twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަތީ ފެންވަރުގެ ސިއްހީ ނިޒާމުގެ އާ މަންޒިލް! ކުޅުދުއްފުށި!

Jun 20, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިހާރު އޮތް ފެންވަރުގައި ހިދުމަތް ދެމުންދާތާ ވަރަށް ޒަމާންވެއްޖެ އެވެ. އާ ހިދުމަތްތައް ނުލިބި ފެންވަރު ދަށް ވާތީ ޝަކުވާ ވެސް ގިނަ އެވެ. އެ ހޮސްޕިޓަލްގެ މާލޭގެ އައިޖީއެމްއެޗް ހޮސްޕިޓަލް ނަގާފައި އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ސަރުކާރުގެ ހޮސްޕިޓަލެވެ.

ހޮސްޕިޓަލްގެ ހިދުމަތްތައް ދަށްވެ އަބަދުވެސް އޮންނަނީ މާލެ އަންނަން ޖެހިފަ އެވެ. ހަރަދުތައް ބޮޑެވެ. ހަމައެކަނި ކުޅުދުއްފުށީ ރައްޔިތުންނަކަށް ނޫނެވެ. ބޮޑުތިލަދުންމަތީގެ އެންމެހާ ރައްޔިތުންނަށެވެ. މި އުނދަގޫތަކާއެކު ފުރަތަމަ އަޑުއިވުނު ވާހަކައަކީ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބެއް އަންނަ ވާހަކަ އެވެ. ޓާޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް ބިނާކުރާ ވާހަކަ އެވެ. ހުޅުމާލޭގަ އެވެ.

ޓްރީޓޮޕްގެ ނަމުގައި ބިޔަ ބޮޑު ހޮސްޕިޓަލެއް އެދަނީ ހުޅުމާލޭގައި ބިނާކުރަމުންނެވެ. އޭޑީކޭ ހޮސްޕިޓަލްގެ ހިދުމަތްތައް ދުވަހެއް ދުވަހެއް ފުޅާކުރާނީ އެވެ. އައިޖީއެމްއެޗް ހޮސްޕިޓަލް އިތުރު ހަރުފަތްތަކެއް ބިނާކުރަނީ އެވެ. ފަންސަވީސް ބުރިއަށް ހިއްލާލަނީ އެވެ. ސިއްހީ ނިޒާމުގެ ޒަމާނީ ފަހުގެ ހިދުމަތްތައް ލިބޭ ބޮޑު މަންޒިލަކަށް މާލޭ ސިޓީ ވަނީ އެވެ.

މިއީ އުފާވެރިކަމެކެވެ. ނަމަވެސް މީގެ ސަބަބުން އުތުރުގެ ރައްޔިތުންނަށް ބޮޑު އުފަލެއް ނުލިބުނީ އެމީހުންނަށް ކުރަންޖެހޭ ދަތުރު ދިގުވެފައި ހަރުދުތައް ބޮޑުވުމެވެ. ދެން އިވިގެން ދިޔައީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް އިންޑިއާގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ނިމްސްއާ ހޮސްޕިޓާ ހަވާލުކުރާ ވާހަކަ އެވެ. އެ ވާހަކަ ދެކެވޭތާ ވަރަށް ދުވަސްވެއްޖެ އެވެ. ނަމަވެސް އަމަލީ ސިފައެއް ނުފެންނާތީ ރައްޔިތުން ތިބީ ކަންބޮޑުވެފަ އެވެ.

