twitterviber whatsapp telegramfacebookyoutube instagram
21st November 2024

ކުރުވާހަކަ - މަޑުއްވަރީ ދަތުރު (ފަހުބައި)

ބަދުރުއްދީން ޙަސަން
May 3, 2020

(ކުރީދުވަހުގެ ބަޔާގުޅޭ)

ދެމީހުން ވާހަކަ ނުދައްކާ އެހެންތިބި ކަމުގައި ވިޔަސް، ދެމީހުންގެ ދެހިތްވެސް ދައްކަމުން ދިޔައީ އެއްވާހަކައެކެވެ. އަހަރެން ޝީރީންގެ ދަތްދޮޅީގައި ހިފާ ހިއްލާލުމާއެކު އަހަރެންގެ ނިއްކުރީގައި ޝީރީންގެ ނިއްކުރި ޖައްސާފިއްތާލިއެވެ. އެވަގުތު ދެމީހުންގެ ނޭވާގެ ހޫނުކަން ދެމީހުންނަށް އިހްސާސް ކުރެވެމުން ދިޔައެވެ.

“ރޮމެންޓިކް” އެވަގުތުކޮޅު މެދުކެނޑުނީ ސައިކަލުތައް ދުއްވަންފެށި އަޑު އިވުނީމަ އެވެ. އަހަރެން އިތުރު ވާހަކައެއް ނުބުނަމެވެ. އަވަހަށް ގެޔާދިމާއަށް ހިނގައިގަތީއެވެ.

ބާރަށް ހިނގާފައިގޮސް ގެޔަށްވަދެ ސިޓިންރޫމްގައި ހުރިސޯފާގައި ނިދާކަމަށް ހެދިގެން އަހަރެން އޮތީމެވެ.

*****

ގޭތެރޭގައި މީހުން ވާހަކަ ދައްކާއަޑަށް އަހަރެންނަށް ހޭލުވުން އިރު އަހަރެން އޮތީ ސިޓިންރޫމް ސޯފާގައެވެ.

“ކޮބާ ހޭލެވިއްޖެދޯ. އަހަރެމެން ރޭގެ ފަހުން ޝާޑް ވަރަށް ހޯދިން. ޝޯވް ނިންމާފަ ގެޔަށް އައިއިރު ނިދާފަ އޮތީމަ ދެން ނުގޮވީ.” މިއަދު ހަވީރު އޮންނަ މާލި ނެށުމަށް މާލިހެދުމެއް ފަހަން އިނދެފައި ނޫހު ބުނެލިއެވެ.

ރޭ އަހަރެން އޮށޯތީ ނިދާކަމަށް ހެދިގެންނެވެ. ނަމަވެސް ޖައްސާލިތަނާ ނިދުނީ އެވެ. އަހަރެން ދެލޯހުޅުވާލިޔަސް އޮތީ އަދި ތެދުވަން ބޭނުން ނުވެފައެވެ. ކަންނެއްވެ ކުރުގެޅުވިފައި އަހަރެން އޮތީ ރޭގަ ހިނގިކަންތަކާމެދު ވިސްނާށެވެ.

ރޭގެ ހަނދާންތައް އެއީ ހަމަ ހިނގިކަމެއް ބާއޭހިތައް އެރިއެވެ. އެއީ ހުވަފެނެއް ހެންވެސް އަނެއްބައިފަހަރު ހީވެއެވެ.

ޝީރީންއާ ބައްދަލުކުރަން އަހަރެން އަދިވެސް ބޭނުމެވެ. ނަމަވެސް ރޭ ނަންބަރު ނަގާކަށްވެސް ހަނދާނެއް ނުވިއެވެ. ތެދުވެލާފައި ސިޓިންގރޫމްގެ ކުޑަދޮރުން ބޭރުބަލާލިއިރު މުސްކުޅިފުރައިގެ އަންހެނެއް ބޭރުގައި ހުރި ޖޯލީގައި ކަނޑޫ ކަހަން އިނެވެ.

“އެވާނީ ޝީރީންގެ މަންމަ ފާތުމާމަނިކެއަށް.” އަހަރެންނަށް ހިތާހިތާ ކިޔާލެވުނެވެ.

