twitterviber whatsapp telegramfacebookyoutube instagram
20th April 2024

2018 ގެ ކެމްޕެއިންނަށް ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މަތިންދާ ބޯޓްގަ: ނިހާން

May 3, 2017

2018 ގެ ރިޔާސީ ކެމްޕެއިންނަށް ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މަތިންދާ ބޯޓްގަކަމަށް ޕީޕީއެމް ޕީޖީގެ ގުރޫފްގެ ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ދެވަނަ ދައުރަކަށް ވަރަށް ސާފު، ސާދާކޮށް ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް ތައްޔާރުވެވަޑައިގެން، އަދި އެ ކެމްޕެއިންނަށް ކުޅުދުއްފުއްޓަށް އެމަނިކުފާނު ވަޑައިގަންނަވާނީ މަތިންދާ ބޯޓްގަ ކަމަށް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވީ އެ ދަތުރުފުޅުގައި އާދޭސް ދަންނަވައިގެންވިޔަސް އެމަނިކުފާނާއެކު މަތިންދާ ބޯޓްގައި ކުޅުދުއްފުއްޓަށް ވަޑައިނެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.

2018″ ވަނަ އަހަރަށް ވަރަށް ސާފު، ވަރަށް ސާދާ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް ރައީސް ޔާމީން އެހުންނެވީ ދެވަނަ ދައުރަށް ތައްޔާރުވެވަޑައިން. ﷲ އިރާދަކުރެއްވިއްޔާ އެ ކެމްޕެއިންނަށް އެމަނިކުފާނު(ކުޅުދުއްފުއްޓަށް) މިރަށަށް ވަޑައިގަންނަވާނީ މަތިންދާ ބޯޓްގަ. އަދި އަޅުގަނޑު ދުނިޔޭގަ ހުރެއްޖެކަމަށްވާ ނަމަ ރޮއިހޭރި އާދާސްކޮށްގެން ނަމަވެސް އެ މަނިކުފާނާއެކުގައި އެބޯޓްގައި މިރަށްށަށް ޖެއްސޭތޯ އަޅުގަނޑު މަސައްކަތްކުރާނަން” ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ 10 ހާހާ ގާތަށް ދާ އާބާދީއެއް އެއްރަށެއްގައި އޮތް މި މުހިއްމު ރަށްށާ ބެހޭ ގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެމްޕެއިން ޓީމުން ވެފައިވާ ވައުދެއްގެ ވާހަކައަކީ ހަމަ ކޮންމެ ދުވަހަކު މެ އެބޭފުޅާގެ ސަމާލުކަން ދެންވާ ކަމެއް ކަމަށެވެ. އެކަން އެ ބޭފުޅާގެ ސޯޝަލް މީޑީއާ މެދުވެރިކޮށް ކުރާ ޓްވީޓްތަކުންނާއި ފޭސްބުކްއަށްލާ ސްޓޭޓަސްތައް ބައްދަލާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ

” މިކުޅުދުއްފުށީގެ އެއާޕޯޓްގެ ހަބަރެއް ވޭތޯ މިރަށުން ބޭރު މީހެއްގެ ހައިސިއްޔަތުން އެންމެ ގިނައިން އެކަމަށް ޝައުގުވެރިވާ އެކަކަކީ އަޅުގަނޑު. ތިޔަ އިޒައްތެރި ރައްޔިތުން ގާތު ބުނެލަން ބޭނުންވޭ މިއީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއްވާ” ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް ލަސްވި ލަސްވުމަކީ ހަގީގަތުގައިވެސް ލަސްވިކަން އެމަނިކުފާންވެސް ގަބޫލުފުޅުކުރައްވާ ކަމެއް ކަމަށާއި އެކަމުގައި ތަފާތު ބައިވަރު ސަބަބުތައް އެބަހުރިކަމަށެވެ.

“ކުޅުދުއްފުށީގެ އެއާޕޯޓަށް ﷲ އިރާދަކުރެއްވިއްޔާ މަތިންދާ ބޯޓްގައި ފުރަތަމަ ތިރިކުރާ މީހުންގެ ތެރޭގައި އަޅުގަނޑު ހުންނާނެ. އަޅުގަނޑު ވަރަށް އެދޭކަމެއް އެއީ ވާން” ނިހާން ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް ގާއިމްކުރުމަކީ ރައީސް ވެސް ކޮންމެހެން ކުރަން ބޭނުންވެ އަދި ނުކުރެވި އޮތްކަމެއް ކަމަށެވެ. އެކަން ނުވެ އޮތުމުގައި ބައިވަރު ސަބަބުތައް އެބަހުރި، އެވާހަކަތަކާއި އެ ފަސާނާ އަލުން ބަލުން އެ ސަފްހާތަކާއި އެޑައިރީތަކަށް ނުގޮސް ކުރިމަގުގައި މިތާ އަވަހަށް މިކަން ނިންމުމުގެ އަޒްމު ފިޔަވާ އިތުރު އެއްވެސް އަޒްމެއް މިހާރަކު އެއްވެސް މީހެއްގެ ނެތްކަމަށް ނިހާން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355