twitterviber whatsapp telegramfacebookyoutube instagram
23rd April 2021

ކުރުވާހަކަ - ކުށްވެރިން

May 1, 2020

ލިޔުނީ: ޝާމިލް އިބްރާހިމް

ދުވަހަކީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހެވެ. އަހަރެންގެ އައުކައިވެނީގެ ދުވަހެވެ. ކައިވެންޏަށްފަހު، އެހަފުލާގައި ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އަހަރެން ހަދިޔާކުރި އެއްމިލިޔަން ރުފިޔާއާއި ހަވާލުވީ ޚުދު ރ. އުނގޫފާރުގެ ރަށު ކައުންސިލަރެވެ. އެއަށްފަހު އޭނާ ހަފުލާގެ ބައިވެރިންނާއި މުޚާތަބްކޮށް ވާހަކަ ދެއްކި އެވެ.

“…މާލެއަށް އުފަން މާފަންނު ކަނީރުގޭ އާރިފު ޢަޒީޒަކީ އޭނާއާއި މެދު މުޅި ދިވެހި ޤައުމު ވެސް ފަޚުރުވެރިވާފަދަ ދިވެހި ދަރިއެކެވެ. ސަރުކާރަށް އެތައް އަހަރަކު ފޫހިކަމެއް ނެތި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރެއްވުމަށްފަހުވެސް އަޅުގަނޑުމެންނަށް މިފަދަ ދީލަތި އެހީއެއް ވެދެއްވި ކަން އެއީ ޝުކުރާއި ތަޢުރީފު ޙައްޤު ކަމެކެވެ. އާރިފަކީ، އަޅުގަނޑު ދަންނަ މީހަކަށް ވީކަމަށްޓަކައި އަޅުގަނޑު ހަމަގައިމުވެސް ފަޚުރުވެރި ވަމެވެ…”

އަހަރެން ހިތަށް އެރިއެވެ. ނޫނެކެވެ. އޭނާ އެހަދަނީ ދޮގެވެ. އޭނާ އަހަރެންނެއް ނުދަނެއެވެ. އޭނާއަށް އަހަރެންގެ ނަންވެސް ރަނގަޅަށް ކިޔަން ނޭނގުނެވެ. އޭނާ ވެސް އަހަރެންނާމެދު ދަންނަނީ ދުނިޔެ ދަންނަ ގޮތެވެ. ނަމަވެސް ހަގީގަތުގައި އަހަރެން އުފަންވީ މާލެއަކަށް ނޫނެވެ. ހަމަ މިރަށަށެވެ. ރ. އުނގޫފާރަށެވެ.

އަހަރެންގެ “އަސްލު” ނަމަކީ އިޤްބާލު އަލީ އެވެ. އަހަރެންނަކީ އޭނާ އެބުނާ ފަދަ ރަނގަޅު މީހެއްވެސް ނޫނެވެ. މިއުފާވެރި ހަފްލާގައި ވެސް އަހަރެންގެ ވަށައިގެން މިތިބީ އެކަމުގެ ހެކިވެރިންނެވެ. އަހަރެންގެ ކަނާތްފަރާތުގައި އެއިން ނާޒިމް ޝުކޫރަކީ އަހަރެންގެ އަމުރަށް އަނތްބަކާއި އޭނާގެ ފިރިމީހާ ވަކިކޮށްފައިވާ މީހެކެވެ. އަހަރެންގެ ވާތްފަރާތުގައި މިއިން ލަތީފާއަކީ އަހަރެން އޭނާއާއި ލޯބީގެ ގޮތުން ގުޅި އުމުރު ދުވަހު އެކު އުޅޭން ކަމަށާއި ދުވަހަކުވެސް ހިތުގައި ނުޖައްސާނޭކަމަށް ހުވާކޮށް ވަޢުދުވެފައި އޭނާ ހާލުގައި ޖެހުނު ދުވަހު އަޅާނުލައި އެކަނިމާއެކަނި ބިކަހިނގަން ދޫކޮށްލި މީހެކެވެ.

