twitterviber whatsapp telegramfacebookyoutube instagram
21st November 2024

ކުރުވާހަކަ – ކުރި އިންތިޒާރު

Jun 18, 2017

ލިޔުނީ: ރައުފާ އާދަމް

ވެހެމުންދިޔަ ތުނި ވާރޭގެ ހިމަފޮދު ތިކިތައް ކުޑަދޮރުގެ ބިއްލޫރިގަނޑަށް ބުރުއްސަމުން ދިޔައެވެ. އެމަންޒަރު ވަރަށް ޝަޢުޤުވެރިކަމާ އެކު އަހަރެން ބަލަމުން ގެންދިޔައީ އެމަންޒަރުގެ ފުރިހަމަ ކަމުންނެވެ. އަދި ވާރެއަކީ ނުވަތަ ފިނި މޫސުމަކީ އަހަރެން ވަރަށް ގަޔާވާ އެއްޗަކަށްވެސް ވާތީއެވެ. ގުދުރަތުގެ ޗާލުކަން ކިތަންމެހާވެސް ފުރިހަމައެވެ. ﷲގެ ކުޅަދުންވަންތަކަމެވެ. ނަމަވެސް އެންމެންގެ ނަސީބުގައި މިފަދަ ޗާލުކަމެއް، މިފަދަ ފުރިހަމަކަމެއް ނުވެއެވެ.

ލޮލުން އައި ކަރުނަތައް ހިފަހައްޓާލަމުން އަހަރެން ނުކުތީ ކޮޓަރިން ބޭރަށެވެ. އާ ދުވަހެކެވެ. އާ ކަންތައްތަކެވެ. އަހަރެންވެސް ނުކުމެލީ އެ އުންމީދުގައެވެ. ނަމަވެސް އަހަރެން ގެ ތަގުދީރުގައިވަނީ ހަމަ އެއް އާދައެކެވެ. އާދައިގެ މަތިން އަހަރެން ހަމަ ފެނުމާއެކު އެވަގުތު ސައިބޯންއިން ދޮންބެ ނުކުމެގެން ދިއައީ ބޭރަށެވެ. އުމުރު ފެށުނީއްސުރެ ހިނގާ އާދައެއްކަމުން އަހަރެން ވެސް މިހާރު މާކަ ބޮޑަކަށް އަޅައެއް ނުލަމުއެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް މަންމަ އާއެކު ގޭތެރޭ ކަންތައްތަކުގައި އަތްގާތް ކޮށްލަދޭން އުޅުނީއެވެ. އެވަގުތު ގެއަށް ވަދެގެން އައީ ޖާބިރުބެ އެވެ. ޖާބިރުބެ އަކީ މަންމަ އެއްބަނޑު އެއްބަފާގެ ހަމައެކަނި މެންމަބަރެވެ. އެހެންކަމުން ޖާބިރުބެ ދެކެ މަންމަ ވަރަށް ލޯބިވެއެވެ. ބައްޕަ އަކީ ގިނައިން ރަށުގައި ނޫޅޭ މީހެއްކަމުން ވަރަށް ގިނައިން އައިސްއުޅެއެވެ. ގޭތެރޭގެ ވަރަށް ގިނަ ކަންތައްތަކުގައި އެޙިތެރިވަމުން އައީ ބައްޕައެއް ފަދައިންނެވެ. މިކަމުގެ ސަބަބުން މަންމަ ޖާބިރުބެ އަށް ވަރަށް އިތުބާރުކުރެއެވެ.

އެންމެ ކުޑައިރުއްސުރެ ދޮންބެ އަހަރެން ދެކެ ވަރަށް ރުޅިއާދެއެވެ. އެއީ އަހަރެން ހުންނަ ގޮތުންނެވެ. އަހަރެން ހުންނަނީ ފިރިހެނުން ހުންނަ އެންމެ ފުރިހަމަކޮށެއް ނޫނެވެ. ނުވަތަ އެބުނާ ފިރިހެންވަންތަ ކަމެއް އަހަރެންގެ ކިބައަކު ނުހުރެވެ. ސާފުކޮށް ބުނަނީނަމަ އަހަރެންނަކީ “އަންހެން ދުޅައިގެ ފިރިހެނެކެވެ.”