ފެންވަރައިގެން ނުކުމެ އެޖޯލީގެ އަނެއްކޮޅުގައި އަހަރެން އިށީނީ ޝީރީން ކޮބައިތޯ އަހަންވެގެންނެވެ. ނަމަވެސް ބީރައްޓެހި ރަށަކަށް އައިސް އަންހެން ކުއްޖެއްގެ ވާހަކަ އެކުއްޖާގެ މަންމަގެ ކައިރީގައި އަހާކަށް އަހަރެންނަކަށް ނުކެރުނެވެ.

ކޮންމެ ގޮތެއްވިޔެސް މިރޭ އަލުން ބައްދަލުވާނޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް މިރޭ ބައްދަލުވާނެ ތަނެއް، އަދި ވަގުތެއްވެސް ރޭ ޝީރީން އެއް ނުބުނެއެވެ.

ގޭގައި ހުރިއިރު އިރުއިރު ކޮޅުން އަހަރެން ބޭރަށް ނުކުމެ ޝީރީންގެ ހަބަރެއް ވޭތޯ ބެލީމެވެ. ޝީރީންގެ އެއްވެސް ހަބަރެއް މެންދުރު ކުރިޔަކުން ނުވިއެވެ. މާ ބަސްއަހާ ކުއްޖެއް ވީމަ، ގެއިން ނުނިކުންނަނީ ކަމަށް އަހަރެން ނިންމީމެވެ. ނަމަވެސް މެންދުރު އަނބުރާލި ފަހުން އެގެޔާދިމާއަށް ބަލަންހުއްޓާ ގޭތެރެއިން، ރޭ ޝީރީން ލައިގެން ހުރި ހެދުން ފެނިލިހެން ހީވިއެވެ. ޝީރީން ގޭތެރޭގެ މަސައްކަތުގައި އަވަދިނެތި އުޅޭތަން ފެނުނެވެ. އޭނާގެ ގެވެހިކަން ފެނިފައި އިތުރަށް ގަޔާވާގޮތްވިއެވެ.

އެއީ މަންމަ ލޯބިވާވަރުން ބޭރަށް ނުކުތުން މަނާކޮށްފައި އޮންނަ ކުއްޖަކަށް ވެދާނެއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ނިންމީ މިރޭވެސް އެގަޑީގައި ޝީރީން ހޯދަން އަންނާށެވެ. ގޭ މީހުން ޝޯވް ބަލަން ދިޔައީމާ، ޝީރީން ބޭރަށް ނުކުންނާނެކަން ޔަގީނެވެ.

މެންދުރު ފަހުން އަހަރެން ބެލީ ރޭގެ ކަންތަކާ މާބޮޑަށް ނުވިސްނަވޭތޯއެވެ. މެންދުރު ފަހުގެ ކުޅިވަރުތަކުގައި އަހަރެމެންގެ ގުރޫޕާއެކު އަހަރެންވެސް ބައިވެރިވީމެވެ. ތިންމުގޯލި ކުޅުމުގައާއި، އައްތަވާޅި ކުޅުމާއި ކޯޑި ނެގުމުގައި ރަށުގެ މީހުންނާއެކު އަހަރެން ބައިވެރިވެ އާތަޖުރިބާތަކެއް ކުރީމެވެ. އަދި އަތިރިމަތީގައި މާލި ނެށުން އޮތް އިރު އަހަރެންވެސް ކުޅިބަލަން ދިޔައީމެވެ. މަޑުއްވަރީގެ މީހުންނަކީ ފޯރިނަގާ މަޖާ ބައެއްކަމުން، އަހަރެންވެސް ހުރީ އެފޯރީގައެވެ.

ނަމަވެސް އެހުރިހާ ކަމެއްގައި ސަކަރާތްޖަހައި އުޅުންއިރުވެސް ޝީރީންގެ ސޫރަ އަހަރެންގެ ހިތުން ފިލައިގެންނެއް ނުދެއެވެ. އިރު ނުއޮއްސިގެން އަހަރެންނަށް އަބަދުވެސް ހުރެވެނީ ގަޑިއަށް ބަލާލަ ބަލާލައެވެ. ރޭގަނޑުގެ ވަގުތަށް އަހަރެން އިންތިޒާރު ކުރަމުން ދިޔައިމެވެ.