މިއަދު އަހަރެންގެ ލޯމައްޗަށް މިފެންނަ ތަނަވަސްކަން ލިބުމުގެ އަސްލަކީ މާލޭ މީހެއް ކަމުގައިވާ އަސްލަމް މުޙައްމަދެވެ. އަހަރެންގެ އަތްމަތި ހުސްވެ ސަލާންޖަހަން ޖެހުނު ދުވަހު އަހަރެންނަށް ކާއެއްޗެއް ދިނީ އޭނާއެވެ. އުޅޭނެ ގެދޮރާއި ވަޒީފާވެސް ހޯދައިދިނީ އޭނާއެވެ. ނަމަވެސް ބަދަލުގައި އަހަރެން އޭނާ އުމުރަށް ޖަލަށް ލީމެވެ. އަހަރެންގެ ދީލަތިކަމަށް މިވަގުތު ތާރީފުކުރަމުން އެހެރަގެންދާ މީހާއަށްވެސް އޭނާގެ އަތުގައި އެވާއެއްޗަކީ އަހަރެން ވަގުނޫޓު ޖަހައިގެން ހޯދި ފައިސާކަން އެނގިއްޖެނަމަ އަޅެ ވާނީ ކިހިނެތްބާއެވެ؟ އަހަރެންގެ ހަޔާތުގެ ވާހަކަ ކިޔައިދޭއިރު އެވާހަކާގައި އަހަރެންނަކީ ބަތަލުކަމެއް ނުވަތަ ނުބައިބައި ކުޅޭ މީހާކަމެއް ޚުދު އަހަރެންނަށް ވެސް ނޭނގެއެވެ. ނަމަވެސް އެނގޭ އެއްޗަކީ ކޮންމެ ކުށަކަށްވެސް ސަބަބެއް އޮންނަކަމެވެ. އެސަބަބު ނޭނގި ކުށްވެރިންނާއިމެދު ހުކުމް ކުރުމަކީ ކުރެވޭ ބޭއިންސާފެއް ކަމެވެ.

އެހެން އިނދެފައި އަހަރެންނަށް ބަލައިލެވުނީ ލަތީފާގެ މޫނަށެވެ. އޭނާއަށް “އަހަރެންނެއް” ނޭނގެއެވެ. 14 އަހަރުގެ ތެރޭގައި އަހަރެންގެ މޫނައި ހަށިގަނޑާއި ނަމަށް ވެސް އައިސްފައިވާ ބަދަލުތަކުގެ ފަރުދާ ފޫދުއްވާލެވޭވަރަށްވުރެ އޭނާގެ ހަނދާން ބަލިވާނެކަން އަހަރެންނަށް ވެސް އެނގެއެވެ. ނަމަވެސް އަހަރެން ހަނދާން އެބަހުއްޓެވެ. ބުރުސޫރަ ކިތަންމެ ރީތި ނަމަވެސް ލަތީފާއަކީ ފަޤީރު ކުއްޖެކެވެ. އޭނާއަށް އަޅާލާނެ މީހަކަށް އޭރު ހުރީ އޭނާގެ މުސްކުޅި މަންމައެވެ. ދެން އެއަށްފަހު އަހަރެންނެވެ. އަހަރެމެން ދެމީހުންގެ އުމުރުން އޭރު އެންމެ 16 އަހަރުވީ ނަމަވެސް އަހަރެމެން ތިބީ މުޅި އުމުރު އެކީގައި އުޅެން ރާވައިގެންނެވެ. ދެއާއިލާގެ ވެސް ރުހުމުގެ މަތިންނެވެ.

