ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އެއްބަސްވުމެއްގެ މަޝްވަރާތައް ފަށައިފި

ނަސްވާ ޙަސަން - 11 months ago - 3 ޖުލައި 2017ދިވެހި ސަރުކާރުން އިސްނަގައިގެން ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު “ޑަބަލް ޓެކްސް އެވޮއިޑެންސް” އެއްބަސްވުމެއް އެކުލަވާލުމާބެހޭ މަޝްވަރާތަކުގެ ފުރަތަމަބުރު މިއަދު ފަށައިފިއެވެ.

މީރާ އިން މައުލޫމާތު ދޭ ގޮތުގައި މިއީ ތިން ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ މަޝްވަރާތަކެއް ކަމަށާއި މި އެއްބަސްވުމެއް އެކުލަވާލެވުމުން ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވިގެން ދާނެ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މައުލޫމާތުތައް ބަދަލުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މި މަޝްވަރާތަކުގައި ރާއްޖެ ތަމްސީލު ކުރަނީ މީރާ އިން ކަމަށާއި ރާއްޖޭގެ ވަފުދުގެ ވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ. އަދި ބަންގްލަދޭޝް ތަމްސީލު ކުރަނީ އެ ޤައުމުގެ ނެޝަނަލް ބޯޑު އޮފް ރެވެނިއު އިން ކަމަށާއި އެ ވަފުދުގެ ވެރިއަކީ ޗެއަރމަން އަދި ސީނިއަރ ސެކްރެޓަރީ، އިންޓަރނަލް ރިސޯސަސް ޑިވިޜަން، މުހައްމަދު ނަޖީބުއްރަހްމާން ކަމަށް މީރާއިން މައުލޫމާތު ދެއެވެ.


ގުޅުން ހުރި ލިޔުންތައް