މިރޭ އަހަރެން ބެލީ ފޭކެއް ޖައްސައިގެން ޝޯވް ބަލަން ނުގޮސްވޭތޯއެވެ. އެންމެން ތައްޔާރުވެގެން ނުކުތްތަނާ އަހަރެން ބޮލުގައި ރިއްސާކަމަށް ހެދިގެން ސިޓިންރޫމްގައި މަޑުކުރީމެވެ. އެތަނުގައި ހުރި ކަބަޑަކުން ނޫހުގެ މަންމަ ޕެނަޑޯލް ދެގުޅަ ނަގައިފައި ފެން ތައްޓަކާއެކު އަހަރެންނަށް ދިނެވެ.

“ބޭސް ކާލައިގެން ޖައްސާލާ. އެމީހުން ބުނިކަމުގައި ވިޔަސް ބަލިއްޔާ ކޮންމެހެން އެސަކަރާތުގެ ތެރެއަށް ދާން ހަދާނެކަމެއް ނެތް” ނޫހުގެ މަންމަ ބޭސްދިނުމަށްފަހު ބޭރުގައި އޮތް ގުރޫޕާދިލަށް އިޝާރާތް ކޮށްފައި ބުންޏެވެ.

އިރުކޮޅަކުން ހުރިހާ އެންމެން ގޮސްނިމޭހާއިރު ވުމުން އަހަރެން ތެދުވެ ބޭރަށް ނުކުތީމެވެ. ރެއަކީ ކުރީ ރެޔަށް ވުރެ ފިނި ރެއެކެވެ. ވައިރޯޅި އައިސް ގައިގައި ބީހިލާއިރު ކޮންމެވެސް ވަރަކަށް ހީކަރުވާވަރު ވެއެވެ.

ޝީރީންމެން ގެޔަށް ބަލާލިއިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ޝީރީން މިރޭ ކޮބައިބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު ފުއްޓަރާދިމާ ބަލާލުމާއެކު އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވައިދިނީ ފުއްޓަރުގައި ޖަހާފާހުރި ބަސްތާތަކުގެ މަތީގައި ޝީރީން ހުއްޓާފެނުމުންނެވެ.

ޝީރީން ލައިގެން ހުރީ ހަމަ ރޭވެސް ލައިގެން ހުރި ރަތްފިނިފެންމާޖެހި ހުދު ޕާކިސްތާން ހެދުމެވެ. ޖެހެމުން ދިޔަ ވައިރޯޅިއާއެކު ޝީރީންގެ ފަން އިސްތަށިގަނޑު ވިހުރެމުން ދިޔަތަން ހަނދުވަރުގެ ތެރެއިން އަހަރެންނަށް ފެނެއެވެ. ފެންނަމުންދިޔައީ ފިލްމެއްގެ މަންޒަރެއް ކަހަލައެވެ.

އަހަރެން ގޮސް ޝީރީންގެ ކައިރީގައި ހުއްޓުންއިރު އެރީތި މޫނުމަތީގައި ވަނީ އުޖާލާކަމެވެ. ރޭފަދައިން މޫނަށް ހަނދުވަރު އެޅުމުން މޫނު ވިދާބަބުޅާހެންވެސް ހީވެއެވެ.

“ދުވާލު ގެކައިރިން ފެނޭތޯ ވަރަށް ބެލިން. ނަންބަރެއްވެސް ނުދެމެއްނު. އެހެންވެ މިރޭ އަނެއްކަ ދިމާވާނެ ބާއޭ ހިތާހުއްޓަ….” ޝީރީން އަހަރެންގެ ވާހަކަ މެދު ކަނޑާލާފައި ވާހަކަ ދައްކަން ފެށިއެވެ.