ނަމަވެސް ދެން އައީ އަހަރެންގެ ހަޔާތުގައި އައި އެންމެ ނާމާން ރެޔެވެ. އެރޭ ބައްޕައާއި އަހަރެން ތިބީ ގޭގައި ކާށެވެ. އަހަރެންގެ ދިރިއުޅުން ތަނަވަސް ނަމަވެސް މަންމަ ނިޔާވުމަށްފަހުގައި ވަރަށް އެކަނިވެރިއެވެ. އެރޭ ކައިރީގައި އަހަރެންގެ އެންމެ އެކުވެރި ހަސަނުވެސް އިނެވެ. ކައިގެން ހަސަނު އޭނާގެ ގެޔަށް ދިޔަތަނާ އަހަރެންނަށް އަކީ ފޯނެކެވެ. ވާހަކަ ދެއްކީ ލަތީފާއެވެ. ރޮމުން ރޮމުން އިއްވި ޚަބަރަކީ އޭނާގެ މަންމަ ނިޔާވި ޚަބަރެވެ. ދެން އޭނާއަށް ދާނެތަނެއް، ކުރާނެ ކަމެއް ނޭނގޭ ވާހަކައެވެ. އޭނާގެ އާދޭސްތައް އިވިފައި އަހަރެން އެގެޔާދިމާއަށް ދުއްވައިގަތީމެވެ. ނަމަވެސް މަގުމަތިން ދިމާވީ ހަސަނެވެ. އޭނާ އިއްވީ އަދި މާސުންޕާ ޚަބަރެކެވެ. އަހަރެންގެ ގެޔަށް ފުލުހުން ވަދެ ބައްޕަ ހައްޔަރުކުރި ވާހަކައެވެ. ހާސްކަމުގެ ތެރޭގައި ދެން އަހަރެންނަށް ދުއްވައިގަނެވުނީ އަނބުރާ އަމިއްލަ ގެޔާދިމާލަށެވެ. ދެވުނުއިރު ފުލުހުން ބައްޕަ ގެންދަނީއެވެ. ފުލުހުން އަނެއްކާ އަހަރެން ވެސް ބަންދު ކޮށްފާނޭތީ އަހަރެން އަވަހަށް އެތަނުން ދުރަށް ދިޔައީމެވެ. އަހަރެން ހުރީ ދާނެތަނެއް ނޭނގި ގޮތް ހުސްވެފައިއެވެ. އެހެން ހުއްޓާ ހަސަނު އޭނާގެ ރައްޓެއްސެއް މާލޭގައި ހުންނާނޭ ކަމަށާއި އަހަރެންނަށް އެމީހާގެ ގޭގައި އުޅެވޭނެގޮތް ހަދައިދޭނެކަމަށް ބުންޏެވެ.

“އަހަރެންނަށް ވެވުނު އެހީއެއް ވިއްޔާ ވާނަން. ކަލޭގެ ބައްޕަ ނުކުރާނެ އެކަހަލަ ކުށެއް. މިވާނީ ކޮންމެ ވެސް ބައެއްގެ ބޮޑު ރޭވުމަކަށް. މީހަކަށް ލިބޭ ކޮންމެ އުފަލަކަށް ވެސް ހަސަދަވެރިވާމީހުން މިދުނިޔޭގަ އުޅޭނެ. ދެރަނުވޭ.” ހަސަނު އަހަރެންނަށް ހިތްވަރު ދިނެވެ. އެއަށްފަހު އެރޭ އަހަރެން އަމިއްލަ ރަށާއި އަލްވަދާއު ކިޔައި މާލެ ދިޔައިއީމެވެ.

މާލެވީ އަހަރެންނަށް މުޅިން އާތަނަކަށެވެ. އަހަރެންނަށް ހަސަނު އެބުނި ގެޔެއް ނުފެނުނެވެ. މަގުއޮޅި ބަނޑަށް ޖެހުނެވެ. ނިދީވެސް ހުސްބަނޑާހުރެއެވެ. މަގުމަތީގައެވެ. ބައްޕައާއި ހަސަނުގެ މަތިން ހަނދާންވާން ފެށިއެވެ. ލަތީފާ ވެސް އަޅާލާނެ މީހަކު ނެތް ދުނިޔެއެއްގައި އުޅޭނީ މިހާލުގައި ބާވައޭ ހިތަށް އަރައި ވިސްނެން ފެށިއެވެ. އޭނާ ދެން ދުވަހަކުވެސް ފެންނާނެ ބާވައޭ ހިތަށް އަރައި ރޮވެން ފެށިއެވެ. އެރޭ އަހަރެންނަށް ހޭލެވުނީ މީހަކު ގައިގައި ކޮއްޓާލުމުންނެވެ. އެމީހާ އަހަރެން އޭނާގެ ގެޔަށް ގެންދިޔައެވެ. ކާންދީ ކަމޭހިތިއެވެ. އޭނާގެ ނަމެއްކަމުގައި ބުނީ އަސްލަމް މުޙައްމަދެވެ.

