ދުވަހަކުވެސް އަދި ނުކުރާ ވަރުގެ ކަނޑު ގަދަ ދަތުރަކަށް ފަހު މަޑުއްވަރީއަށް އަހަރެމެންނަށް ލެފުނުއިރު ހެނދުނު ހަތެއް ޖަހައިފިއެވެ. ރޭ ނުވައެއްޖެހިއިރު ފުރަންބޯޓަށް އެރިއިރުވެސް މިއީ ގަދަ ދަތުރަކަށް ވާނެކަމަށް ގުރޫޕުގެ އެންމެންވެސް ބުންޏެވެ. ދުވަސްވަރަކީ އީދު ޗުއްޓީގެ ދުވަސްވަރަށް ވީތީ، އަހަރެން ހީކުރި ވަރަށްވުރެ މާގިނަ މީހުން އެދޯނިން ދަތުރު ކުރިއެވެ. ބޮޑު މަސް ދޯންޏެއްގައި މިއީ އަހަރެން ކުރި ފުރަތަމަ ދަތުރުވެސް މެއެވެ.
މަޑުއްވަރި އަކީ ރާއްޖޭގައި މެދުފަންތީގެ ރަށްތަކުގެ ތެރެއިން ގުނާލެވޭ ރަށަކަށް ވާނެއެވެ. ރީތި ބަނދަރެއް މަލަމަތީގައި އޮތްއިރު ރަށުގެ ދެފަރާތުން އަދި ފުއްޓަރު ފަރާތުން ގިރާތީ ސަރުކާރުން ދާދިފަހުން ވަނީ އެރަށުގެ ގޮނޑުދޮށުގައި ބޮޑެތި ބަސްތާއިން ތޮއްޓެއްލާފައެވެ. ގިނަ ގޯތިތައް ރީއްޗަށް ހަދާފައިވާއިރު މަދުމަދުން ފަޅުގެތައް ފެނެއެވެ. ނަމަވެސް އުމްރާނީ ތަރައްގީގެ ކުލަތައް ރަށުގެ ގެތަކުން ފެންނަން ހުއްޓެވެ.
މަޑުއްވަރީއަށް ލެފުނުއިރު ރަށުގެ ގިނައަދަދެއްގެ މީހުން ދޯނި ލައްޕަންގޮސް ތިއްބެވެ. ރަށަކީ އީދު ކުޅިވަރުގެ ފޯރި ކޮންމެ އަހަރަކުވެސް ބޮޑު ރަށަކަށްވާތީ، އަހަރެންހެން ރަށު މީހުން ނޫން އެތައް ބަޔަކު މިއަދު މަޑުއްވަރިއަށް އެރިއެވެ. އީދު ކުޅިވަރު ބަލާލުމަށެވެ. އަދި އެމަޖަލުގައި ބައިވެރިވެ މާލޭގެ “ބިޒީ ލައިފް” ގެ މަތިން ހަނދާން ނައްތާލުމަށެވެ.
އަހަރެން ވަޒީފާ އަދާކުރަނީ މާލޭގައެވެ. އީދުގައި އީދު މަޖަލުގައި ބައިވެރިވާން ދާންވާނޭ ކޮންމެ އަހަރަކުވެސް އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާ ނޫހު އަހަރެންގެ ކައިރީގައި ކިޔައެވެ. ނަމަވެސް އަހަރެންގެ ވަޒީފާގެ ކަންތައް ހުންނަގޮތުން ކޮންމެ އަހަރަކުވެސް ދުވަސްވަރާ ދިމާކޮށް ކޮންމެވެސް އެހެންކަމެއްގައި މަޝްއޫލުވެގެން އުޅޭތީ ދެވޭގޮތް ނުވަނީއެވެ. ނަމަވެސް މިއަހަރު ދުރާލާ އީދު ޗުއްޓީއާ ދިމާކޮށް ވަގުތު ހުސްކޮށް ރައްޓެހިންގެ ކުޑަވަރެއްގެ ގުރޫޕެއް އެއްކޮށް މަޑުއްވަރީއަށް ދާން ނިންމީއެވެ. އެހެންވިޔަސް އަހަރެން އަބަދުވެސް ހުންނަން ޖެހޭނީ ފޯނުން އޮފީހާ ގުޅޭގޮތަށެވެ.