އެ ކަންބޮޑުވުންތައް ނެތިކޮށްލައި، އުފާވެރިކަން ގެނެސްދިނީ އިއްޔެ އެވެ. އިއްޔެ ލިބުނު ހަބަރާއި އިވުނު އުއްމީދީ ވާހަކަތަކުންނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ޒަމާނީ ހިދުމަތްތައް ދިނުމަށް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެއް އަހަރު ތެެރޭގައި ބޮޑެތި ކުރިއެރުންތަކެއް ގެނައުމަށް ޝަރުތުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

ވެވުނު އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުން އެކި ދާއިރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ އެވެ. ޑައިގްނޯސްޓިކް ހިދުމަތްކުގެ ތެރޭގައި ލެބޯޓަރީގެ ހިދުމަތާއި ސީޓީ ސްކޭން އާއި އެމްއާރްއައި ސްކޭނިންގެ ހިދުމަތް ލިބޭނެ އެވެ.އޭގެއިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާއިން ސެންޓާ އޮފް އެކްސެލެންސްއަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ތެލެސީމިއާ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނެ އެވެ. ބޯންމެރޯ ޓްރާންސްޕްލާންޓަކީ އަދި ރާއްޖޭގައި ކުރެވޭ ކަމެއް ނޫނެވެ.

އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ އެވެ. މިހާރު އެއީ 50 އެނދުގެ ހޮސްޕިޓަލަކެވެ. މި ހުރިހާ ހަރަދެއް ކުރުމަށް ވެސް ހަމަޖެހިފައިވަނީ ނިމްސް އިންނެވެ. ނިމްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ހާން ވިދާޅުވީ މި ހޮސްޕިޓަލުގައި ތަރައްގީ ވެގެންދާނީ އެންމެ ފުރިހަމަ ހިދުމަތްތައް ހިމަނައިގެން ކަމަށެވެ.

“މިތަނުގައި އިންޓަނޭޝަނަލް ތެލެސީމިޔާ ސެންޓަރެއް ވެސް ހެދިގެންދާނެ ފުރަތަމަ ފޭސްގައި. ސައުވީސް ގަޑިއިރު ހިދުމަތް ލިބޭނެ. އެންމެ މަތީ ފަންތީގެ އައިސީޔޫގެ ހިދުމަތް ލިބެން ހުންނާނެ،” ފައިޒަލް ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ނެތް ގިނަ ހިދުމަތްތަކެއް އެންމެ ރަނގަޅު ފެންވަރެއްގައި ކުޅުދުއްފުށީ ހޮސްޕިޓަލުން މީގެ އަހަރެއްހާ ދުވަސް ފަހުން ލިބޭނެއިރު އެންމެ އުފާވެރިކަމަކީ އެ ހޮސްޕިޓަލުން އާސަންދަ ވެސް ލިބިގެންދާނެތީ އެވެ. ކުރިއަށް 50 އަހަރު ދުވަހަށް ނިމްސް ހޮސްޕިޓަލަށް ކުޅުދުއްފުށި ހޮސްޕިޓަލް ދީފައިވާއިރު އެ ކުންފުންޏަކީ އިންޑިއާގައި އިތުބާރު ހޯދައި، ރަނގަޅު ފެންވަރެއްގެ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި އިންޑިއާގައި ނިމްސްއިން ދޭ ފެންވަރުގެ ހިދުމަތްތަކެއް ރާއްޖޭގެ އެންމެ އުތުރުން ލިބިގެންދާނެ އެވެ. މިކަން ވެގެން ދާނީ ރާއްޖޭގައި ސިއްހީ ނިޒާމުގެ ޒަމާނީ އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބޭ ސިއްހީ އާ މަންޒިލެއް އުފަންވުމަށެވެ. ދަތުރު ހަދައި މާލެއަށް އައުން ނިމުމަކަށް އަންނާނެ އެވެ. ގިނަ ވަޒީފާތަކެއް އުފެދި އަތޮޅާއި ރަށުގެ ތަރައްގީ ކުރިއަރައިގެންދާނެ އެވެ. މާލެއިން މީހުން ކުޅުދުއްފުއްޓަށް ބޭސްފަރުވާއަށް ދާނެ ދުވަސް ވެސް މިގޮތަށް ކަންތައް ވެއްޖެ ނަމަ ދުރެއް ނޫނެވެ.

ކުޅުދުއްފުއްޓަކީ އާ މަންޒިލެވެ! ޒަމާނީ ސިއްހީ ހިދުމަތުގެ އާ މަންޒިލެވެ!

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355