މާލޭގައި އެދުވަސްވަރު ހިނގަމުންދިޔަ ކޮންމެ ނޭއްގާނީ ކަމެއްގައި ވެސް އަސްލަމްގެ ޙިއްސާއެއް އޮތްކަމަށް ބުނުމީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް އޭނާގެ މައިގަނޑު މަސައްކަތަކީ ވަގުފައިސާ ޖެހުމެވެ. އެންމެ ފަހުން އަހަރެންނަށްވެސް އެކަމުގެ ތެރެއަށް ވަދެވުނެވެ. ނަމަވެސް ބޭރުފުށުން އަހަރެން ހުރީ ސަރުކާރު އޮފީހެއްގެ “އިޚްލާސްތެރި” މުވައްޒަފެއްގެ ގޮތުގައެވެ. އަހަރެންގެ އައިޑީކާޑެއް ކުރިން ހެއްދިފައި ނެތުމުން އެކަމުގެ ފައިދާ ނަގައި މާލޭ ރައްޔިތަކަށް ވީމެވެ. އަސްލަމްގެ ނުފޫޒުގެ ސަބަބުން މަޢުލޫމާތު އޮޅުވާލާކަށް އަދި ހެކިވެރިން ހޯދާކަށް ވެސް އުނދަގުލެއް ނުވިއެވެ.

ނަމަވެސް ވަކި ހިސާބަކުން އަސްލަމްގެ ޢަމަލުތައް ހައްދުފަހަނައަޅާ ދިޔައެވެ. އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން ފެށިއެވެ. ހަށިވިއްކުމާއި ޑްރަގްގެ ވިޔަފާރި ފުޅާކޮށް އިސާހިތަކު ފައިސާވެރިއަކުން މަހުޖަނަކަށް ބަދަލުވިއެވެ. ސަރުކާރުން މަނާކުރާ ކަމެއް ކުރަން އަހަރެން ފަސްނުޖެހުނަސް ޚުދު އިންސާނިއްޔަތު މަނާކުރާ ބޮޑެތި ޖަރީމާތައް ހިންގަން އަހަރެން އުޒުރުވެރި ވީމެވެ. އޭނާ މަޢުޞޫމް އަންހެން ކުދިންތަކަކާ ބެހެންފެށި ހިސާބުން އަހަރެންގެ ނަފުރަތު ބަޣާވާތަށް ބަދަލުވެ އަހަރެން އޭނާޔާ ޚިލާފަށް ޝަރީއަތުގައި ހެކިދީ އޭނާ އުމުރަށް ޖަލަށްލީމެވެ. ދެން އޭނާ މާލޭގެ އެތަން މިތާނގައި ފޮރުވާފައި ހުރި ފައިސާތައް ލިބުނީ އަހަރެންނަށެވެ. ސަބަބަކީ އޭނާފިޔަވާ އެހުރިތަން އެނގޭމީހަކީ އަހަރެން އެކަނި ކަމުގައި ވާތީއެވެ.

ނަމަވެސް އެފައިސާތަކުން ވެސް އަހަރެންނަށް ނުކުރެވުނު ކަންތައްތައް ހުއްޓެވެ. ޖަލުގައި މަރުވެދިޔަ އަހަރެންގެ ބައްޕައަށް އެހީއެއް ނުވެވުނެވެ. ލަތީފާއާއި ހަސަނަށް ގުޅާނެ ހިތްވަރެއް ވެސް ނުލިބުނެވެ. އެމީހުންނަށް އަހަރެން “މަހުޖަނަކަށް” ވީގޮތް ކިޔައިދޭނީ ކިހިނެތް ހެއްޔެވެ؟ ލަތީފާ ދިރިދުނިޔޭގައި ހުރިނަމަ މީހަކާ އިނދެދާނެކަން ވިސްނޭތީ އޭނާ ހޯދަންވެސް ފަސްޖެހުނެވެ. ނަމަވެސް އެރަށަށް 14 އަހަރު ފަހުން ގޮސް އެންމެ ފުރަތަމަ ވެސް ހޯދުނީ އޭނައެވެ.