“…ހމމމ.. މަށަށް އެނގޭ ވަރަށް ހޯދިކަން. ހެނދުނު ޖޯލީގައި އިންދަވެސް ދެކުނިން. ކީއްކުރާ ނަންބަރެއް. މިހިރީނުން އައިސް.” ޝީރީން ފެށީ ސަކަރާތް ޖަހާށެވެ. “ކޮންމެހެން ހޯދަން އަންނާނެކަމެއް ނެތް. އޭރުން މަންމަ އަށް އެނގިދާނެ. އަދި ނަމަނަމަ އެހެން މީހެއްގެ ކައިރީ މިވާހަކަ ނުބުނާތި. އޭރުން ރަށުތެރޭގައި ބޮޑު ވާހަކައެއްހެން ފެތުރޭނެ. މާލެއިން ތިހެން އައިސް އުޅޭމީހުންނާ މިރަށުކުދިންނާ އަޅުވާކިޔައިގެން ވަރަށް ވާހަކަ ދައްކާބައެއް މިރަށުގަ އުޅެނީ.”

ތެދެކެވެ. މިކަން އެހެންމީހުންނަށް އަންގާކަށް އަދި އަހަރެން ބޭނުމެއް ނޫނެވެ. އަދި ޝީރީންވެސް އެގޮތް އެހާބޭނުމެއް ނުވެއެވެ. އެހެންކަމުން އަހަރެމެން ދެމީހުންވެސް އެހެން މީހުންނަށް ސިއްރުކުރަން ނިންމީމެވެ. އެހެންމީހުންނަށް އަންގާ ހިސާބަށް އަދި ދާނެއެވެ.

“އެކަމަކު ނަންބަރު ދިނީމައެއްނު މާލެ ގޮސް ގުޅޭނީ.” އަހަރެން މިގުޅުން މާލެ ދިޔަސް ކުރިޔަށް ގެންދަން ބޭނުންވެއެވެ.

“ނަންބަރު ދިނަސް ޔަގީން ނުގުޅާނެކަން. ތިހެން މާލެއިން ރާއްޖެތެރޭ ރަށްރަށަށް އަންނަ މީހުން ބޭނުންވާނީ ޗުއްޓީގައި އައިސް މަޖާކޮށްލަން.” އާއްމުކޮށް ކަންހިނގާގޮތް ޝީރީންއަށްވެސް އެނގެއެވެ. “ދެން ފަހުން ގުޅާނަމޭ، މާލެ ގެންދާނަމޭ، އިންނާނަމޭ ކިޔައިގެން ހިޔާލީ ފޮލާ ކައްކާފަގޮސް ވާނީ ހަމަ ބަހަބަރު. އެހެންވީމަ ކޮންމެހެން ޝާޑް ވެސް ތިހެން ނުކިޔަސް ހެޔޮ. އަދި ނުގުޅިޔަސް މަށަށް ހެޔޮ.”

“ތިހެންނެއް ދެން ނުހަދާންނު…” އަހަރެންގެ ނިޔަތަކީ އެޔެއް ނޫނެވެ.

“ދެން ކޮންމެހެން ހެވޭ ނުގުޅިޔަސް. މަށަށް ނުވެސް ދެވޭނެ އޯކޭ. ސީރިއަސްކޮށް ނޮޓް ޕޮސިބަލް” ޝީރީން އަހަރެންގެ އަތުގައި ހިފައިފައި އެތަނުގައި ބޭންދިއެވެ.

ދެމީހުން ހަމަރޭވެސް ތިބިތަނުގައި އިށީނީމެއެވެ. ތަފާތަކީ ރެޔަށްވުރެ މިރޭ ދެމީހުން ކައިރީގައި ތިބިކަމެވެ. މިރޭ އަހަރެންނަށް ހީވަނީ ޝީރީންއަކީ އަހަރެންގެ ވަރަށް ދުވަސް ވީ ލޯބިވެރިއެއް ހެންނެވެ. ކުޑަކޮށްވެސް މިއީ ކުރިން ނުދަންނަ ދެމީހުންނޭ ހިތަކަށް ނާރައެވެ. އަހަރެމެންގެ މެދުގައި އެއްވެސް ބީރައްޓެހިކަމެއް ނެތެވެ. މިހެން މިވަނީ ކީއްވެބާއޭވެސް ބައެއްފަހަރު އަހަރެން ހިތަށް އަރައެވެ.