އަހަރެމެންގެ ގުރޫޕުގައި ދެޖިންސުންވެސް ކުދިން ތިއްބެވެ. ދެމަފިރިންނާއި ދަރިންގެ އިތުރުން ދެންތިބި ހުއްސަރިބައި ގުރޫޕުގައި އަހަރެން ހިމެނެއެވެ. ދަތުރުގެ ހުރިހާކަމެއް ރޭވީ އަހަރެންގެ އެކުވެރިޔާ ނޫހު އެވެ. މަޑުއްވަރިއަކީ ނޫހުގެ އުފަން ރަށް ކަމުގައި ވާތީ ކަންކަން ހަމަޖެއްސުމަކީ ނޫހުއަށް މާ އުނދަގޫ ކަމަކަށް ނުވެއެވެ.
ގުރޫޕުގެ އެކިމީހުން ތިބެން ހަމަޖެހުނީ އެކި ގޭގޭގައެވެ. އަހަރެން ހުރީ ނޫހުމެން ގޭގައެވެ. އެގެ ހުންނަނީ ރަށުގެ ފުއްޓަރު ފަރާތުގައެވެ. ނޫހުގެ އާއިލާއަކީ ރަށުގައި އެންމެ ފޯރާ އާއިލާ ކަމުން އެންމެ ރީއްޗަށް ހަދާފައި ހުރީވެސް އެގެއެވެ.
“އީދު ކުޅިވަރުތައް ފެށޭނީ މާދަމާ އީދު ނަމާދަށް ފަހު. މިއަދު ހައްޖު ދުވަސްވީމަ ކަމެއް ނޯވެދާނެ. އެކަމަކު ވިސްނާތި. މިރަށު އަންހެން ކުދިން ވަރަށް ސިޔާސަ ވާނެ. ތިހެން ޖޯލީގަ އިންދަ ހަމަ ފެންއެއްޗެއްވެސް ބޮލަށް އޮއްސާލަފާނެ އިނގޭ” ގޭގެ ބޭރުގައި ބަހައްޓާފައި ހުރި ޖޯލީގައި އިށީންނަމުން ނޫހު އަހަރެން ސަމާލުކަމަށް ގެނުވިއެވެ.
“ދެން މިއަދު ކޮންކަމެއް އޮންނާނީ.” އަހަރެން ހުރީ ކޮންމެވެސް ސަކަރާތެއް ޖަހަން ކެއްމަދުވެފައެވެ.
“މެންދުރު ފަހުން އެންމެން ދާނީ މަހަށް.” ނޫހު ދުވަހުގެ ޕްލޭންގެ އަރިމަތީ ސުރުހީ އަޅާލިއެވެ. “އިރު އޮއްސެންކައިރިވީމަ ކައިރީގަ މިއޮތް ފަސްމަންދޫ އަށް ގޮސް މަސްފިހެގެން ކައިގެން މިރޭ އަންނާނީ.”
މެންދުރު ފަހު 3 ޖަހާލީމާ ދަތުރަށް ތައްކާރުވެގެން މަހަށްދާން ނުކުތީމެވެ. ގެއިން ނުކުމެ ހިނގައިގަތް ތަނާ ކުރިމަތީ ހުރިގޭތެރެއިން އަންހެން ކުއްޖަކު ގޮވާލިއެވެ.
“ޝާޑު…” ވަރަށް ސާދާ ރީތި އަޑެކެވެ.
އަހަރެން ފަހަތަށް އެނބުރި ބަލާލިއިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ބާރަށް ހިނގަމުން ދިޔަ ނޫހު އަހަރެން ހުއްޓުމުން އެނބުރިފައި އަވަހަށް އައުމަށް ބުންޏެވެ.
