twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވާހަކަ - ތަޤުދީރު

May 19, 2020

ފަތިހުގެ ބަންގީގެ އަޑު މުޅި ރަށު ތެރެއަށް ފެތުރިގެން ދިޔައެވެ. ފިނި ކޮޓަރީގެ މެދުގައި ހުރި އެނދުގެ ޑުވޭ ދަށުގައި އޮތް ލީޝާ ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލީ ނިދީގެ އަސަރު ފިލުވާލުމުގެ ބޭނުމުގައެއް ނޫނެވެ. އެރޭގެ ނިދިން މަޙުރޫމް ކުރުވި ފޮނި ހުވަފެންތަކާއި އުތުރި އަރަމުންދިޔަ އުފާވެރި އިޙްޞާޞްތައް މައިތިރި ކުރެވޭތޯއެވެ. އޭރުވެސް ލީޝާގެ ތުންފަތްމަތީގައިވަނީ އާދަޔާ ޚިލާފް ހިނިތުންވުމެކެވެ. މުޅި ރޭ ހޭލާ އޮވެ ބެލި ހުވަފެންތަކާ ގަދަކަމުން ދުރުވެ، ފެންވަރާލައިގެން ލީޝާ ފަތިސް ނަމާދަށް ހަރަމް ބަނެވެ.

ދުވަހުގެ އަލިވިލިގެން އައީ އުޑުމަތި ސާފު ނަލަ ދުވަހަކަށެވެ. ހާލާއި ކާޅު އަދި ދޫނީ ސޫފާ ސޫފީތައް އޭގެ ރީތި ނަލަ އަޑުތަކުން އައު ދުވަހަކަށް މަރުޙަބާ ކިޔަމުން ދިޔަ އަޑުތައް ދުރުދުރުން އިވިލައިވިލަ ހުއްޓެވެ. އެނބުރޭ ކޮންމެ ދިމާލަކުންވެސް ލީޝާއަށް އިހްޞާޞްވަމުން ދިޔައީ އުފާވެރިކަމެވެ. ދިގު އިންތިޒާރެއްގެ އެކަނިވެރި ނިމުން އަތުވެއްޖެކަމެވެ. ހީވާ ކަހަލައެވެ. މުޅި ދުނިޔެވެސް ލީޝާގެ އުފަލުގައި މިއަދު ބައިވެރިވާހެންނެވެ.

"ލީއްތަ؟" ލީޝާގެ ކޮއްކޮ، ލައިޝާގެ އަޑަށް ލީޝާ ސިއްސައިގެން ގޮސް ބަލާލިއިރު، ލީޝާގެ ކޮއްކޮ ލައިޝާ، ލީޝާގެ ފަހަތުން ކޮނޑުމަތިން ލައިޝާ ކުރާކަމަށް ބަލަހައްޓައިގެން ހުއްޓެވެ. ސައިތަށި ގިރާލަ ގިރާލަ ހުރެވުނީ ހުވަފެނީ އާލަމަކަށް ގެއްލިފައި ހުރެގެންކަން ލީޝާއަށް އިޙްޞާޞްވީ އެ ހިސާބުންނެވެ. "ސައިތަށި ގިރަން ހުއްޓާ ސައިތަށި ހިހޫވިކަންވެސް ނޭނގުނު ދޯ؟ ދެން މިއަދު ވާނީ ތިހެން." ލައިޝާ އޭނާއަށް ވުރެ 2 އަހަރު ދޮށީ ދައްތައާ ދިމާކޮށްލިއެވެ. "ހޫނުވީމަ، ހިހޫ ކޮށްލީއޭ. ކޮބާ މަންމަ؟" ޙަޤީޤަތް އެނގިހުރެވެސް އޮޅުވާލެވޭތޯ މަސައްކަތް ކުރަމުން ލީޝާ މަޢުޟޫއު ބަދަލުކޮށްލިއެވެ.