އެއީ އަހަރެންގެ ކުށެއް އޮތްކަމެއް ނޫނެވެ. އެކަމަކު ދޮންބެ ދެކެނީ އެހެނެއްނޫނެވެ. ދޮންބެ ގެ އިތުރުން ސްކޫލުގައި އުޅުނުއިރު ކުލާސް ކުދިންވެސް އަހަރެންނަށް ނަފުރަތުކުރެވެ. އަދި އަހަރެންވީ އެމީހުންގެ މަލާމަތުގެ ޝިކާރައަކަށެވެ. އަހަރެންގެ އަޑު ހުންނަ ގޮތަށާ، ހިނގޭ ގޮތަށް ދިމާކުރެއެވެ، ނަތީޖާ އަކަށްވީ އަހަރެން އެކަހެރިވެ އެންމެންގެ ތެރެއިން ބާކީވެގެން ދިއުމެވެ. އެކަމުގެ ސަބަބުން ކިޔެވުމުގެ ހަޔާތުގައި އަހަރެން އެންމެ އެންމީދުކުރި ގޮތަށް ކަންތައްތައް ވެގެނެއް ނުދިއައެވެ. މިފަދަ ކަންތައްކުގެ ސަބަބުން އަހަރެންގެ ރައްޓެއްސެއް ނުހުރެއެވެ. ބޭރުތެރެއިން ވެސް އަބަދު މީހުންގެ ފުރައްސާރަ އާއި މަލާމަތް ނޫން އެއްޗެއް އަހަރެންނަކާ ކުރިމައްޗެއް ނުވެއެވެ. “ރަނޑު” ،މިއީ އަހަރެންގެ 2 ވަނަ ނަމެވެ. ކިރިޔާ އަނގައިން ބުނެލާ މީހެއްވެސް ގިނަ ފަހަރަށް ގޮވާލަނީ “އާރިފް ގަނޑޫ” މިހެންނެވެ. އަހަރެންގެ ހިތަށް ކުރާ އަސަރެއް އެނގޭ ހަމަ އެކަކުވެސް ނޫޅެވެ.

އުމުރުން 20 އަހަރު ވެގެން ދިޔައިރު ހިނިތުންވެލުމާއެކު އަހަރަންނާ އަނގައިން ބުނެލަނީ މަންމަ އާއި ބައްޕައެވެ. ބައްޕައަކީ ބޯޓު ދަތުރު ކުރާމީހެއް ކަމުން އަހަރެންގެ ހުރިހާ ވެސް މީހަކަށް ވެފައިވަނީ މަންމައެވެ. ނަމަވެސް މަންމަވެސް ގިނަ ފަހަރަށް ބުނަނީ ‘އަޅާނުލާ ދަރިފުޅާ” މިހެންނެވެ. އެހެންވެ އަޅާނުލާ ހުރެވެނީ މިނޫން ދުވަހެއް ފެންނާނެކަމުގެ އިންތިޒާރުގައެވެ.

ހޫނުރެއެކެވެ. އަހަރެންގެ ނުނިދިގެން އެނދުގެ ދެފަރާތުގައި ފުރޮޅިލަ ފުރޮޅިލަ އޮތީމެވެ. ކުއްލިއަކަށް އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އަހަރެން ބަލަހައްޓައިން އޮއްވާ އެމީހަކު ވަނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ނަމަވެސް އަހަރެންގެ ހިތުތެރޭ އަދި ހަށިގަނޑުތެރޭ ވަނީ ހާސްކަމާ ބިރުވެރިކަމެވެ. އެމީހަކު އައިސް އަހަރެންގެ ކައިރީގައި ހުއްޓުނެވެ. އެއީ ކާކު ކަމާއި އެއައީ ކޮންބޭނުމަކު ކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ދެން އެއައީ އަހަރެންގެ މަރުފަދަ ވަގުތުކޮޅެކެވެ. ދެބަސް ވެވޭކަށް ނެތެވެ. މިއަދާ ހަމައަށް ވެވިފައިވެސް ނެތެވެ. ދެކޮޅު ހަދާ ކޮންމެ ފަހަރަކު ލިބެނީ އިތުރު އަނިޔާތަކެކެވެ. މިއީ އަހަރެންގެ ދިރިއުޅުމުގެ ފަތިފުށެވެ. އަހަރެންގެ ދިރިއުޅުމުގެ އުދާސްތަކުގެ އަނެއްފަރާތެވެ. އެކަމަކަށް ނިމުން އައުމަށް އަބަދާ އަބަދުމެ އަހަރެން އެދޭ ކަންތަކެވެ.

އުމުރުން 14 އަހަރުންފެށިގެން ކޮންމެ ރެއަކުމެ އަހަރެން ކުރާ ހަނގުރާމައެކެވެ. ކޮންމެ ފަހަރެކޭ އެއްގޮތަށް އެމީހާ ބޭނުން ގޮތް ހަދާލާފާ ނުކުމެގެން ދިއައީ އަހަރެން ރޮއެ ރޮއެ އޮއްވައެވެ. އަމިއްލަ ނަފްސުދެކެ ކިތަންމެހާވެސް ލަދުގަނެއެވެ. ނަމަވެސް މިއީ އަހަރެންނަށް ވެފައިވާ މަޖްބޫރެކެވެ. އަހަރެން ކެތްތެރިކަމާއެކު އިންތިޒާރު މިކުރަނީ މިކަމަށް ނިމުން އަންނާނޭ ދުވަހަކަށެވެ. މި ބިރުވެރި އަނދިރި ގަނޑުން ސަލާމަތްވާނޭ ދުވަހަކަށެވެ. އެކަމަކު އަންނާނެ ހެއްޔެވެ؟