އަހަރެން ހިތުގައި ހުރި ޝުއޫރުތައް ފާޅުކުރަން މިރޭ މާއުނދަގުލެއް ނުވިއެވެ. އަހަރެންނަށް ޝީރީން ކަމުދާވާހަކަ ބުނީމެވެ.

“ބަލަ މަ ލައިކް ނުވަނީކަމަށްތަ ހީކުރީ. ހާދަ މޮޔައޭދޯ ޝާޑް.” އަހަރެންގެ އުނގުގައި ބޯއަޅާލަމުން ޝީރީން ބުންޏެވެ.

ދެމީހުންނަށްވެސް ދެމީހުންގެ ހިތުގެ ވާހަކަތައް ބޭރުކޮށްލެވުމުން ހިތްހަމަޖެހުން ލިބުނެވެ.

އަހަރެން އިނީ ޝީރީންގެ އިސްތަށިގަނޑާކުޅޭށެވެ.

“އިސްތަށިގަނޑާކުޅުމުގެ މާނަ އެނގޭތަ ޝާޑުއަށް” ޝީރީން ލޯބި ގޮތަކަށް އަހާލިއެވެ.

“އެނގޭމީހާ ބުނަންވީނު”

“އޭގެ މާނައަކީ އައި ކާންޓް ލިވް ވިތައުޓް ޔޫ” ޝީރީން ތުއިވެފައި ޖަވާބުދިނެވެ.

ތެދެކެވެ. އެއްދުވަސްތެރޭ އަހަރެންގެ ހިތް ޝީރީން މިލްކް ކޮށްފިއެވެ. ޝީރީން އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން އަހަރެން ބޭނުމެވެ.

އެހެން ބުނެފައި އަހަރެންގެ ކަނދުރާގައި އަތްއަޅުވާފައި އަހަރެން ޝީރީންއާ ކައިރިކޮށްލިއެވެ. އަހަރެމެންގެ ލޯބީގެ ބަގީޗާގައި އެރޭ މާތައް ފޮޅުނެވެ. އުޑުގައި ހުރި ތަރިތަކަކާއި ވިލާތަކުގެ ނިވަލުގައި ފިލާހުރި ހަނދުވެސް އެރޭ ބޭލީމެވެ. ލޯބީގެ ވައުދުތައް ކުރީމެވެ. ރޭގަނޑުގެ ބައްދަލުވުން ނިމިގެން ދިޔައީ މާދަންރޭވެސް އެތަނުން ބައްދަލުވާން ދެމީހުން ވައުދު ވެފައެވެ.

އެނެއްދުވަހު އަހަރެންނަށް ހޭލެވުނީ 11 ޖަހަން އުޅެނިކޮށެވެ. އަހަރެން ގެޔަށް އައި ހަނދާނެއްވެސް ނުވެއެވެ. ލޯބީގައި މަސްތުވެފައި ހުރިވަރުން، ނޭނގުނީއެވެ. އަހަރެން ބަލިކަމަށް ހީކޮށް އެއްވެސް މީހަކު އަހަރެންނަށް ނުވެސް ގޮވައެވެ. ނަމަވެސް ފެންވަރައިގެން ނުކުތުމުން، މިރޭ ފަހު ޝޯވް ބަލަން ކޮންމެހެންވެސް ދާންޖެހޭނެކަމަށް ބުންޏެވެ.

ދުވަސް ނިމިގެން ދިޔައީ އެކަހަލަ މިކަހަލަ ގޮތަކަށެވެ. ހުރިހާ އިރެއްގައިވެސް އަހަރެންނަށް ހުރެވުނީ ރޭގެ ހިޔާލުތަކަށް ގޮސް ހުސްވެފައެވެ. އަބަދުވެސް އިންތިޒާރު ކުރެވުނީ ރޭގަނޑުގެ އެބައްދަލުވުމަށެވެ. ނަމަވެސް މިރޭ ދެން ޖައްސާނީވެސް ކޮން “ފޭކެއް” ހެއްޔެވެ. އަހަރެން ހުރީ ޕްލޭން އަކަށް ވިސްނަ ވިސްނައެވެ. އަހަރެން އަބަދުވެސް ބޮޑު ފިކުރެއްގައި ހުންނާތީ ގްރޫޕުގެ އެންމެން ސުވާލު ކުރެއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އެކަން އަންގާކަށް އަހަރެން ބޭނުމެއް ނުވެއެވެ.