"މަންމަ މިހިރީ. ހުސް ސައިތަށްޓެއްތަ ބޮނީ؟ ރޮއްޓާ ރިހައާ ހުންނާނެ. ހުކުރު ދުވަސް ވީމަ މަންމަ މިދަނީ ތަސްބީޙަ ނަމާދު ކުރަން ފާތުމާ ދައްތަމެން ގެއަށް. މެންދުރަށް ކައްކަން އެއްޗެހި ތައްޔާރުކޮށްފަ މިދަނީ. ދަރިފުޅުމެންނަށް ޖޫހާއި ފޮނި އެއްޗެއް ހެދިން." ބަދިގެ ފަރާތުން އައިސް ކާ މޭޒުމަތި ސާފުކުރަމުން މަންމަ ބުނެލިއެވެ.

"މަންމާ. މިއަދު ލީއްތައަށް ހިޔެއް ނުވޭ އެއްކަމެއްވެސް ކުރެވޭނެހެނެއް. ލައި ލީއްތަ ސައިތަށި ގިރާތަން ބަލަން ހުންނަތާ 5 މިނެޓް ވެއްޖެ. ލައި ހުރިކަމެއްވެސް ނޭނގޭ." މަންމަގެ ކޮނޑުގައި އަތް އަޅުވަމުން ލީޝާއަށް ވުރެ ކުރިން ލައިޝާ ބުނެލިއެވެ. "މަންމަ ހަނދާން ނެތުނީތަ މިއަދު މީ ޒަޔަން ރަށަށް އަންނަ ދުވަސްކަން؟"

"އޯ. މިއަދުތަ އަންނަނީ؟ އެހެންވީމަ ޒަޔަން އަށާލައިގެން ދޯ ކައްކަންވީ." ޒަޔަން ރަށަށް އަންނަ އިރެއް ނުބުނާކަން ލީޝާއަށް އެނގުނީ އެހިސާބުންނެވެ.

ޒަޔަންއަކީ ލީޝާގެ ހަޔާތަށް ގެންނަ ބޭނުންވާ އޭނާ އެންމެ ލޯބިވާ ޒުވާނާއެވެ. ޒަޔަންއާ ލީޝާ ދިމާވީ މީގެ 2 އަހަރު ކުރިން ޒަޔަން ޗުއްޓީއަށް ރަށަށް އައިސް އުޅުނު އިރު ހުކުރު ދުވަހެއްގެ ހެނދުނު ފާތުމާދައްތަމެން ގެއިންނެވެ. ޒަޔަންއަކީ ފާތުމާދައްތައަށް ބޮޑު ދައިތަ ކިޔާ ކުއްޖެކެވެ. އެދުވަހު ޒަޔަން އެގެއަށް ދިޔައީ ރަށަށް އައިސް އުޅޭތީ ބޮޑުދައިތައަށް ޒިޔާރަތްކުރަން ޒަޔަންގެ މަންމަމެންނާ އެކުއެވެ. ރަށު ސްކޫލްގެ ގްރޭޑް 12 ގައި ކިޔަވަމުން ދިޔަ ލީޝާ އެ ދުވަހު އެގެއަށް ގޮސް ހުރީ ލީޝާގެ މަންމައާއެކު ތަސްބީޙަ ނަމާދުގައި ބައިވެރިވާށެވެ. ލީޝާ އެގެއަށް ވަދެގެން ދިޔަ އިރު ޒަޔަން ހުރީ ފެންޑާގައި ފާތުމާދައްތަ ފިރިމީހާއާއެކު ކުރުނބާ ބޯށެވެ. އިސްކޮޅުން ދިގު އެ ޒުވާނާ ލައިގެންހުރި މަޑު ފެހި ކުލައިގެ ގަޔަށް ބާރު ޓީޝާޓުން ކަސްރަތީ ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ. ކަޅު ފަން ބޮލުގައި ހުރި ތެތްކަމާއި ދޮން މޫނުން ފާޅުވާން ހުރީ ތާޒާކަމެވެ. ގެއަށް ވަދެގެން އައި މީހުންނާ ދިމާލަށް ޒަޔަން ބަލާލުމާއެކު، ލީޝާ ފެނުމުން ޒަޔަންގެ ޙަރަކާތްތަކަށްވެސް ލަސްތަކެއް އައެވެ. ބޯން ހުރި ކުރުނބާ ތިރިކޮށްލިއެވެ. ޒަޔަންއާ ހަތަރު ކަޅި ހަމަވުމާއެކު ލީޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މީހާ ފިނިވިއެވެ. އެއީ ޒަޔަންއާއި ލީޝާގެ ލޯބީ ފެށުނު ގޮތުގެ ކުރު ޚުލާޞާއެވެ. ޒަޔަންއަކީ ރަށުގައި އުޅެ ބޮޑުވި އަދި ރަށުގައި އުޅޭ ކުއްޖެއްކަމުގައި ނުވާތީ، އެ ދުވަހަށްފަހު ޒަޔަން ދިޔައީ ލިބޭ ކޮންމެ ޗުއްޓީއެއްގައި ލީޝާއާ ބައްދަލުކުރަން ރަށަށް އަންނަމުންނެވެ.