ޖެހިގެން އައި މަހުގެ 3 ވަނަ އަށްވީ ދުވަސްވެގެން ދިއައީ ވަރަށް އާދަޔާހިލާފު ދުވަހަކަށެވެ. އަހަރެން އަޖުމަބަލާލުމުގެ ގޮތުން ހުށައެޅި ކޯހަކަށް އަހަރެން ހޮވުނެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް އަހަރެން ނިންމީ މަންމަގެ ވެސް އެދުމުގެ މަތިންނެވެ. މުޅި އުމުރު ދުވަހު ހުހަށް ނުހުރެ ފައިދާ ކުރެނަވި ވަޒީފާއެއް ހޯދުމުގެ ނިޔަތުގައެވެ. ކުލާހުގެ ފުރަތަމަ ދުވަހަށް ދިއުމަށް ތައްޔާރު ވަމުން ދިއައީ ވަރަށް އުންމީދާއެކުގައެވެ. މިކަމާވެސް ދޮންބެ ވަރަށް ރުޅިއައެވެ.

“އާރިފް ތިއުޅެނީ އަހަރެން އިތުރަށް ބޭޒާރުކުރާނެ ގޮތެއް ނޭނގިގެންތަ؟ ކޮންމެހެންނެއް ކޯހެއް ހަދާނެ ކަމެއް ނެތް. ބޭނުން އެއްޗެހި އަހަރެން ހޯދާދެމެއްނުން. މަންމަ އާއިއެކު ބަދިގޭގަ އުޅޭ.” މަލާމަތުގެ ރާގަކަށް ދޮންބެ ބުނަމުން ގެންދިއައެވެ.

އެދުވަހު އަހަރެން ކުލާހަށް ވަދެގެން ދިއައީ ވަރަށް ޖެހިލުންވެ ހުރެއެވެ. މީހުންގެ ތެރެއަށް ނުކުތުމަ އަހަރެން ކިތަންމެހާވެސް ބިރުގަނެއެވެ. ހަމަ އިށީނުމާއެކު ގުރޫޕް ގުރޫޕަށް ތިބި ކުދިންތައް އަހަރެންނާ ދިމާކޮށް މަލާމަތް ކުރަންފެށިއެވެ. މިއީ މިހާރު އާންމު ކަމެއް ކަމުން އަހަރެން މާ ހައިރާނެއް ނުވިއެވެ. ނަމަވެސް ދެރަވިއެވެ. އެންމެ ފުރަތަމަ ދުވަހުވެސް މިހެން ދިމާވުމުންނެވެ. އެވަގުތު އަހަރެންގެ ލޮލުގައި  އަޅައިގަތީ ކުލާހަށް ވަދެގެން އައި އަންހެން ކުއްޖައެވެ. ވަރަށް ރީތި ކުއްޖެކެވެ. އަހަރެންނަށް އެކުއްޖާ ބަލަހައްޓައިގެން އިނދެވުނީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެން މިއީ ރީތި މީހެއް ނޫނެވެ. ނަމަވެސް ރީތި އެއްޗެސަށް ބެލުމަކީ އިންސާނީ ތަބީއަތެކެވެ. އެހެންވެ ބެލުނީއެވެ. އެކުއްޖާ އައިސް އިށީނީ އަހަރެންގެ ކައިރީއެވެ.

“އައްދެ. ޝައުރާ ތިއިށީނީ ގާލް ކުއްޖެއް ކައިރީތަ؟ އާދޭ މިކޮޅަށް” އެވަގުތު ފަހަތުގައި އިން ކުއްޖެއް ބުނި އަޑު އިވުނެވެ . އެއަޑަކަށް ޝައުރާ ސަމާލުކަމެއް ނުދެއެވެ. އަދި އަހަރެންނަށް ބަލާލުމަށްފަހު ހީލިއެވެ. އަހަރެންވެސް ފާޑަކަށް ހީލީމެވެ.

އެހެންދުވަހެކެވެ. ކުލާސް ނިމުނުތަނާ ވާރޭވެހެން ފެށިއެވެ.

“އާރިފް. އާދޭ އަހަރެންނާއެކު ކާރުގައި ގެޔަށްދާން.” ޝައުރާ އޯގާތެރިކަމާއެކު ބުނެލިއެވެ. އަހަރެން ޖަވާބު ނުދިނުމުން ޝައުރާ އެވާހަކަ ތަކުރާރު ކޮށްލިއެވެ.

“އޭނ.. ކީކޭ؟ އަހަންނާތަ ތި ވާހަކަ ދައްކަނީ؟” ސިހިފައި އަހަރެންބުނީމެވެ.

