twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީ ހޮސްޕިޓާ ރަސްމީކޮށް އިންޑިޔާގެ އެންއައިއައި އާ ހަވާލުކޮށްފި

Jul 10, 2017

ކުޅުދުއްފުށީ ހޮސްޕިޓާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އިންޑިޔާގެ ނޫރުއިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މިއަދު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ ހަވާލުކުރެއްވި ލިއުން އެންއައިއައިގެ އެމްޑީ ފައިޝަލް ޚާން އާއި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ މިނިސްޓަރ ދެއްކެވި ވާހަކަގައި ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގައި ތާރީހީ ދުވަހެއް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ރައީސް ޔާމިން ކުރައްވަމުންދާ މަސައްކަތުގައި ވަރަށް މުހިއްމު ފިޔަވަޅެއް އެޅިގެން ދިޔަ ދުވަހެއް ކަމަށާއި މިއަދަކީ އަތޮޅުތެރޭގައި ގާއިމް ކުރެވޭ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ކުޅުދުއްފުށީގައި އެޅުމުގެ މަސައްކަތް ފެށިގެން ދިޔަ ދުވަސް ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތުގައި ކުޅުދުއްފުށިގެ ރައްޔިތުން އަދި ހާއްސަކޮށް ކުޅުދުއްފުށީ ހޮސްޕިޓަލްގެ މުވައްޒަފުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން މިހާރު އައިޖީއެމްއެޗްގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަނީ ޑިޖިޓަލް އެކްރޭގެ ހިދުމަތް ތައާރަފްކުރެވިފަ ކަމަށާއި ސ ހިތަދު އާއި ކުޅުދުއްފުށީ ހޮސްޕިޓަލްގައި އުރަމަތީ ކެންސަރަށް ޓެސްޓް ކުރެވޭ މެމޯގްރަފީގެ ހިދުމަތްވެސް ތައާރަފް ކުރެވިފަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ހަމައެކަނި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުން ލިބެމުން ދިޔަ ޑައިލިސިސްގެ ހިދުމަތް ވެސް އަތޮޅުތެރޭގެ 5 ސަރަހައްދަކަށް ފުޅާކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރެވޭއިރު ފުރަަތަމަ 30 ދުވަހުގެ ތެރޭގައި އާންމު ބަލިތަކުގެ ފަރުވާދެއްވާ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކުގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފެށިގެންދާނެ ކަމަށާއި އަދި މި މުއްދަތުގެ ތެރޭގައި ހޮސްޕިޓަލްގެ މުވައްޒަފުންނާއި ނަރުހުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.

އަދި 90 ދުވަސްތެރޭގައި އޮޕަރޭޝަން ތިއޭޓާރ އަޕްގްރޭޑްކޮށް ކަކޫ އަދި ހިޕް ރިޕްލޭސްމެންޓްގެ ހިދުމަށް ފެށި ނާރުގެ ސާޖަރީ އާއި ފުއްޕާމޭގެ ސާޖަރީގެ ހިދުމަތް ފެށިގެންދާނެ އެވެ. މީގެ އިތުރުން ސީޓީ ސްކޭން ކުރުމާއި، އެމްއާރުއައިގެ ހިދުމަތުގެ އިތުރުން ނިއުރޮލޮޖީ، ކާޑިއޮލޮޖީ، ގޭސްޓްރޯވް އަދި ޔޫރޮލޮޖީ ސުޕަރ ސްޕެޝިލިޓީގެ ޑޮކްޓަރުންގެ ހިދުމަތް ތައާރަފްކޮށް، ބައިނަލްއަގްވާމީ ފެންވަރުގެ ތެލަސީމިއާ ސެންޓަރެއްވެސް ގާއިމްކުރެވިގެން ދާނެއެވެ.

240 ދުވަހުގެ ތެރޭގައި ހޮސްޕިޓަލަށް 50 އެނދު އިތުރު ކުރެވި ހިތުގެ ބަލިތަކަށް ހާއްސަ ކެތްލެބްގެ ހިދުމަތާއި ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ފެސިލިޓީގެ ހިދުމަތް ފެށިގެން ދާނެ އެވެ. އަދި 480 ދުވަހުގެ ތެރޭގައި އިތުރުން 50 އެނދު އިތުރު ކުރެވި އެއަށްފަހު ނޫރުއިސްލާމިކް އިންޓަނޭޝަނަލް ކޮލެޖް އޮފް އެޑިއުކޭޝަންގެ މަސައްކަތް ފަށާ ކެންސަރު ފައުންޑޭޝަންގެ މަސައްކަތް ފެށިގެން ދާނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް 19 މަސްދުވަހުގެ ތެރޭގައި 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ވެގެންދާއިރު މި ހޮސްޕިޓަލުން ހިދުމަތް ލިބޭނީ ހުސްނުވާ އާސަންދައިގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355