މިއަދަކީ ޒަޔަން އޮސްޓްރޭލިއާގައި ކިޔަވަމުން ދިޔަ އިންޖިނިއަރިންގ ކޯސް ނިންމާ ރާއްޖެއަށް އައުމަށްފަހު ލީޝާއާ ބައްދަލުކުރަން ރަށަށް އަންނަ ދުވަހެވެ. ކުރީ ފަހަރާ ޚިލާފަށް މިފަހަރު ރަށަށް އަންނަ އިރެއް ޒަޔަން ނުބުނެއެވެ. ކޯހުގެ ފަހު އިމްތިޚާން ބޯވަތިވުމާއެކު، ޒަޔަންއާއި ލީޝާގެ ފޯން ކޯލްތަކާއި ޗެޓްކުރުންތައްވެސް މަދުވެގެން ދިއުމަށްފަހު ކުރީގެ ޙާލަތަށް ވާހަކަދެއްކޭ ގޮތެއް އަދިއެއް ނުވެއެވެ. ފަހު ޓެސްޓް ނިމުނު ދުވަސް ނޫން އަނެއް ދުވަހު ޒަޔަން މާލެއަށް އައީ އަނެއް ދުވަހު ރަށަށް އައުމަށް ނިންމައިގެންނެވެ. ނަމަވެސް މާލެ އައުމުން ޒަޔަންގެ މަންމަ ބަލިވެ އުޅޭކަން އެނގުމުން ރަށަށް އައުން ހަފްތާއަކަށް ލަސްކުރިއެވެ. އެހެންކަމުން ޒަޔަންމަތިން ހަނދާންވިޔަސް ރަށަށް އައުން ލަސްވުމުން ލީޝާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ކުރިންވެސް އެއްބަސްވެފައިވާ ފަދައިން މިފަހަރު ޒަޔަން ރަށަށް އައުމުން ޒަޔަން ގާތުގައި އަބަދުގެ އަބަދަށް ހުރުމާ ގުޅޭ ވާހަކަތައް ދެކެވޭނެތީ ލީޝާ ހުރީ އުފަލުންނެވެ.

މެންދުރު ވަގުތުން ލަނބައި ހަވީރުގެ ރަންދޯދިތައް އުޑުމައްޗަށް ފާލުވާން ފަށައިފިއެވެ. އެހާތަނަށްވެސް ޒަޔަންގެ ޚަބަރެއް ލީޝާއަކަށް ނުވިއެވެ. ޒަޔަންގެ ފޯނަށް ގުޅުނު ޢަދަދު ލީޝާއަކަށް މިހާރަކު ނޭނގެއެވެ. ފޯނު އޮތީ މުޅި ދުވަހު ނިވާލާފައެވެ. ޒަޔަންގެ ޚަބަރެއް ބަލަން ކިތަންމެ ބޭނުންވިޔަސް ފާތުމާދައްތައަށް ނުނީ ޒަޔަންގެ މަންމައަށް ގުޅާކަށް ލީޝާއަކަށް ނުކެރުނެވެ. ޒަޔަން ލީޝާއަށް ގުޅަންދެން ކެތްކުރުން ނޫން ގޮތެއް ނެތްކަމުގެ އިޙްޞާޞް ކުރެވެމުން ދިޔައިރު ލީޝާގެ ހިތް ބާރުބާރަށް ތެޅޭ ފަހަރުވެސް އާދެއެވެ. ޒަޔަންއަށް ވީގޮތެއް ނޭނގޭތީއެވެ.