“ހެހެހެ..އާރިފް ނޫން މީހެއް މިތާކު ނެތެއްނު. ކޮން ހިޔާލެއްގަތަ؟” ހިނިތުންވުމާއެކު ޝައުރާ ބުންޏެވެ. އެދުވަހު ޝައުރާ އާއި އަހަރެން ވަރަށް ގިނަ ވާހަކަތައް ދެއްކީމެވެ. އެރޭ ޝައުރާގެ ހިޔާލުތަކުގައި އަހަރެންނަށް އޮވެވުނެވެ. މީގެ ކުރިން ދުވަހަކުވެސް އަހަރެންނާ އެހާ ރީތިކޮށް އެއްވެސް މީހަކު ވާހަކަ ދައްކާފައެއް ނުވެއެވެ. ރަނގަޅު ރަހުމަތްތެރިއެއް ލިބުމަށް އަހަރެން ވަރަށް އިންތިޒާރުކުރީމެވެ. އެހެންކަމުން އަހަރެންނަށް މިކަން ވެގެން ދިއައީ ހާއްސަކަމަކަށެވެ. އިރުކޮޅަކަށް ހީވީ މިއީ ހުވަފެނެއް ހެންނެވެ. ދެން ހީވީ މިއީ ޝައުރާ ލައްވާ އަހަރެން އިތުރަށް ދެރަކުރަން ނޫންނަމަ ތަޅުވަންވެގެން ބަޔަކު ކުރާކަމެއްހެންނެވެ. އަހަރެންގެ ހިޔާލުތައް ކަޅުވެގެން ދިއައީ ކޮޓަރީގެ ދޮރު ހުޅުވުމާއެކުއެވެ. ‘އެވަގުތު’ އައިސް ޖެހުނީކަން އަހަރެންނަށް އެނގުނެވެ. މުޅި ހަށިގަނޑު ފިނިވެގެން ދިއައެވެ. އެމީހާ ދިއުމާއެކު އަހަރެން ޝައުރާ މަތިންވެސް ހަނދާންކުރާ ހިތެއް ނުވިއެވެ. އަދި އަހަރެންގެ ހާލާމެދު ވިސްނިފާ ރޮވުނެވެ.

ދުވަސްތައް ހަފްތާ ތަކަށް ބަދަލުވެއްޖެއެވެ. ހަފްތާތައް މަހަށެވެ.ކޯހުގެ ކިޔެވުން ވަރަށް ފުރިހަމަ އަށް ކުރިއަށްދަމުން ދެއެވެ. އަހަރެންނާ ޝައުރާގެ ގުޅުންވެސް ފަދައިންނެވެ. އަހަރެން މީގެ ކުރިން ދުވަހަކުވެސް އުފާ ނުވާވަރަށް އުފާވެސް ލިބެމުންދެއެވެ. އެއީ ހަމަ ޝައުރާގެ ސަބަބުންނެވެ. ކުލާހުގެ ބައެއް މީހުން އަދިވެސް އެމީހުންގެ އުޅުން ބަދަލެއް ނުކުރެއެވެ. އަހަރެންނާ ދިމާކުރެއެވެ. އެހެން ނަމަވެސް ޝައުރާގެ އިތުރުން މަދުމަދުން ކުލާހުގެ އެހެން ކުދިންވެސް އަހަރެންނާ ވާހަކަ ދައްކައެވެ. އަހަރެންނާ ޝައުރާ މާގާތްކޮށް އުޅޭތީވެ ބައެއް މީހުން ވަރަށް ދިމާކުރެއެވެ. އެއީ އަހަރެންގެ ސަބަބުންކަން އަހަރެންނަށް އެނގެއެވެ. އެހެންވެ ބައެއް ފަހަރު ޝައުރާއެކީ އުޅުމަށް ޖެހިލުންވެސް ވެއެވެ. ޖުމްލަގޮތެއްގައި އަހަރެންގެ ދިރިއުޅުން މިހާރު ވަރަށް ތަފާތެވެ. އަބަދު ހުރެވެނީ ހެވިފައެވެ. ހިޔާލުގައި އަބަދުވެސް އެނބުރެނީ ޝައުރާއެވެ. މަންމައަށް ވެސް އަހަރެންނަށް އައި ބަދަލުފާހަގަ ވީ ކަންނޭގެއެވެ.

“ދަރިފުޅާ.. ކޮންހިޔާލެއްގަތަ؟ އަބަދު އެކަނި މައިއެކަނި ހެވިފާތިހުންނަނީ. ތިހިޔާލުތަކުގައި ކޮންކުއްޖެއްތަ ތިގެންގުޅެނީ؟” މަންމަ އަހަރެންނާ ސަމާސާކޮށްލިއެވެ.

އަހަރެންވަކި ޖަވާބެއް ނުދެމެވެ. މިހުރިހާ އުފާވެރިކަމެއްގައި އުޅުނެއްކަމަކު ރޭނގަޑުގެ ވަގުތު އައިސް ޖެހުމާއެކު އެހުރިހާ ކަމެއް ފިލާދެއެވެ. ހަމަ އެންމެ މީހެއްގެ ސަބަބުންނެވެ. އަހަރެންނަށް ކުރިމަތިވެފާ މިވާ ބިރުވެރި ކަންތައްގަނޑެވެ. ނިމުމެއް ނުވާ އަނދިރި މަގެވެ.

