެޑް ޓޫރިޒަމް ތަރައްގީކުރުމަށް. އައްޑޫގައި ފަށާގަތް ކަހަލަ އިންޓަރގުރޭޓެޑް ޕްރޮޖެކްޓެއް މިކޮޅުގައިވެސް ފަށާގަތްނަށް އަޅުގަނޑު ވާނީ އެމްޓީޑީސީއާއެކު ވެސް މަޝްވަރާކޮށްފަ ” މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.