"ލީއްތަ. ޔުއަރ ޕްރިންސް އިޒް ހިޔަރ" ސިއްރު ސިއްރުން ކޮޓަރި ދޮރުގައި ޓަކި ޖަހަމުން ލައިޝާ ބުނެލި އަޑަށް ލީޝާ އެނދުން ފުންމައިގެން ތެދުވެ ދޮރު ހުޅުވާލިއެވެ. އޭރު ލައިޝާ ދޮރުމަތީ ލާނެއް ހިނިތުންވުމެއްގައި ހުއްޓެވެ. "ކޮބާ؟" ތެޅި ތެޅި އޮތް ހިތަކާ އެކު ލީޝާ އަހާލިއެވެ. ފެންޑާ ޖޯލިފަތީގައި ކަމަށް ބުނެ ލައިޝާ ދިޔައެވެ. ލައިޝާ ދުވަމުން ގޮސް ލޯގަނޑު ކުރިމައްޗަށް އަރާ މޫނާއި އިސްތަޑިގަނޑު ރީތޮކޮށްލުމަށްފަހު ސެންޓު ޖަހައިގެން އަވަސް އަވަހަށް ފެންޑާއަށް ނިކުތެވެ.

ރޭނގަޑުގެ އަދިރީގެ ތެރެއިންވެސް ޒަޔަން ޖޯލީގައި އިށީނދެގެން އިންތަން ފެނުމާއެކު ކުރިއަށް ވުރެ ބާރަށް ލީޝާގެ ހިތް ތެޅެން ފެށިއެވެ. "ޒަޔަން. ހާދަ ވަރަކަށް ގުޅައިފީމޭ. ފޯނަށް ކިހިނެއްވީ؟ ފްލައިޓް ޑިލޭވީތަ؟" ލީޝާގެ ހިތުގައި އުތުރި އަރަމުންދިޔަ ސުވާލުތައް ޒަޔަންގެ ކުރިމައްޗަށް ޝަކުވާއެއްގެ ގޮތުގައި ބަންޑުންކޮށްލެވުނުނަމަވެސް، ޒަޔަން ފެނުމާއެކު މުޅި ދުވަހުގެ ހިތްނުތަނަވަސްކަން ފިލާދިޔަކަހަލައެވެ.

ޒަޔަން ލީޝާއަށް ބަލާލުމާއެކު ބޭއިހްތިޔަރުގައި ހިނިތުންވެވުނެވެ. ގަޔަށް ދޫ ކަޅު ކުރުތާއަކާއި ނޫކުލައިގެ ސްކްނީ ޖިންސެއް ލައިގެން ހުރި ލީޝާގެ ރީތިކަން ކުރިއަށް ވުރެ އިތުރުހެން ހީވެ ޒަޔަންގެ ހިތް ތެޅިލިއެވެ. ދޮން އަލި މޫނުމަތީގައިވި މައުސޫމްކަން ފެނި އެހިނދު ހިތަށް ތަދުވިއެވެ. ސަބިތުކަމާއެކު ނިންމި ނިންމުމާމެދު ޝައްކު އުފެދުނެވެ. ލީޝާގެ ސުވާލުތަކުން ޒަޔަންގެ ހިތަށް އިތުރަށް ތަދުވިއެވެ. އެހެނަށް ކުރަން އައިކަންތައް ކުރަން ޒަޔަންއަށް މަޖުބޫރެވެ.