“މިހާރު އަބަދު ކޮންކަމަކާ ހެވިފަތަ؟ ހީނުކުރާތި މިކަމުން ސަލާމަތްވެވޭނެ އޭ.ހަނދާންކުރާތި މީހަކަށް މިކަމުގެ ހިލަމެއްވިއަސް ދުވަސްދުއްވާލާނަން…” އެމީހާ އެއްރޭ އަމުރު ވެރި ރާގަކަށް ބުންޏެވެ.

އަހަރެން ތައްޔާރުވަމުން ދިއައީ ސެމިސްޓާރ ބުރޭކުވުމުން ކުލާސް މީހުން ރޭވި ޕާރޓީއަކަށް ދިއުމަށެވެ. އަހަރެންހުރީ މާ ދާހިތަކުން ނޫނެވެ. ނަމަވެސް ޝައުރާގެ އެދުމުގެ މަތިން ދިއުމަށް އެއްބަސްވީމެވެ. އަދި އެއީ އަހަރެންނަށް ޝައުރާ ފެންނާނޭތީއެވެ. ޝައުރާ އާއި ބައްދަލުވާން އޮތްހާ ގޮތަކަށް އަހަރެން ކަންތައްކުރަމެވެ. އަބަދުވެސް ޝައުރާއެވެ. ނިދާއިރު ޝައުރާއެވެ. ކާއިރު ކާތަށިންވެސް ފެންނަނީ ޝައުރާއެވެ. ފެންވަރާއިރު ފެންމާގަނޑުންވެސް ހަމަ ޝައުރާއެވެ. މީގެ ކުރިން ދުވަހަކުވެސް އަހަރެން މީހަކާ ހެދި މިވަރަކަށް ނޫޅެމެވެ. އެފަދަ މީހަކާ ބައްދަލުވެސް ވެފައި ނުވާތީ ކަންނޭގެއެވެ. އަހަރެންނަށް ޝައުރާގެ ހުރިހާ ކަމެއްވެސް ވަރަށް ކަމުދެއެވެ.

މިއީ ހަމައެކަނި ރަހުމަތްތެރިކަން ނޫންކަން އަހަރެންނަށް އެނގެއެވެ. މީގެ ކުރިން ކުއްޖަކާ އަހަރެން ރައްޓެސެއް ނުވަމުއެވެ. ރައްޓެހިވާން ކީއްކުރަން  އަހަރެންނަށް ކުއްޖަކު ދެކެ ލޯބިވެވިފައެއްވެސް ނުވެއެވެ. ޝައުރާ ކައިރީގައި މިހުރިހާ ވާހަކަތަކެއް ކިޔައިދޭން ކިތަންމެހާވެސް ބޭނުންވެއެވެ. ނަމަވެސް އަހަރެން ކަހަލަ މީހަކާ ގުޅޭނީ ކާކުހެއްޔެވެ؟ އަހަރެންގެ ދިރިއުޅުމުގެ ބިރުވެރި އަނދަވަޅު ހަނދާންވާ ކޮންމެ ފަހަރަކު ފަސްޖެހެވެއެވެ. އަހަރެން އެވާހަކަތައް ޝައުރާ އަށް ކިޔާދޭނީ ކިހިނެއް ހެއްޔެވެ؟ މިހުރިހާ ހިޔާލުތަކަކާއެކު ދެވުނުއިރު ޕާޓީ ކުރާގެއަށްވެސް އާދެވިއްޖެއެވެ. ދިޔައިރު ތަންކޮޅެއް ދުރުގައި ޝައުރާ ހުއްޓިލައިން ހުއްޓެވެ

“މާތްކަލާކޯ. ހާދަ ރީއްޗޭ!..” އަހަރެންނަށް ހިތާހިތާ ބުނެލެވުނެވެ.

“ޕިސް..ޕިސް.. ދެން ތިހެނެއްނުހުރެ ޝައޫ ކައިރީ ބުނެބަލަ” ސިހިފައި އަހަރެންނަށް ބަލާލެވުނީ މަޒީގެ އަޑަށެވެ.

މަޒީނާ އަކީ ޝައުރާގެ އިތުރުން އަހަރެންނާ ކޯހުން ދެން އެންމެ ރައްޓެހި ކުއްޖާއެވެ. ” ހެހެހެ.. ކޯއްޗެތަ؟ ސިއްސައިންނޭ އެދިއައީ” އަހަރެން ބުނީމެވެ.

“ހޫނ.. ވާހަކަ އޮޅުވާލާނެ ކަމެއް ނެތް. މަށަށް އެނގެއޭ..”މަޒީ އަހަރެން ގައިގަ ކޮއްޓާލަމުން ބުނެލިއެވެ.

“ހަމަ އަސްލުވެސް.. އެހާ އޮބްވިއަސް ތަ؟” އަހަރެންނަށް އަހާލެވުނެވެ. މަޒީއަށް ޖަވާބު ދެވުމުގެ ކުރިން ޝައުރާ އަހަރެންނަށް ގޮވިއެވެ.

