twitterviber whatsapp telegramfacebookyoutube instagram
21st May 2025

ސިޓީ ކައުންސިލްގެ ޑީއެމްއެޗްއެމްސީސީއޭޕީގެ މަސައްކަތަށް އެންޑީއެމްގެ ތައުރީފު

އަބްދުލް ވާހިދު ޙަސަން
May 21, 2025

ކާރިސާ މެނޭޖްކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ހެދި ޑިޒާސްޓާ މެނޭޖްމަންޓް އެންޑް ހެޒާޑް މިޓިގޭޝަން ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން (ޑީއެމްއެޗްއެމްސީސީއޭޕީ) ގެ މަސައްކަތަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން ތައުރީފުކުރައްވައިފި އެވެ.

މިމަހު 19-20 އަށް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުކުރުމުގެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހިސާން ހަސަން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހެދި ޑީއެމްއެޗްއެމްސީއޭޕީއަކީ ނަމޫނާ މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތް ބަލައި އެހެން ކައުންސިލްތަކުންވެސް އެ ޕްލޭން ހެދުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މި ފޯރަމުގައި ހިސާންގެ އިތުރުން ވާހަކަދެއްކި ދިވެހި ރެޑްކުރެސެންޓްގެ ސެކްރެޓަރީ ޖެނަރަލް ފާތިމަތު ހިމްޔާވެސް ސިޓީ ކައުންސިލްގެ މި މަސައްކަތް ތައުރީފްކުރެއްވި އެވެ.

އެގޮތުން އޭނާ ވިދާޅުވީ، ޑިޒާސްޓާ ޕްލޭނާއި ސިޓީ އެމެޖެންސީ އޮޕަރޭޝަން ޕްލޭން އަދި ކުލައިމެޓް އެޑަޕްޓޭޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ނިންމާ ދިވެހި ރެޑްކުރެންސެންޓް ހިމެނޭހެން ޑިޒާސްޓާ ކޮމެޓީއެއް އެކުލަވާލާފައިވާތީ ކުޅުދުއްފުށީ ކައުންސިލުން ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރަން އަދާކުރައްވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ މި ޕްލޭނަކީ "މޭކިންގ ސިޓީސް ރެޒިލިއެންޓް 2030" މަޝްރޫއުގެ ދަށުން، ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މަޝްރޫއެކެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮންސަލްޓަންސީގެ ގޮތުގައި ހަވާލުކުރެވިގެން ކޮށްފައިވަނީ ޝެރެޓް ސްޓޫޑިއޯއިންނެވެ. މި ޕްލޭންއަކީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުން 1.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޕްލޭނެކެވެ. މި މަސައްކަތުގެ ދަށުން އެއްކުރެވުނު މައުލޫމާތާއި ޗާޓުތައް ހިމެނޭ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް (ޖީ.އައި.އެސް) ޕްލެޓްފޯމެއް ވަނީ ތައްޔާރުކުރެވިފައެވެ.

މި ޕްލެޓްފޯމަކީ ކާރިސާތައް މެނޭޖްކުރުމުގައްޔާއި ކާރިސާގެ ނުރައްކާ ކުޑަކުރުމަށް އަމާޒުކޮށްގެން ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތަކަށް ވެގެންދާނެއެވެ. މި މަޝްރޫއުގެ ސަބަބުން، ކުޅުދުއްފުށި ސިޓީއަކީ ރާއްޖޭގައި މިފަދަ ޕްލޭނެއް އެކުލަވާލި ފުރަތަމަ ސިޓީކަމުގެ ޝަރަފު ހޯދައިފައިވެއެވެ. މި މަޝްރޫއުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޓީ އިމަޖެންސީ އޮޕަރޭޝަންސް ޕްލޭނެއްވެސް ވަނީ އެކުލަވާލެވިފައެވެ. މީގެ އިތުރުން، މި މަހުގެ 08 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ރާއްޖޭގެ ފުރަތަމަ ސިޓީ ޑިޒާސްޓަރ މެނޭޖްމެންޓް ކޮމެޓީވެސް އެކުލަވާލާ، ކޮމެޓިގެ އިފްތިތާޙީ ބައްދަލުވުންވެސް ބާއްވާފައެވެ.

އަދި ހަމައެހެންމެ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 203 ވަނަ އާންމު ބައްދަލުވުމުގައި "ކުޅުދުއްފުށި ސިޓީ ޑިޒާސްޓަރ މެނޭޖްމެންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން" ވަނީ ފާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355