"ލީ." ޖެހިގެން އިން ޖޯލީގައި އިށީނދެގެން އިން ލީޝާގެ އަތުގައި ހިފާލުމަށްފަހު ލިޝާއާ ހަތަރު ކަޅި ހަމަކުރަމުން ޒަޔަން ފެށިއެވެ. އެހެން ދުވަހާ ޚިލާފަށް މިއަދު ޒަޔަންގެ ހިނިތުންވުމުގައިވީ ފަނޑުކަމެވެ. ލޮލުގައިވީ ހިއްދަތިކަމެވެ. ލިޝާގެ ހިތް ބިރުގަތެވެ. "އައިސިން ހެނދުނު ފްލައިޓުން. ފޯނު ނިވާލާފަ އޮތީ. ލީއަށް މިފަހަރު ބައްދަލުނުކޮށް ވީހާވެސް ގިނައިރު ހުރެވޭތޯ. އޭރުން ވީ އެންމެ ގިނަ ވަގުތު ލީ އަހަރެއްގެ މީހެއްގެ ގޮތުގައި ބެހެއްޓޭނީ." އެހެން ބުނުމާއެކު ޒަޔަންގެ ލޯ ފެންކަޅިވިތަން ލީޝާއަށް ފެނުނެވެ. ލީޝާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ހިތުގެ ތެޅެމުންދިޔަލެއް ބާރުކަމުން ހިތުގެ ތެޅުން އިވޭހެން ލިޝާއަށް ހީވިއެވެ. ޒަޔަންގެ އަތު ތެރޭގައި އޮތް ލީޝާގެ އަތް މަޑު މަޑުން ދަމައިގަނެވުނެވެ.

"ލީ." ޒަޔަންގެ އަޑުގައިވީ ކުރަކިކަމެކެވެ. "މަންމަ ވަރަށް ބަލި. ކިޑްނީ ޓްރާންސްޕްލާންޓެއް ހަދަންޖެހޭ. ﷲގެ އިރާދަފުޅުން ކިޑްނީއެއް ލިބިއްޖެ. އެކަމަކު އަގު ވަރަށް ބޮޑު. އޭނާ ފައިސާއެއް ބޭނުމެއް ނުވޭ. އެއީ އެކަނިވެރި މަޔެއް. ބޭނުންވަނީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާއި އަހަރެން ކައިވެނި." އެހިސާބަށް ބުނެވުނުތަނާ ލީޝާގެ މެޔަށް ބާރުވެ މީހާ ތުރުތުރު އަޅަން ފެށިއެވެ. ހިތުގައިވި ރިހުން ގަދަވިއެވެ. ގިސްލާ ރޮވެން ފެށުނެވެ.

އެރެއަށްފަހު 2 މަސް ދުވަސް ފާއިތުވީއެވެ. ލީޝާގެ މޫނުމަތިން ހިނިތުންވުން ފިލާ ގޮސް މުޅި މީހާވަނީ މިލާ މޯޅިވެފައެވެ. ރޮއެ ރޮއެ އަބަދުމެ މިހާރު ރަތްވެފައި ހުންނަ ދޮން މޫނާއި ބޮޑު ލޮލަށް ބަލާލާ ކޮންމެ ކޮންމެ މީހަކަށްވެސް ލީޝާގެ ހިތާމައާއި މޮޅިވެރިކަން އިޙްޞާޞް ކުރެވޭހާ ވަރުވެއެވެ. ލީޝާގެ ހިތާމަ އެނގޭ ކޮންމެ މީހަކަށްވެސް ލީޝާއަށް ޙަމްދަރުދީ ވެވެނީ ބޭއިޙްތިޔާރުގައެވެ.