ދުވަހުގެ ކުޅިވަރުތަކަށް ފަހު ރޭ ވެއްޖެއެވެ. މިރޭ ޝޯވް އަށް ނުދާން އަހަރެން ދައްކާނެ އިތުރު ބަހަނާއެއް ނެތެވެ. އަހަރެންނަށް މަޖުބޫރުވީ އެންމެންނާއެކު ޝޯވް ބަލަން ދާށެވެ. އީދުގެ ފަހު ރޭ ކަމުން މިރޭ ވަރަށް ފޯރިގަދައެވެ. ލަވަކިޔުމާ ނެށުމާއެކު އެންމެންވެސް ތިބީ ފޯރީގައި ސަކަރާތް ޖަހާށެވެ. އަހަރެންނަށް ވީވަރަކުން އަހަރެންވެސް ބެލީ މަޖާކުރެވޭތޯއެވެ.

މާދަމާ ފުރަން ޖެހޭތީ މިރޭ ޝީރީންއާ ބައްދަލުކުރަން އަހަރެން ބޭނުމެވެ. އަހަރެން ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ނަމަވެސް މިރޭ އަހަރެންނަށް ސަލާމަތް ވެވޭކަށް ނެތެވެ. ހުރިހާ އެންމެންނާއެކު ސަކަރާތްޖަހަން ހުރެފައި އަހަރެން ފިލާނީ ވަކި ކީކޭ ކިޔާފަ ހެއްޔެވެ. ޝޯވް ނިމިގެން ދިޔައިރުވެސް ގެޔަށް ދެވޭގޮތެއް އަހަރެންނަކަށް ނުވިއެވެ.

އެންމެ ފަހުން ޝޯވް ނިމުމާއެކު އަހަރެން އަވަސްވެގަތީ ގެޔާދިމާއަށް ދާށެވެ. ނަމަވެސް ގްރޫޕް އެންމެން ކޮޕީއަށް ދާން ނިންމުމުން އަހަރެންނަކަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. ކުރީ ދެރޭ ނުހުރުމުން މިރޭ އަހަރެން ޖެހުނީ ގްރޫޕު އެންމެންނާއެކު ސަކަރާތުގައި އުޅޭށެވެ. އެންމެ ފަހުން ގެޔާހަމައަށް ދެވުނު އިރު ދަންވަރު 3 ވެސް ޖަހައިފިއެވެ. މިރޭ ގްރޫޕުގެ އެހެންމީހުންވެސް އައީ އަހަރެން ހުންނަ ގެއަށެވެ. ފަހުރޭ ވީމާ އެންމެން އެއްކޮށްތިބެ ސަކަރާތް ޖަހަން ބޭނުންވާތީއެވެ.

ފަތިސް ވީއިރުވެސް އެންމެން ހޭލާ އުޅޭތީ ބޭރަށް ނުކުމެލަން އަހަރެންނަށް ޗާންސެއް ނުލިބުނެވެ. އެހެން ތިއްބާ ނިދުނީއެވެ.

11 ޖެހިއިރު އެންމެންވެސް ހޭލިގޮތަށް އަވަސްވެގަތީ މެންދުރު ފަހު ފުރާ ބޯޓަށް ދިއުމަށް ދަތުރު ހަދާށެވެ. ރޭ ޝީރީންއާ ބައްދަލު ނުވުމުން އަހަރެން ހުރީ މުޅިން މޫޑު އޮފްވެފައެވެ. ވަރަށް ދެރަ ވެސް ވެފައެވެ. ބައްދަލުވާން ވައުދުވެފައި ބައްދަލު ނުވެވުނީތީ ހިތްހަމަނުޖެހިފައެވެ. އަހަރެން ނައުމުން ޝީރީން ހިތަށް އަރާނެ އެއްޗަކާމެދު ހުރެވުނީ ކަންބޮޑުވެފައެވެ.