ތެދެކެވެ. އޭނާގެ ފިރިޔަކު އެބަހުއްޓެވެ. އެމީހަކީ ހަސަނެވެ. އެދުވަހު އަހަރެންނަށް ކުރިން ވިސްނިފައި ނުވާ ގިނަ ކަންތައްތަކެއް ވިސްނުނެވެ. ހަސަނު ބުނި ބަސްތައް ހަނދާން ވިއެވެ. ކާކު ހަސަދަވެރިވީ ކާކުގެ ކޮން އުފަލަކަށް ކަން އެނގުނެވެ. ހަނދާންތައް އާވާންފެށިއެވެ. އަހަރެންގެ ގެއިން ފެނުނު މަސްތުވާތަކެއްޗެވެ. އެރޭ އަހަރެން ފިޔަވާ އެގެޔަށް ވަނީ ހަސަނެވެ. ސުވާލުތައް އުފެދުނެވެ. ގެޔަށް ފުލުހުން އައިކަން ހަސަނަށް އެހާއަވަހަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ ޚަބަރެއް މާލެއިން ނައުމުން އޭނާ އަހަރެން ހޯދަން ނޫޅުނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އޭނާ ބުނި ގެ ނުފެނުނީ ކީއްވެހެއްޔެވެ؟ އެސުވާލުގެ ޖަވާބު އަހަރެން ހޯދީމެވެ. އެއީ އެނަން ކިޔާގެޔެއް މާލޭގައި ނުހުންނާތީ އެވެ. އޭނާ އަހަރެން މާލެ ފޮނުވީ އަހަރެން ބަނޑަށް މަރުވާނެކަމަށް ހީކޮށެވެ. ނުވަތަ އެންމެ ފަހުން ވައްކަންކޮށްގެން ޖަލަށް ލާނެކަމަށް ކަންނޭނގެއެވެ. ލަތީފާ ހާސިލް ކުރުމަށްޓަކައެވެ. ނަމަވެސް ތަޤްދީރު އެނގޭނީ ކާކަށް ހެއްޔެވެ.

އަހަރެން އައި ރުޅިއަށްވުރެ ވީ ދެރައެވެ. ނަމަވެސް އެކަން ހަނދާން ނައްތާލެވޭތޯ މަސައްކަތް ކުރީމެވެ. ރަށުގައި ހަލާލު ވިޔަފާރިއެއް ފަށައި އަމިއްލަ ގެޔެއް އެޅީމެވެ. ޒަވާޖީ ހަޔާތެއް ފެށުމާމެދު ވެސް ވިސްނީމެވެ. ނަމަވެސް އޭގެ ދެމަސްފަހުން މުޅި ރަށް ސިއްސުވާލީ މަޝްހޫރު ނައީމު ކަތީބުގެ ދަރިފުޅު ހަސަނު ކާރު އެކްސިޑެންޓެއްގައި މަރުވި ހަބަރެވެ. އަހަރެން ނޫހުން ކީއިރު އޭގައި އޮތީ ހަސަނުގެ ޑްރައިވަރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި އޮތް ކަމަށެވެ. އެވަގުތު އަހަރެން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނުވިސްނުނެވެ. ނަމަވެސް ކުރިޔަށް އޮތް ދުވަސްތައް ވީ އުފާވެރި ދުވަސްތަކަށެވެ. ލަތީފާއަށް އަހަރެން ނޭނގުނަސް އޭނާގެ ގާތްކަން ފުރަތަމަ ފަހަރު ވެސް ހޯދި ފަދައިން ދެވަނަ ފަހަރަށް ހޯދާކަށް އަހަރެންނަށް އުނދަގުލެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން މިވަގުތު މިއިނީ އަހަރެންނާއި ލަތީފާގެ ކައިވެނީގެ ހަފްލާގައެވެ.

ހަފްލާ ނިމުމުން އަހަރެން ދިޔައީ ކޮޓަރި އަށެވެ. އެއަށްފަހު ތިޖޫރީ ހުޅުވައި އޭގެ އެންމެ އަޑީގައި އޮތް ކަރުދާސްގަނޑެއް ނެގީމެވެ. އެއީ ހަސަނު ސަލާމަތް ކުރުމުގައި “ނާކާމިޔާބު” ވި އޭނާގެ ޑްރައިވަރު ނާޒިމު ޝުކޫރަށް އަހަރެން ދޭން އޮތް 5 ލައްކަ ރުފިޔާގެ ޗެކެކެވެ.

ނިމުނީ

ނޯޓު: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2012 ވަނަ އަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނަ ހޯދި ޝާމިލް އިބްރާހިމް، ގްރޭޑް 12 ސީ، ލިޔެފައިވާ، ވާހަކައެވެ. ޝާމިލް އަކީ މިހާރު މެޑިސިންގެ ދާއިރާއިން ޗައިނާގެ ކުންމިންގ ނެޝަނަލް ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355