“އަންހެން ކުއްޖަކު ގޮވާލި އަޑު އިވުނީމަ މިހުއްޓުނީ” އަހަރެން ނޫހު އާދިމާލަށް އެނބުރި ބުނީމެވެ.
“ކާކުތަދެން ޝާޑުއަށް މިރަށުން ގޮވާނީ. އަވަހަށް އާދެބަލަދެންވެސް. މިހާރު އެންމެން ލަސްވެފައެބަތިބި.” ނޫހު އަތުގައި އޮތް ނަނުގޯނި އަތަށް އޮޅާލަމުން ހިނގައިގަތެވެ.
އަހަރެމެން ދެމީހުންނަށް އަތިރި މައްޗަށް ދެވުނުއިރު އެންމެން ކުޑަ ދޯންޏަކަށް އަރާ ފުރަން ތައްޔާރުވެފައި ތިއްބެވެ. ދޯންޏަށް އެރުމުން ދޯނި ނައްޓާލިއެވެ. އަހަރެންގެ ފުރަތަމަ މަސައްކަތަކަށް ވީ ބުޅީގައި ކަންވާރުލާން ދަސްކުރުމެވެ.
*****
މަޖާ ދަތުރަކަށް ފަހު އެނބުރި ރަށަށް އައީ ފަސްމަންދޫގައި ތިބެގެން ބޭނިހުރިހާ މަހެއް ކައިގެންނެވެ. ގެޔަށް އައިސް ފެންވަރާލައިގެން ނިކުތްއިރު ހުރީ ވަރުބަލިވެގެން މުޅިން އަނެއް އަތަށް އަޅާފައެވެ. ޖައްސާލުމާއެކު ނިދިއްޖެއެވެ.
އަނެއްދުވަހު އީދުނަމާދު ކޮށްގެން ގެޔަށް އައިމަގުމަތީގައި އީދު ކުޅިވަރު ފެށިއްޖެއެވެ. ރަށަކީ ފެން ކުޅީގެ ބޮޑުރަށެއް ކަމުން، އަހަރެން ގެޔަށް ދިޔައިރު ފެނުގެ “އެޓޭކްތަކުން” މުޅި މީހާހުރީ ފޯވެފައެވެ.
މެންދުރު ކުރިން އަހަރެންވެސް ދެންއުޅުނީ މީހުންގަޔަށް ފެންޖަހައި ސަކަރާތް ޖަހާށެވެ. އަދި އެންމެފަހުން ކުލަ ޖަހަންވެސް ފެށިއެވެ. މެންދުރު ފަހުން ދަފި ނެގުމާއި ބޮޑު ބެރު އޮތެވެ. ސްޓޭޖް ޝޯވް އޮންނަނީ ރޭގަނޑުކަމުން ކްލަބް ގޭގައި ސްޓޭޖް ޝޯވްއަށް ފަރިތަކުރަމުން ދާއަޑު އިވެއެވެ.
ރޭގަނޑު އެންމެންވެސް ސްޓޭޖް ޝޯބަލަން ރަށުގެ އަތިރިމައްޗަށް ޖަމާވިއެވެ. މިއުޒިކު ކުޅުނީ ރ. މީދޫ ބޭންޑަކުންނެވެ. އަދި މަޑުއްވަރީގެ ޑާންސް ގުރޫޕުތަކުގެ ހަރަކާތްތައް ޝޯވް ގެ ތެރޭގައި ފެނިގެންދިޔައެވެ. އަހަރެމެން ގުރޫޕުގެ އެންމެން މިއުޒިކާ އެއްވަރަށް ސަކަރާތްޖަހާ މަޖާނަގަމުން ގެންދިޔައެވެ. އަހަރެންވެސް މަޖާ ކުރީމެވެ.