“އާރިފް.. ކީއްކުރަން އޭނާ ކައިރީ ތިހުރީ؟” ޝައުރާގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމެވެ.

“ކިހިނެއްވީތަ؟” އަހަރެންނަށްވެސް އަހާލެވުނީ ސުވާލެކެވެ. ” އާރިފް އޭނާ ކައިރީ ނުހުންނާތި!” “ތީ ދެން ހާދަ ހެއްވާކަމެކޭ.. އެކީއްވެހޭ؟” ޝައުރާގެ ޖަވާބަށް އަހަރެން ރައްދު ދިނީމެވެ.

“ދެން މިބުނީނުން” “އަހަރެން އެހެން އަންހެން ކުއްޖަކާ ވާހަކަ ދެއްކުމުގަ ކޮބާ މައްސަލަ އަކީ؟” ކުޑަކޮށް ހިތްހަމަނުހެފާ އަހަރެން އަހާލީމެވެ.

“ދެން މިބުނީނުން ނުދައްކާށޭ”

“ސަބަބު ބުނޭ!” ޝައުރާގެ އަތުގައި ހިފާ އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ.

“އެއީ އަހަރެން އާރިފް ދެކެ ލޯބިވާތީ” ޝައުރާއަށް ބުނެވުނެވެ. މުޅި ތަނަށް ވަނީ ހަމަހިމޭންކަން ފެތުރިފައެވެ. “އަހަރެންވެސް” ބޭއިޚްތިޔާރުގައި އަހަރެންނަށް ބުނެވުނެވެ.

އެރޭ ވެގެން ދިއައީ އަހަރެންގެ ދިރިއުޅުމަށް ބަހާރު މޫސުމް އައިރެއަށެވެ. އަހަރެންގެހުރި އުނި ސިފައަށް އެއްވެސް ފަރުވާލެއް ނެތްކަމަށާ އެކުގައި އަބަދުވެސް ވާނަންކަމަށް ޝައުރާ ޔަގީންކޮށްދިނެވެ. އަހަރެމެން ދެމީހުންގެ ގުޅުން ވަރަށްވެސް އުފާވެރިކަމާއެކު ކުރިއަށް ދެއެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމުގައިވާ ބިރުވެރި ކަންތައްގަނޑުގެ ވާހަކަ އަހަރެން ނުބުނަމެވެ. އެ ބިރުވެރި ކަން އަނދިރި ގަނޑަކަށް ވީފަދައިން އެވާހަކަވެސް އަހަރެން ސިއްރުކޮށް އަނދިރިގަނޑުގައި ބޭއްވީއެވެ. އަހަރެން އެއްވެސްކަމެއް ސިއްރުކުރާކަށް ބޭނުމެއްނޫނެވެ. އެކަމަކު އެކަން ބުނާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. ބުނާނެ ގޮތެއްވެސް ނޭނގެއެވެ. ހަމަ ޔަގީނުންވެސް އޭރުން ޝައުރާ އަހަރެންނާ ވަކިވާނެއެވެ. އެބިރު ހިތަށްއަރާފާ އަހަރެންނަށް ފަސްޖެހެވެނީއެވެ.

އަހަރެންގެ 22 ވަނަ އުފަންދުވަސް އައިއިރު މަންމަ އަށްވެސް އަދި ދޮންބެއަށްވެސް އަހަރެންނާ ޝައުރާގެ ގުޅުމުގެ ވާހަކަ ވާނީ އެނގިފައެވެ. އަދި އޭރު ޗުއްޓީއަށް އައިސް ބައްޕަވެސް ރަށުގައި އުޅެއެވެ. އެންމެންވެސް އަހަރެމެންގެ ގުޅުމަށް ވަރަށް ރުހެއެވެ. އެރޭ އަހަރެން އޮތީ 12 ޖަހާއިރު ޝައުރާ ވިޝް ކުރާނެކަމުގެ އުންމީދުގައެވެ. ކުއްލިއަކަށް ދޮރު ހުޅުވިގެންދެއެވެ.

އެއީ ދެވަނަ އެހެންމީހެއް ނޫންކަން އަހަރެންނަށް ޔަގީންވިއެވެ. ދުވަސްކޮޅަކަށް އޭނާ މަތިން އަހަރެން ހަނދާންނެތުނެއް ކަމަކު އޭނާ އަހަރެންގެ މަތިން ހަނދާންހުއްޓެވެ. އައިގޮތަށް އައިސް އަހަރެންގެ ކަރުގައި ހިފިއެވެ.

“ކިހިނެއްވެގެން ތިއުޅެނީ..؟ ހަމަމިހާރު ތި ޝައުރާއާއި ރުޅިވޭ..ކަލެއަށް ހީވަނީތަ މަގޭ ކިބައިން ސަލާމަތްވާނޭ..”

ރުޅިވެރިކަމާއެކު އޭނާ ބުނަމުން ގެންދިއައެވެ.