މިއަދުވެސް އިރުކޮޅުކޮޅުން ބޭރުބަލާލެވެނީ ޝީރީން ފެނޭތޯއެވެ. ޝީރީންގެ މަންމަ ގޭގައި އުޅެނިކޮށް ބޭރަށް ނުނިކުންނާނެކަންވެސް އެނގެއެވެ. އަހަރެމެންގެ ގުޅުން އެއްވެސް މީހަކަށް ނާންގާނެކަމަށް ޝީރީންގެ ކައިރީ ވައުދުވެފައި ވާތީ، އެގެޔަށް ދާކަށްވެސް އަހަރެންނަކަށް ނުކެރުނެވެ. މާލެގޮސް ޝީރީންއަށް ގުޅަން ނަންބަރުވެސް ނަގަން ކުރީރޭ ފަހުން ހަނދާނެއް ނެތެވެ. އަހަރެން ހުރީ ހަދާނެގޮތް ހުސްވެފައެވެ.

އެންމެ ފަހުން އަހަރެންނަށް ފެނުނީ ކުޑަ ނޯޓެއް ލިޔެފައި އެގެޔަށް ލާށެވެ.

ކުޑަ ނޯޓެއްގައި އަހަރެން ފޮނި އިބާރާތްކޮޅެއް ލިޔުމަށްފަހު، އަހަރެންގެ ނަންބަރު ޖަހާފައި ތައްޔާރު ކުރީމެވެ. މެންދުރުފަހު ދާން ތައްޔާރު ވުމަށްފަހު:

“ނޫހު. ކަމެއް ކޮށްދީބަލަ. އެއްވެސް މީހެއް ކައިރީ ނުބުނާތި އިނގޭ.” އަހަރެން ފުރަތަމަވެސް ޝަރުތު ކުރީމެވެ.

“އާނ. ކިހިނެތް ހަދަންވީ” ނޫހުގެ ސެމްސޮނައިޓް ފޮށި ނެރެ ސިޓިންގރޫމްގައި ބަހައްޓަމުން ބުންޏެވެ.

“މި ނޯޓް ގެންގޮސް މިހިރަގޭ ޝީރީން އަތަށް ދީފާނާންތަ ސިއްރުސިއްރުން” އަހަރެން ނޯޓުކޮޅު ނޫހުއަށް ދިއްކޮށްލީމެވެ.

“ޝީރީންއޭ. ކިހިނެތް ޝީރީން އެނގެނީ.” ނޫހު ނޯޓުގައި ނުހިފައި ކުރީ ސުވާލެކެވެ.

“ދެން މާގިނަ ސުވާލު ނުކޮށް ދޭބަލަ މިދޭން. ފަހުން ކިޔާދޭނަން.” އަހަރެން ބެލީ އަވަހަށް ނޫހު ފޮނުވާލެވޭތޯއެވެ.

“ކީކޭ ޝާޑު ތިކިޔަނީ. އެގޭގަ މިހާރަކު ނޫޅޭނެ ޝީރީނެއް.” ނޫހުގެ ޖުމްލައިން އަހަރެންނަށް ލިބުނީ ޝޮކެކެވެ. “2004 ގައި އެރި ސުނާމީގައި ޝީރީން ވީ ގެއްލިފަ. ޝާޑު އަށް ޝީރީން އެނގޭތަ ކުރިން.”

އަހަރެންގެ ދުލުގައި ތަޅުއެޅުން ކަހަލައެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަމަގައިމުވެސް އަހަރެން ޝީރީންއާ ބައްދަލު ކުރީމެވެ. އެއީ ހުވަފެނެއް ނޫނެވެ. އެންމެ ރެޔަކު ނޫނެވެ. ދެރޭވެސް އަހަރެންނަށް ޝީރީން ފެނުން އެކަންޏެއް ނޫނެވެ. އަހަރެން ޝީރީންއަށް ހިތް ދިނީމެވެ. ދެމީހުން ފުއްޓަރުގައި ލޯބީގެ ވަގުތުތައް ގުނީމެވެ. މާފޮޅުވީމެވެ. ތަރިބޭލީމެވެ. ވައުދުތައް ވީމެވެ. އެއީ ވަހުމެއް ނޫނެވެ.