ނަމަވެސް އިރުކޮޅަކުން ހަނދާންވީ ފޯނުގޭގައި ބާއްވާފައި އާދެވުނު ކަމެވެ. އަހަރެންނަކީ އޮފީހުގެ އިސްމަގާމެއްގައި ހުންނަމީހެއް ކަމުން ކޮންމެ ކަމަކު ކޮންމެ ގަޑިއެއްގައި ވެސް މީހަކު ގުޅާފާނެއެވެ. އީދު ދުވަހަކަސް އަހަރެންގެ އޮފީހުގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްތަށް އޮވެއެވެ. އެހެންކަމުން ފޯނުބަލާ އަހަރެން ގެޔަށް ދާން ހިނގައިގަތީމެވެ.
ހިނގަމުން ދިޔައިރު ރަށުތެރެ އޮތީ މުޅިން ފަޅުވެފައެވެ. އެންމެން އަތިރި މަތީގައި ފޯރި ނަގަނީއެވެ، ރަށުގެ ފުއްޓަރު މަތީގައި ހުރި އަހަރެން ހުންނަ ގެޔަށް އާދެވުނުއިރުވެސް މިއުޒިކުގެ އަޑު ހުއްޓެވެ. ފޯނުހިފައިގެން ގެއިން ނުކުތްތަނާ އިއްޔެވެސް ގޮވާލި ކުއްޖާ ގޮވާލިއެވެ.
“ޝާޑް….” ހަމަ އެއްކަލަ ސާދާ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނުތަނާ އަހަރެން ފަހަތް ބަލާލީމެވެ.
އަހަރެންނަށް ގޮވިކުއްޖާ ކުރިމަތީ ހުރިގެއިން ނުކުތެވެ. އަހަރެން ހުރީ އެކުއްޖެއް ބަލަން ކެއްމަދުވެފައެވެ.
އަހަރެންހާ ދިގުނޫނަސް އިސްކޮޅުން ދިގު ކުއްޖެކެވެ. ކަޅުފޮއި ރޭގަނޑެއް ފަދަ ކަޅު، ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. ލައިގެން ހުރި ހުދުކުލައިގެ ޕާކިސްތާން ހެދުމުގެ ފަސްބައިގައި ގަދަ ރަތްކުލައިގެ ބޮޑެތި ފިނިފެންމާތަކެއް ކުރަހާފައި ހުއްޓެވެ. ގަޔަށް ހެޔޮވަރު ހެދުމެއްލާފައި ހުރުމުން ހަށިގަނޑުގެ ވަނާތަށް ފާޅުވެގެން ދެއެވެ. ބުރުސޫރަ ރީއްޗެވެ. ހަމުގެ ކުލަ ހުރީ އެންމެ ނަލަ ދޮންމިނެއްގައެވެ.
އަހަރެން ހުރީ ކަޅި ޖަހާލަންވެސް ނޭނގިފައެވެ. އެހާ ރީތިކުއްޖެއް އަދި އެރަށަކުން ނުދެމެވެ. އަދި އުމުރުން މިވީހާދުވަހުވެސް ނުދެކެވެ.
ފަރި ހިނގުމެއްގައި އޭނާއައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނުއިރުވެސް އަހަރެންނަށް ހުރެވުނީ ބަސްހުއްޓިފައެވެ.
“ޝާޑް. ނޫހުގެ ފްރެންޑް ޝާޑް ދޯތީ. ކިހިނެތްތަ؟” އޭނާއަށް އަހަރެންގެ ނަމާއި މައުލޫމާތު އެނގެއެވެ.
“އާނ. އާނ…..” އަހަރެން ހުރީ އާގަންނަ ކަހަލަ ގޮތެއް ވެފައެވެ. “ކިހިނެތް އަހަރެން ދަންނަނީ.”
“ދެން ރީތި ފިރިހެން ކުދިން އީދުގައި އައިސްއުޅޭއިރު ބަލާނެއްނު” އަހަރެން ހީކުރިވަރަށް ވުރެ އޭނާ ފްރެންޑްލީއެވެ،
“ސްޓޭޖް ޝޯވް ބަލަން ނުގޮސް ކީއްތިކުރަނީ ގޭގަ؟ ދާނަންތަ؟” އަހަރެންނާއެކު ދިއުމަށް އޭނާއަށް ދައުވަތު ދިނީމެވެ.