ޒަޔަންއަކީ މިހާރު އެހެން މީހެއްގެ ފިރިއެއްކަން ޤަބޫލުކުރަން ލީޝާއަށް އަދިވެސް ފަސޭހައެއް ނޫނެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު ހިތުގައި ރިހުމެއް އުފެދެއެވެ. ފެންކަޅިވެ މީހާ މާޔޫސްކޮށްލައެވެ. ޒަޔަން އޭނާއަށް ބެވަފާތެރިވިނަމަ ޒަޔަން މަތިން ހަނދާން ނައްތާލަން މިއަށްވުރެ ފަސޭހަވީހޭ ލީޝާ ހިތަށް އަރައެވެ. ނަމަވެސް ޙަޤީޤަތް ލީޝާއަށް ޤަބޫލުކުރެވެއެވެ. ޒަޔަން ބޭވަފާތެރިއެއް ނުވެއެވެ. އޭނާވެސް ބޭވަފާތެރިއެއް ނުވެއެވެ. އެ ދެ މީހުންގެ ދެމެދުގައިވީ ލޯބީގެ މިސާލެކެވެ. އެ ލޯތްބަށް ކުރިމަތިވީ މަޖުބޫރީ ޙާލަތެކެވެ. ޒަޔަންގެ މަންމަ ޒަޔަންގެ ކައިވެންޏަށް މަޖުބޫރެއް ނުކުރެއެވެ. އެހެނަސް އެ ހުށަހެޅުމަށް ކޮޅުން ޖަހައިފިނަމަ ޒަޔަން ވާނީ ކޮންކަހަލަ އިންސާނަކަށް ހެއްޔެވެ. ލިޝާއަކީ ކުޑައިރު ބައްޕަ ނިޔާވުމުން އެކަނިވެރި މަޔަކު ބަލާބޮޑުކުރި ކުއްޖެކެވެ. ޒަޔަންގެ ޙާލަތުގައި ލިޝާ ހުރިނަމަވެސް ޒަޔަންގެ ނިންމުމަކީ ލީޝާގެ ނިންމުމަށްވެސް ވާނެއެވެ. ލީޝާގެ ހިތާމައަކީ އެކަން ނުވިސްނޭތީއެއް ނޫނެވެ. ނަމަވެސް އުމުރުގައި ހަމައެކަނި ލޯބިވި މީހާ މަޖުބޫރީ ޙާލަތެއްގައި ބީވެގެން ދިއުމުން ހިތުގައި އުފެދޭ ރިހުމެވެ.

އެ ދުވަސްތަކުގައި ލީޝާއަށް އެންމެ އެހީތެރިކަން ލިބުނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ލީޝާގެ ކަރުނަތަށް އޮއްސާލަން ބޭނުންވާ ކޮންމެ ފަހަރަކު އެ މަންމަގެ ކޮނޑުގެ ހިމާޔަތް ދިނެވެ. ބައެއް ރޭރޭ ލީޝާގެ ގިސްލުންތަކުން މަންމަވެސް ރޮއްވާލައެވެ. ލޮލުން ފައިބާ ކަރުނަތައް ހިކެންދެން ބޮލުގައި ފިރުމާލަ ފިރުމާލާ އެ މަންމަ ކައިރީގައި ހުރެއެވެ. ކިތަންމެ އިރެއްވިޔަސްމެއެވެ. އެތައް ރެއެއްގެ ނިދި ލީޝާއަށްޓަކައި ގުރުބާންކުރިއެވެ. ލީޝާ ނިދެންދެން ގާތުގައި އޮވެއެވެ. އެ މަންމަ އެންމެ ފަހަރަކުވެސް ލީޝާ ގާތު ނުރޯށޭ ނުބުނެއެވެ. ލީޝާގެ ހިތުގައި ޖެހޭފަދަ އެއްވެސް ބަހެއް ނުބުނެއެވެ. ލޯބިވާ ދަރިފުޅަށްޓަކައި ކެތްތެރިކަމުގެ ލާމަޞީލް މިޞާލެއް ދެއްކިއެވެ. އެ މަންމައަށް ލީޝާގެ ޙާލަތު އިޙްޞާޞްވެއެވެ. މީގެ އެތައް އަހަރެއް ކުރިން ލޯބީވާ ފިރިމީހާ ކުއްލިގޮތަކަށް މިދުނިޔެ ދޫކޮށް ދިއުމުން އެ ހިތުގައި އުފެދު ރިހުންތައް އިއްޔެވީ ކަމެއް ފަދައިން މިހާރުވެސް ތާޒާކަންމަތީ ހަނދާން ހުރުމުންނެވެ.