“ޝީރީން ވީ މިދުނިޔެ ދޫކޮށްފައި.” އަހަރެން ކައިރިޔަށް ޖެހިލާފައި މަޑުމަޑުން ނޫހު ބުނެލިއެވެ. “މީހުން ކިޔާ މިހިސާބުން އޭނަގެ ރޫހެއް ފެނެއޭ. އެއީ ހަމަ ދެން ދައްކާ ވާހަކަ.”

ބޯޓު ފުރަން ގަޑި ޖެހޭތީ ދެމީހުންވެސް ނުކުމެ އަވަހަށް ނައްޓާލީ ހާބަރަށެވެ.

އެއީ ދައްކާ ވާހަކައެއް ނޫނެވެ. އަހަރެން ޝީރީން އާ ބައްދަލު ކުރީމެވެ. ދެމީހުން ދެމީހުންނަށް ހިތް ދިނީމެވެ. ދެމީހެން އެރޭ ވަކިވީ އަދިވެސް ބައްދަލުވުމަށް ވައުދު ވެފައެވެ. ނޫހު އެވާހަކަ ބުނުމުން ގަބޫލު ކުރަން އުނދަގޫވިޔަސް އަހަރެންނަށް ޖެހުނީ ގަބޫލު ކުރާށެވެ. އިތުރަކަށް ދެން އެއްޗެއް ނާހަމެވެ.

އަހަރެން ހައިރާންވީ އެވާހަކަތައް އިވިފައި އަހަރެން ބިރު ނުގަތީމައެވެ. ބިރު ގަންނަންވީ ކީއްވެހެއްޔެވެ. ނޫނީ އަހަރެންނަށް ބިރުގަންނަން ނޭނގުނީ ބާއެވެ. ދެން އިތުރު މީހަކު ކައިރީ އެވާހަކަ ނުދައްކާ އަހަރެން ބޯޓަށް އެރީމެވެ. މަޑުއްވަރީ އީދު ދަތުރުގެ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ. އެއީ ފޮނި ހަނދާން ތަކެކެވެ. އަހަރެންގެ ހަޔާތުގެ ފޮތުގެ ގަނޑެއްގައި އެވާހަކަ ލިޔެފައި ދެގަނޑުއެއްކޮށް ހީރާސް ޖަހާފައި އަހަރެން ބާއްވާނަމެވެ. އެގަނޑު ދެން ހުޅުވާނެ ކަމެއް ނެއްތާ އެވެ.

-ނިމުނީ-

ރޭގަނޑު ނުވައެއް ޖަހައިފިއެވެ. “ކީއްކުރަން އަހަރެންގެ ވާހަކަ ނޫހު ކައިރީ ބުނީ…” އަންހެން އަޑަކުން ބިރުވެރި ގޮތަކަށް މިހެން ބުނުމާއެކު އަހަރެންނަށް ހޭލެވުން އިރު އަހަރެން އޮތީ މާލެ ދާން އެރި ބޯޓުގެ ހިޔާގަނޑު މަތީގައެވެ. ސިއްސައިގެން ގޮސް ހޭލާވަށައިގެން ބަލާލިއިރު ބޯޓު ވަށައިގެން އޮތީ ރެނދަން ލާފައެވެ. އެއްވެސް ރަށެއް ފެންނާކަށް ނެތެވެ. ކަނޑު އޮތީ ރެނދަނުން އެއްކޮށް ދިއްލިފައެވެ. އެވަގުތު ވާރޭ އޮއްސާލިއެވެ. ބޯޓު ތެރެއިން މީހަކު ކަނޑުމަތި އަޅައިފިއޭ ކިޔާފައި ރޮއިގަތް އަޑު އިވުނެވެ….

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355