“ނުވޭ އެހާ ދާހިތެއް. ގޭ އެންމެން ގޮސްވީ. އަހަންނަށް ގުދުރަތީ މިހިތްހަމަޖެހުން މާރަނގަޅު.” ފުއްޓަރުފަރާތުން ޖަހަމުންދިޔަ ރާޅުތަކާއި ހޭޅީގައި ހުރިގަސްތަކަށް އިޝާރާތްކުރަމުން އޭނާ ފުއްޓަރާ ދިމާއަށް އެނބުރި މަޑުމަޑުން ހިނގަންފެށިއެވެ.
“އޭއް. މަޑުކޮށްބަލަ.” އަހަރެންނަށް އަދި އޭނަގެ ނަންވެސް އަހައިނުލެވެއެވެ. ސްޓޭޖް ޝޯވް ބަލަން ދިއުމަށްވުރެ ކުރިމަތީގައި މިހުރި ގުދުރަތުގެ ފުރިހަމަ ނަމޫނާ އަންހެން ކުއްޖާ ދަސްކުރަން އަހަރެން ބޭނުންވިއެވެ. އެހެންކަމުން އޭނާއާއެކު އަހަރެންވެސް ހިނގަން ފެށީމެވެ.
“ކޮންނަމެއް ކިޔަނީ. އެކަނި ތިހެން އުޅޭކަށް ބިރެއް ނުގަނޭތަ؟” އަހަރެންގެ ހިތުތެރޭގައި އޮތް އެންމެ ބޮޑު ދެ ސުވާލު އެއްކޮށް ދޫކޮށްލީމެވެ.
“މައި ނޭމް އިޒް ޝީރީން. ޕާޓޭން ނަކަށް ނުކެރޭނެ އަހަރެންނާ ދިމާކުރާކަށް”. އޭނާ ދެސުވާލަށްވެސް ޖަވާބު ދިނެވެ. އެކަމަކު އަހަރެން ސުވާލުކުރީ ޕާޓޭން ދެކެ ބިރުގަނޭތޯއެއް ނޫނެވެ. ނަމަވެސް އިތުރަށް އެސުވާލު ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
ދެމީހުން ގޮސްއިށީނީ ފުއްޓަރު ފަރާތުގައި ޖަހާފައިއޮތް ބަސްތާތަކުގެ މަތީގައެވެ. ހަނދު އެންމެ ފުރިހަމަ ނުވިކަމުގައިވިޔަސް، މުޅިތަންއޮތީ ހަނދުވަރުގެ އަލިން ދިއްލިފައެވެ. ހަނދުވަރުގެ އަލި ޝީރީންގެ މޫނަށް އެޅުމުން އެމޫނު ވިދާ ބަބުޅާހެންވެސް ހީވެއެވެ. ހުދުކުލައިގެ ދެލޮލުގައި ހުރި ކަޅުކުލަ ގަދަ ކަޅިން ބަލާލައި ބަލާލުމުން އަހަރެންގެ ހިތަށް ތީރުޖަހާކަހަލައެވެ.
“މީ ޝީރީން. އަހަރެންނަކީ ޝާޑުމެންގޭ ކުރިމަތީގައި އެހުރިގޭ ފާތުމާމަނިކެގެ ދޮށީ ދަރި.” އަހަރެންނަށް އިތުރު ސުވާލެއް ނުކުރެވެނީސް ޝީރީންގެ ތައާރަފް ކިޔާދޭން ފެށިއެވެ. “އަހަރެން އުޅެބޮޑުވީ މިރަށުގައި. ރަށުން ބޭރަކަށް ނުދަން. ޝާޑުގެ ފްރެންޑް ނޫހު އެއީ އަހަރެންގެ ކުރީގެ ކްލާސްމޭޓެއް.”