“ދޫކުރޭ.. އަހަރެން ވަރަށް ކެތްކޮށްފިން.ދެން ނުވާނެ.” އަހަރެން އޭނާ ދެމުންދާ އަނިޔާތަކާ ދެކޮޅުވެރިވަމުން ބުނީމެވެ.

އެވަގުތު ދޮންބެ އަށް އަހަރެންގެ އަޑު އިވުން އެއީ ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ.

“އޭ!!…. މިހިރަ ފެންނަ މީހާ.. ތެދުވޭ ތިތަނުން” ދޮންބެ ރުޅިވެރިކަމާއެކު ވަދެގެން އައިސް އޭނާ ނެރެލިއެވެ. އަޑު ފަށްގަނޑަށް މަންމަ އާއި ބައްޕަވެސް ނުކުތެވެ.

“ކިހިނެއްވެގެން މިއުޅެނީ؟؟” ބައްޕަ އެއްސެވެ.

“މިހިރަ ފެންނަ ނުލަފާ މީހާ ކުރާ ހަޑިމުޑުދާރު އަމަލު ނިކަންބަލާބަލަ” އޭރު ދޮންބެ އޭނާ ގައިގާ ހުރި ބާރެއްލައިފާ ތަޅަމުންގެދިއައެވެ. ކަންވިގޮތް ދޮންބެ ކިޔާދިނެވެ. އަހަރެންނަށް އިސްޖަހާލައިން ހުރެވުނީއެވެ.އާހިރުގައި ކޮންމެ ކަމެއްވެސް ފަޅާއަރާނެއެވެ.

“ޖާބިރު!! ކަލޭތި ކޮންފަދަ މީހެއް؟ އަހަރެން ރަށުގައި ނެތްއިރު އަހަރެންގެ ދަރިންނަށް އަޅާލަދޭން ބުނީމަ މީތަ އެކަމުގެ އަގަކީ؟” ބައްޕަ ބުންޏެވެ.

އާނއެކެވެ. މިވީހާދުވަހު އަހަރެންނަށް އަނިޔާދިނީ ޖާބިރުބެއެވެ. ރޮވިފައި ހުރި ބައްޕަ އަހަރެންނާ ދިމާއަށް ބަލާލިއެވެ،

“ދަރިފުޅާ.. މިއީ ކޮންކަމެއް؟”

“ބައްޕާ.. ބައްޕަ ދިއުމަށްފަހު އެންމެން ނިދުމުން ކޮންމެ ރެއަކު ކަހަލައިން ޖާބިރުބެ އާދޭ..  މިކަންވެގެން މިދިއައީ އަހަރެން ފަހަރެއްގައިވެސް ބޭނުން ވެގެނެއްނުން.. މަންމަ ކައިރީބުނަން ބޭނުންވި.. އޭރު މަންމަ މަރާލާނަމޭ ކިޔައިން ބިރުދެއްކީ.. ފަހުންފަހުން އެއްވެސް މީހަކު ގަބޫލު ކުރާނޭހެން ހީނުވާތީ އާއި ލަދުން ބުނަން ނުކެރުނީ.. ޖެހިލުންވީ.. ބުނާނެހާ ހިތްވަރު ނުލިބުނީ” އަހަރެން ބައްޕައަށް ކިޔާދިނީމެވެ.

“އެންމެންވެސް ގަބޫލުކުރަނީ މިކަހަލަ ޖިންސީ އަނިޔާ ލިބެނީ އަންހެން ކުދިންނަށްކަމަށް ނަމަވެސް ޖާބިރުބެ މެންކަހަލަ މީހުންގެ ސަބަބުން އެތަށް ފިރިހެންކުދިންގެވެސް މުސްތަގުބަލު ދަނީ ވެއްޔާ މޮޑެވެމުން..” އަހަރެންގެ ދިފާއުގައި އިތުރަށް ބުނީމެވެ.

އޭރުވެސް ދޮންބެގެ ރުޅި މައިތިރިއެއް ނުވެއެވެ. އެވަގުތު ދޮންބެ ޖާބިރުބެ މޫނުމައްޗަށް ފުޅިއެއް ތަޅާލިއެވެ.

“އާސިފް.. ހުއްޓާލާ!” އެއްކަނެއްގައި ހުރި މަންމަ ދޮންބެ އަށް އަމުރު ކުރިއެވެ.

“ނުހުއްޓާނަން. އަހަރެންގެ ކޮއްކޮގެ މުޅިދިރިއުޅުން ހަލާކުކޮށްލި މީހާމި” ދޮންބެ އަހަރެންގެ ދިފާއުގައި ހުރި ތަންފެނި އުފާވެސް ވިއެވެ.

“މި..މި.. އަހަރެން ބޭނުންވި ކަމެއްނޫން.. މި.. މި.. އޭނާ ބުނެގެން ކުރިކަމެއް..” ޖާބިރުބެ އިޝާރާތްކުރަމުން ބުންޏެވެ.

