ހަނިމާދޫ ލަމީސް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ހާއްސަ ދީނީ ޕްރޮގުރާމެއް ފަށައިފި އެވެ.
މުޅި ރޯދަމަހަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގުރާމްގައި ހަފްތާއަކު ދެ ޕްރޮގުރާމް ރޭވިފައިވާކަމަށް ލަމީސް ފައުންޑަރ ވިދާޅުވި އެވެ.
ލަމީސްގެ ފައުންޑަރ އާދަމް ނާސިރު ވިދާޅުވީ ދަރުސް ދިނުމުގެ އިތުރުން ތަފާތު ތަފާތު ގޮތަކަށް މި ޕްރޮގުރާމް ކުރިއަށްގެންދެވޭތޯ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. ޕްރޮގުރާމްތައް ރޭވިފައިވަނީ ތަފާތު އެކި މަޢުލޫތަކަށް ކުރިއަށްގެންދާ ގޮތަށް ކަމަށް ނާސިރު ވިދާޅުވި އެވެ.
ހަނިމާދޫގައި ލަމީސް ކުރިއަށްގެންދާ މި ދީނީ ޕްރޮގުރާމްގައި ދަރުސް ދެއްވުމުގައި ހަރަކާތްތެރިވަނީ ރާއްޖެގެ މަޝްހޫރު ދީނީ އިލްމްވެރިންނެވެ. އެގޮތުން ޝެއިޙް ސަަމީރު އާއި ޝެއިޙް އަލީ ޒާހިރު އަދި ޝެއިޙް އާދަމް ޝަމީމް ފަދަ ބޭފުޅުން އުޅުއްވަ އެވެ.
އާދަމް ނާސިރު ވިދާޅުވީ ރޯދަ ނިންމާފަ ސްކޫލު ކުދިންނާއި މުޖުތަމައުއަށް އެކި ދާއިރާއިން އިލްމީ ޕްރޮގުރާމްތަކެއް ދިނުމަށް ރޭވިފައިވާ ކަމަށެވެ.
އާދަމް ނާސިރަކީ ހދ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ ޒައާމަތުގައ ހދ އަތޮޅުން ޕާސްޕޯޓް ހެއްދޭނެ ގޮތާއި މިއަތޮޅުގެ ރަށްތަކުން އައިޑީކާޑު ހައްދައިދިނުން ފަދަ މުހިއްމު ކަންތަކެއް ކޮށްދެއްވާފައިވެ އެވެ.