އަހަރެން އިނީ ވަރަށް ޝައުގުވެރިވެފައި އަޑުއަހާށެވެ.
“ގްރޭޑް ހަތެއް ނިންމާފައި ނޫހު ދިޔައީ މާލެއަށް ކިޔަވަން. އޭގެފަހުން ތިމީހުންނާ ފްރެންޑްވެފަ އެހެރީ” ޝީރީން އާއި ނޫހުއާއި އޮތްގުޅުން ޝީރީން ކިޔާދިނެވެ.
“ދެން ކިހިނެތް އަހަރެން އެނގެނީ.” ދެމީހުން އޮލަވާހަކައިގައި ޖެހެން ފެށުނެވެ.
“ނޫހު ކޮންމެ އަހަރަކުވެސް އައިސް ގޭތެރޭގައި ދައްކާނެ އޭނަގެ ރައްޓެހިންގެ ވާހަކަ އޭނަގެ މަންމަ ކައިރީގައި. އެހެން ދައްކާއަޑު އިވެނީ. ދެން އިއްޔެ މަހަށް ދާން ނުކުތްތަނާ ފެނުނީމަ އެނގިއްޖެ ތިއީ ޝާޑުކަން” އަހަރެންގެ ކޮލުގައި އިނގިލި ވިއްދާލަމުން ޝީރީން ބުންޏެވެ.
ދެމީހުން ދެމީހުނަށް ތައާރަފްވެ ވަރަށް ގިނަ އިރު ވާހަކަދައްކަން އެތަނުގައި ތިބީމެވެ. މުޅިންވެސް ޝީރީން ދެއްކީ އޭނާގެ ކުޑައިރުގެ މަޖާކަންތައްތަކުގެ ވާހަކައާއި ރަށުގެ ވާހަކަ ތަކެވެ. އަހަރެންވެސް އަހަރެންގެ ހަޔާތުގެ ވާހަކަތައް ހިއްސާކުރީމެވެ. އެހާގިނައިރު ދެމީހުން ވާހަކަދައްކަން ތިބެވުމުން އަހަރެމެން ދެމީހުންނަކީވެސް އެއްމިޒާޖެއްގެ ދެމީހުންކަން ދަސްވިއެވެ. އަދި އެހާފަސޭހައިން “ކްލިކް” ވުމުން ދެމީހުންވެސް ގެޔަށް ދާކަށް ބޭނުމެއް ނުވެފައި ތިބެވުނެވެ.
އެއްރެއިން އޭނާ އަހަރެންގެ ހިތް އެއަތަށް ލަންބުވާލިއެވެ. ޝީރީންއަކީ އަހަރެން “ލައިކް”ވާ ކަހަލަ ކުއްޖަކަށް ވިއެވެ. އަދި އަހަރެން ހިތުން ޝީރީންގެ ހިތުގައިވެސް އަހަރެންނާމެދު އެފަދަ ޖަޒުބާތުތަކެއް އުފެދިފައިވާކަން އަހަރެންނަށް ހަމަގައިމެވެ. ބަސްތާތަކުގެ މަތީގައި އަހަރެމެން ދެމީހުން ތިބީ ވަރަށް ކައިރީގައެވެ. އަހަރެމެން ދެމީހުންނަކީ ދެންމެ ބައްދަލުވި ދެބީރައްޓެހިންކަން އަހަރެންނަށް އިހްސާސެއް ނުކުރެވެއެވެ. ޝީރީންވެސް އިނީ ވަރަށް ގަޔާވެފައެވެ. އަހަރެންގެ ހިތުގައި ތަފާތު ޝުއޫރުތައް ހިނގަމުން ދިޔައެވެ. ތެދަށް ބުނަންޏާ އަހަންނަށް ޝީރީން ވަރަށް ކަމުގޮއްސިއެވެ. “ލައިކް” ވެވިއްޖެއެވެ. އަހަރެން އިނީ އަދިވެސް ކައިރިވެލަން ބޭނުން ވެފައެވެ. ނަމަވެސް ބައްދަލުވި ފުރަތަމަ ރޭ އެއަށްވުރެ ކައިރިވަނިކޮށް އޭނާ އެއްޗެކޭ ހީކޮށްފާނެތީވެ، އަހަރެން އިނީ އަހަރެންގެ އިހުސާސްތައް ހިތުގެ ތެރޭގައި ތާށިކޮށް ފިއްތާލައިގެންނެވެ.
