twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރޯޑް ޑިވައިޑަރު ޖެހުމުން، މަގު ހަނިވެ ޝަކުވާ ބޮޑުމުން މަސައްކަތް މަޑުޖައްސާލުމަށް ކައުންސިލުން އެދެފި

Jun 5, 2017

ކުޅުދުއްފުށީގެ އުތުރު ބަނދަރުގެ މައި މަގުގައި ރޯޑް ޑިވައިޑަރު ޖެހުމުން މަގު ހަނިވުމުން ޝަކުވާބޮޑުވެ، ކައުންސިލުން އެކަން މަޑުޖައްސާލުމަށް އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންގެ ފަރާތުން އެދިއްޖެ އެވެ.

ބަނދަރުގެ މަގު ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެމަގުގެ ޖެޓީ ކައިރި ދުވާލުމަށް ކާބްސްޓޯން ޖަހާ ވަނީ ނިންމާލާފަ އެވެ. މަގު ދެބައި ކުރުމަށް ރޯޑް ޑިވައިޑަރުތައް ޖަހަން ފަށާފައިވަނީ އިއްޔެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް މިއަދު ވިދާޅުވީ ޑިވައިޑަރު ޖެހުމުން މަގު އެތަށް ތަނެއް ހަނިވެ، މަގު ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވާނެތީ އާއި އެކަމުގައި ރައްޔިތުންގެ ޝަކުވާބޮޑުވުމުން ޑިވައިޑަރުތައް ޖެހުން މަޑުޖައްސާލުމަށް އެދިފައިވާނެ ކަމަށެވެ.

އަބުދުލް ލަތީފް ވިދާޅުވީ ކައުންސިލްގެ ފުރަތަމަ މަސައްކަތްތައްވެސް ފަށައިގަތީ ރައްޔިތުންގެ އެ ޝަކުވާތަކާއެކު ކަމަށެވެ. ކުރިން މަގު ޑިޒައިންކުރިއިރު މަގުގެ ދެ މެދުގައި ގަސް އިންދާގޮތަށް އިން ނަމަވެސް ޑިވައިޑަރުތައް ޖެހުމުން މަގު ވަރަށް ބޮޑަށް ހަނިވާ ކަމަށެވެ. އަދި ކެރޭން ފަދަ ބޮޑެތި އުޅަނދު ފަހަރު ބޭނުންކޮށްގެން އޮޑި ދޯނި ފަހަރުން މުދާ ބޭލުމުގައި ޑިވައިޑަރު ހުރުމުން ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށެވެ. ބަނދަރު ސަރަހައްދަކީ ގިނަ މަސައްކަތްތަކެއް ހިނގައި ހަލަބޮލި މަގަށްވާނެތީ އެމަގުގައި މިހާރު ޖަހާފައިހުރި ޑިވައިޑަރުތައް ނަގައި އެއީ ޑިވައިޑަރު ނުޖަހާ މަގެއް ގޮތުގައި ހެދުމަށް ހައުންސިންގ މިނިސްޓްރީގައި މިއަދު އެދިފައިވާނެކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

” އަޅުގަނޑުމެން ހުވާކުރުމުގެ ކުރިންވެސް ރައްޔިތުންގެ ފަރާތުން މަގު ހަދާ ގޮތުން ޝަކުވާތައް ވަރަށް ލިބުނު އެ ޝަކުވާތައް މެމްބަރު މުހައްމަދު ނަޝީދާވެސް ހިއްސާކުރެއްވި. ބައެއް ކުދި މަގުތަކުގައި ދެ ފަރާތުގައި ދުވާރުލުމުން މަގު ހަނިވުމުގެ ޝަކުވާތަކާއި މަގު ހަދަންމުންދަނީ ރައްކާތެރިނޫން ގޮތުގައިކަމުގެ ޝަކުވާތައް. އެކަންތައްތައް ހައްލުކުރުމަށް ސަރުކާރާއި މިނިސްޓްރީއާ ގުޅިގެން ހައްލުކުރެވޭތޯ މިދަނީ މަސައްކަތްކުރަމުން ” ކައުންސިލްގެ އާ ރައީސް އަބުދުލް ލަތީފް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ މަގު ހަދަން ފެށިއިރު ކާނުތަކުގެ މަތިތައްވެސް ހުރީ ދަގަނޑުންކަން ފާހަގަކުރައްވަމުން އަބުދުލް ލަތީފް ވިދާޅުވީ މިހާރު ކާނުތަކުގެ މަތިތައް ހަދަމުންދަނީ ސިމެންތިކަމަށެވެ. ސިމެންތިން ހަދާފައިހުރި ކާނުތަކުގެ މަތިތަކަށް ޕިކަޕް އެރުމުން މަތިތައް ބައެއް ފަހަރު ހަލާކުވެފައިވާކަމަށާއި އެކަމުގެ ޝަކުވާތައްވެސް ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އަދި ކުޅުދުއްފުށީގައި މަގުހެދުމުގެ މަސައްކަތް ކުރިއަށްދަނީ މީހުން ދިރިއުޅޭ ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާން ޖެހޭ ފަދަ ރައްކާތެރިގޮތެއްގައި ނޫންކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

ސަރުކާރާއި ގުޅިގެން އެކަންތައްތައް ހައްލުކުރެވޭތޯ މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355