“ވަދީފާ!!!” ޖާބިރުބެ އިޝާރާތްކުރީ މަންމައަށެވެ. އަހަރެންނަށް ވީގޮތްވެސް ނޭނގުނެވެ. “މަންމާ.. ކީއްވެ.. ކީއްވެ؟..” ރޮމުން އަހަރެން ބުނެވުނެވެ.

“އެއީ ތީ އަހަރެންގެ ދޮންދަރިވެ..”އަންތަރީސްކަމާއެކު ބަލަންހުރެވުނެވެ.

“އާނ.. ހަލީމް މަށާއިނީ އާރިފް ހަމަލިބުނުތަނާހެން އާރިފްގެ މަންމަ މަރުވީމަ.. އާރިފް ގެންގުޅެން ހަދައިން އަހަރެން އޭރު ބަލިވެ އުޅެނިކޮށް އަހަރެން ދަރިފުޅު މަރުވީ.. އެކަމުގެ ސަބަބުން އަހަރެން ކަލެއަށް ނަފްރަތު ކުރަން.. އެހެންވެ ބޭނުންވީ އެކަމުގެ ބަދަލުހިފަން.. މިއަދު އަދި ތިކަންފަޅާއެރި ނަމަވެސް އަހަރެން ދެރައެއްވެސް އަދި ލަދެއްވެސް ނުގަނޭ” އެތަކެއް ވާހަކަތަކެއް އެނގެމުން ދިއައެވެ.

“ވަދީފާ.. ތީފަހެ އިންސާނެއްތަ..؟ އަހަރެން ވަދީފާ މިގެއަށް ގެނައީ އަހަރެންގެ ދަރިންނަށް މަންމައެއްގެ ލޯބިދޭން. އެކަމަކު ވަދީފާ ތިކުރީ ދުޝަމަނެއްވެސް ނުކުރާނޭފަދަ ކަމެއް” “ދަރިފުޅާ..ބައްޕައަށް މާފުކުރޭ.. ދަރިފުޅުގެ ތިހާލުގެ ޒިންމާއަކީ ބައްޕަ..” ބައްޕަ އަހަރެން ކައިރިން މާފަށް އެދުނެވެ. “ނޫން ބައްޕާ” އަހަރެން ބުނީމެވެ. “އަހަރެން މިދަނީ މިނުބައި ނުލަފާ މީހުން ފުލުހުންނާ ހަވާލުކުރަން” ދޮންބެ ޖާބިރުބެ އާއި މަންމަ ނެރެމުން ބުންޏެވެ. ފަހަތުން ބައްޕަވެސް ދިއައެވެ.

ދޮރު ކައިރީ ހުއްޓިގެންހުރި ޝައުރާ އަހަރެންނަށް ފެނުނީ ދެނެވެ.އަހަރެންގެ އުފަންދުވަސްވެ ސަޕްރައިޒް ދޭން އައިސް ކަންނޭގެއެވެ. ނަމަވެސް މޫނު ހަމަކުރާކަށް ނުކެރުނެވެ. ފަސްދެވުނެވެ. “ޝައުރާ މިތަނުން ދޭ.. އަހަރެންމީ ވަރަށް ވިޔާނުދާ މީހެއް.. އަހަރެން..” ޝައުރާ އަހަރެންގެ އަނގަމަތީ އަތްއަޅަމުން ވާހަކަ ހުއްޓުވިއެވެ.

“އަހަރެންނަށް ހުރިހާ ވާހަކައެއްވެސް އިވިއްޖެ. އެއްވެސް އެއްޗެއް ކިޔާދޭނެކަމެއް ނެތް، އެއީ އާރިފްގެ މާޒީ.” ޝައުރާ ކިޔާދިނެވެ. އަހަރެން ބުނާނެ އެއްޗެއްވެސް ނޭނިގިފާ ހުރެވުނެވެ. “ދެން ތިބުނީ.. މިހުރިހާ ކަމެއް އެނގިހުރެވެސް ޝައުރާ އަހަރެންނާ އެކު އުޅޭނަމޭތަ؟” ޝައުރާ އާނ އެކޭ ބުނުމުގެ ގޮތުން ހިނިތުންވެލުމާއެކު ބޯޖަހާލިއެވެ.

އަހަރެން އަބަދުމެ އެދުނު އެދުންތައް ފުރިހަމަވެގެން ދިއައީއެވެ. އަހަރެންގެ ހަޔާތުގައިވި ބިރުވެރި އަނދިރި ގަނޑުން އަހަރެން ސަލާމަތްވީއެވެ. އެކަމުގެ ސަޒާ އެކުރި މީހުނަށްވެސް ލިބުނީއެވެ. އަހަރެންގެ ހަޔާތަށް އުފާވެރިކަމުގެ ނޫރު ދިއްލައިދިން ޕަރީ ހަޔާތުގެ ބައިވެރިއާ އަށްވެސް ވީއެވެ. މިހުރިހާ ކަމަކަށް ފެންބޮވައިގަނެފައި ހުރި، އަހަރެން ކުރި އިންތިޒާރު ނިމުނީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355