"ދަރިފުޅާ. ކިޔަވަން ދާންވީއެއް ނު. މާހައުލު ބަދަލުވީމަ ފަހަރެއްގައި ދިރިއުޅުމާއިގެން ކުރިއަށް ދާން ފަސޭހަވެދާނެ." އެނދުގައި އޮށޯވެގެން އޮތް ލީޝާއަށް ފިނި ކިރުތަށްޓެއް ގެނެސްދެމުން ލީޝާގެ މަންމަ ބުނެލިއެވެ. އަތަށް ފޯނު ލައިގެން ޙިޔާލަކަށް ގެއްލިފައި އޮށޯވެގެން އޮތް ލީޝާ ތެދުވެ އެނދުމަތީގައި ލެނގިލަމުން ލީޝާ ފެށީ އެހެން ވާހަކައެކެވެ. "މަންމާ. ކިހިނެއްވާނެ އަހަރެންވެސް މީހަކާ އިންނަން؟" ލިބުނު ކުއްލި ސިޙުމާއެކި ބުނާނެ އެއްޗެއް ނޭނގި ލީޝާއަށް ބަލަހައްޓައިގެން ހުރެވުމުން ލީޝާގެ ވާހަކަ ކުރިއަށް ގެންދިއައެވެ. "މަންމައަށް އެނގޭނު ލައިސް. ލީ ކްލާސްމޭޓް. އޭނަ އުޅުނު ވަރަށް ލީއާ ހެދި އޭރު. އެކަމަކު ޒަޔަން އާ ރަށްޓެހިވީމަ ލީގެ ކްލޯސް ފްރެންޑެއްގެ ގޮތުގަ ހުރީ. ލައިސް ކޮންމެ ދުވަހަކު ލީގެ ޙާލު ބަލަން މެސެޖްކުރޭ. އަދި މިހާރު ވަކިން. ލީ ހެޕީ ކުރަން ވަރަށް ޓްރައިކުރޭ."

"މީހަކު ހަނދާން ނައްތާލަންށޭ ކިޔާފަ ކައިވެނިކުރާކަށް މަންމައެއް ނުބުނާނަން. އެކަމަކު ލީއަށް ލައިސްއާ އެއްކޮށް ހެޕީކޮށް އުޅެވޭނެހެން ހީވަންޏާ މަންމަ ނުބުނާނަން ނޫނެކޭވެސް. ލައިސްއަކީ ރަނގަޅު ކިޔަވައިގެން ހުރި މޮޅު ކުއްޖެއް. މަންމައާ އަދިވެސް ވާހަކަ ދައްކާނީ ވަރަށް އަދަބުވެރިކޮށް."

ޒަޔަންއާއި ލީޝާ އެންމެފަހުން ބައްދަލުވިތާ 6 މަސް ދުވަސް ފާއިތުވީއެވެ. ލިބުނު ސްކޮލަރޝިޕެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ލައިސްއާއެކު ލީޝާ ފުރައިގެން ދިޔައީ ލޯން ސްކީމްގެ ދަށުން ލީޝާވެސް ކިޔެވުމަށް ލައިސްގެ އަންބެއްގެ ގޮތުގައި ހުރެގެންނެވެ. ޒަޔަންގެ ހަނދާންތައް ނައްތާލާ ލައިސްއާއެކު އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފޮނި އުންމީދުގައެވެ. އޭރު އެއީ ކިހާވަރެއްގެ އުނދަގޫ ކަމެއްކަން ލީޝާއަށް ރޭކާވެސް ނުލައެވެ. އަދި ލީޝާގެ ތަޤުދީރުގައި ރޭވިފައިވާ ކަންތައްތަކުގެ ހިލަމެއްވެސް ލީޝާއަކަށް ނުވެއެވެ. ލީޝާގެ ނަޒަރުގައި މިއީ އާ ދިރިއުޅުމެއްގެ އައު ފެށުމެކެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355