މެންދަމުން އަނބުރާ އެކެއް ޖަހައިފިއެވެ. މިއުޒިކުގެ އަޑު އޭރު މަޑުވެއްޖެއެވެ. އިވެމުން ދިޔައީ ގަސްތަކުގައި ވައި އެޅިލާފައި ހުރިއަޑެވެ. ދެމީހުންނަށްވެސް ތިބެވުނީ ވަގުތު ދިޔަގޮތް ނޭނގިފައެވެ.
ސްޓޭޖް ޝޯވް ނިންމާފައި މިހާރު އެންމެން ގެޔަށް އަންނާނެއެވެ. “ހިނގާ ގެޔަށްދާން. މިހާރު އެންމެން އަންނާނެ. މިތާތިއްބަ ފެނިއްޖެޔާ ރޮލުން ކާލާނެކަންނޭނގެ.” ގެޔަށް ދާން ބޭނުން ނުވިޔަސް ލަސްވެއްޖެކަން ޝީރީންނަށް އަހަރެން ހަނދާން ކޮށްދިނީމެވެ.
“ޝާޑު ދޭކުރިން. އަހަރެން ފަހުން ދާނަން.” ޝީރީން ކޮޅަށް ތެދުވެފައި ބުންޏެވެ.
ތެދެކެވެ. ދެމީހުން އެއްކޮށްދަނިކޮށް މީހަކަށް ފެނިދާނެއެވެ. އެހެންވެ އަހަރެން ފުރަތަމަ ދާން ތެދުވީމެވެ.
އަހަރެން އަނެއްފަރާތަށް އެނބުރި ހިނގައިގަތުމާއެކު ޝީރީން އަހަރެންގެ އަތުގައި ހިފިއެވެ. އަދި އަހަރެން އެނބުރުމުން އަހަރެންގެ ގައިގައި ބައްދާލިއެވެ. ބޭއިހްތިޔާރުގައި އަހަރެންނަށްވެސް ޝީރީންގެ ގައިގައި ބައްދާލެވުނެވެ. އެތަނުގައި އިން އިރުވެސް އަހަރެން އިނީ އެ އުއްމީދުގައެވެ. ނަމަވެސް ފުރަތަމަ ރޭ ކަމުން ފަސްޖެހެވުނީއެވެ. ޝީރީންގެ ހިތުގައި ޖަހަމުންދިޔަ ބާރު ވިންދުގެ އަޑު އަހަރެންނަށް އިވޭ ކަހަލައެވެ.
ދެމީހުން ވާހަކަ ނުދައްކާ އެހެންތިބި ކަމުގައި ވިޔަސް، ދެމީހުންގެ ދެހިތްވެސް ދައްކަމުން ދިޔައީ އެއްވާހަކައެކެވެ. އަހަރެން ޝީރީންގެ ދަތްދޮޅީގައި ހިފާ ހިއްލާލުމާއެކު އަހަރެންގެ ނިއްކުރީގައި ޝީރީންގެ ނިއްކުރި ޖައްސާފިއްތާލިއެވެ. އެވަގުތު ދެމީހުންގެ ނޭވާގެ ހޫނުކަން ދެމީހުންނަށް އިހްސާސް ކުރެވެމުން ދިޔައެވެ. އެހިސާބުން ނިމުނީއެއް ނޫނެވެ.
-ނުނިމޭ-
ނޯޓް: މިވާހަކައިގެ ނުނިމިއޮތްބައި މާދަމާ ގެނެސްދެވޭނެ އެވެ.