ދިރާގުން މޮބައިލް މަނީގެ ހިދުމަތް ދިނުމަށް އެމްއެމްއޭ އިން ލައިސަންސް ދީފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މޮބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރުމުގެ ލައިސަންސް ދިރާގަށް ވަނީ ހަވާލުކޮށްފައި އެވެ. ދިރާގަށް ލައިސެންސް ހަވާލުކޮށްދެއްވީ ގަވަރުނަރު އަޒީމާ އާދަމެވެ. އަދި ދިރާގުގެ ފަރާތުން ލައިސަންސްއާ ހަވާލުވެވަޑައިގެންނެވީ ސީއީއޯ އިސްމާއިލް ރަޝީދެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ މި ލައިސަންސް ލިބުމާއެކު މިހާރު ވަނީ އެ ހިދުމަތް ތައާރަފްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައި ކަމަށެވެ.
އަދި މޮބައިލް މަނީގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބުމާއެކު ކަސްޓަމަރުންނަށް އާ ޑިޖިޓަލް ހިދުމަތް ލިބިގެންދާނެ ކަމަށާއި އެ ހިދުމަތް މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންނަށް މޯބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.