ކުޅުދުއްފުށީގެ ސިއްހީ ނިޒާމަށް އިންގިލާބީ ބިޔަ ބަދަލުތަކެއް، ހަގީގަތަކަށް ވެދާނެބާ!؟

ޚަދީޖާ އާދަމް - 1 ހަފްތާ ކުރިން - 11 ޖުލައި 2017


ކުޅުދުއްފުށީ ހޮސްޕިޓާ އެންއައިއައި އާ ހަވާލުކުރުމަށް އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ކުޅުުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ބޮޑު ޕްރޮޖެކްޓު ރަސްމީކޮށް އިއްޔެ އިންޑިޔާގެ އިސްލާމިކް  ނޫރުލް އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވާއިރު މިއީ ގިނަ އަހަރުތަކެއް ވަންދެން ބޮޑުތިލަދުންމަތީގެ ރައްޔިތުން ދެކެމުން އައި ހުވަފެނެކެވެ.

ރާއްޖެތެރޭގައި ފުރަތަމަ ހެދޭ ޓާޝަރީ ހޮސްޕިޓަލްގެ ކުޅުުދުއްފުށީގައި ގާއިމް ކުރެވޭނެކަމުގެ ކޮޅުމަތި ދައްކާލާފައިވާއިރު އަދިވެސް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ މިކަން އަދިވެސް ހަގީގަތަކަށް ވެދާނެބާ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝާރީ ފެންވަރަށް ބަދަލުކުރުމުގެ ވާހަކަކީ މިދިޔަ ސަރުކާރުތަކުންވެސް ވަރަށް ގަދައަށް ދެއްކި ވާހަކައެވެ. އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޔާމިންގެވެސް ސިޔާސީ ވައުުދުފުޅެކެވެ. ކެމްޕޭން ދުވަސްވަރު ކުރެއްވި  ސިޔާސީ ވައުދުފުޅަކީ ހަމައެކަނި މިއީ އެއްނޫން ނެވެ.  ސަބަބުތައްވެސް އެބަހުއްޓެވެ. ސަރުކާރުގެ ސިޔާސަތަކީ މާލޭ ސަރަހައްދަށް މީހުން ތޮއްޖެސުންކަމަށްވާއިރު މިހާ ފުޅާ ދާއިރާގައި ރާއްޖެތެރޭގެ ރަށެއްގެ ސިއްހީ ނިޒާމް ތަރައްގީކޮށް ދާނެ ބާ އޭ މިއީވެސް ގިނަ ރައްޔިތުންގެ ހިތުގައި އޮތް އެއް ސުވާލެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ރަސްމކޮށް އެންއައިއައި އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ–

އެހެން ސަބަބަކަށްވެސް ބަލާލަމާ ހިނގާ ށެވެ. ކުޅުުދުއްފުށީގައި ހިއްކާފައިވާ ބިން ތަރައްގީކުރުމާއި ފުރަތަމަ ދެ އަހަރު ތެރޭގައި ކުޅުދުއްފުށީގައި ގާއިމް ކުރުމަށް ވައުދުވި އެއާރޕޯޓުވެސް އަދިހަމަ އޮތީއެވެ. ޔަގީނުންވެސް މި ޕްރޮޖެކްޓްތަކަކީ ކުޅުދުއްފުއްޓަށް އިތުރު ތަރައްގީތަކެއް އަންނާނެ ޕްރޮޖެކްޓްތަކެކެވެ. އެހެން ނަމަވެސް މި ސަރުކާރުގެ 4 ވަނަ އަހަރު ހިނގަމުންދާއިރު ކުޅުދުއްފުއްޓަށް މާބޮޑު ފައިދާއެއް ވެފައިވާތަކެއް ނުފެނެއެވެ.

އެންއައިއައި އިން އިއްޔެ ކުޅުދުއްފުށީ ހޮސްޕިޓާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަވާލުވިއިރު އެހޮސްޕިޓާ ތަރައްގީކުރަމުންދާނެ ގޮތުގެ ޕްލޭންވެސް ވަނީ ދައްކާލާފަ އެވެ. އެގޮތުން ފުރަތަމަ 30 ދުވަހުގެ ތެރޭގައި އާއްމު ބަލިތަކަށް ފަރުވާދެއްވާ ޑޮކްޓަރުންނާއި އަންހެނުންގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފެށިގެންދާނެ އެވެ. ހަމަ އެއާއެކު މުވައްޒަފުންނާއި ނަރުހުންނަށް ހާއްސަ ތަމްރީން ޕްރޮގުރާމްތަކެއްވެސް ހިންގުމަށް ހަމަޖެހިފައިވެ އެވެ.

ދެން އޮތީ ނުވަދިހަ ދުވަސް ތެރޭގައި ގެންނަ ހަމަޖެހިފައިވާ ހިދުމަތްތަކުގެ ވާހަކަ އެވެ. ކިޔާލަމާ ހިނގާ ށެވެ.

  • ސީޓީ ސްކޭންގެ ހިދުމަތް ފެށުން
  • އެމްއާރުއައިގެ ހިދުމަތް ފެށުން
  • އޮޕަރޭޝަން ތިއޭޓަރ އަޕްގްރޭޑް ކުރުން
  • ކަކޫ އަދި އުކުޅުވަޅު (ހިޕް) ރިޕްލޭސްމަންޓުގެ ހިދުމަތް ފެށުން
  • ނާރުގެ ސާރޖަރީ އާއި ފުއްޕާމޭގެ ސަރޖަރީގެ ހިދުމަތް ފެށުން
  • ނާރުގެ ބަލިތަކުގެ ހާއްސަ ސްޕަރ ސްޕެޝިލިޓީ ޑޮކްޓަރުންގެ ހިދުމަތް ފެށުން
  • ހިތުގެ ބަލިތަކަށް ހާއްސަ ސްޕަރ ސްޕެޝިލިޓީ ޑޮކްޓަރުންގެ ހިދުމަތް ފެށުން
  • ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ހާއްސަ ސްޕަރ ސްޕެޝިލިޓީ ޑޮކްޓަރުގެ ހިދުމަތް ފެށުން
  • ހަޖަމްކުރުމުގެ ނިޒާމްގެ ބަލިތަކަށް (ގޭސްޓްރޯވް) ހާއްސަ ސްޕަރ ސްޕެޝިލިޓީ ޑޮކްޓަރުންގެ ހިދުމަތް ފެށުން
  • ބައިނަލްއަޤްވާމީ ފެންވަރުގެ ތެލެސީމިއާ ސެންޓަރެއްހެ ހިދުމަތް ފެށުން ހިމެނެ އެވެ.

240 ދުވަހުގެ ތެރޭގައި ގެންނަ ހަމަޖެހިފައިވާ ތަރައްގީތަކަކަށް ބަލާލާއިރު ހޮސްޕިޓަލަށް 50 އެނދު އިތުރުކުރެވިގެންދާއިރު ހިތުގެ ސަރޖަރީއަށް ހާއްސަ ކެތުލެބެއްގެ ހިދުމަތް ފެށޭނެ އެވެ. އަދި ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ފެސިލިޓީސްގެ ހިދުމަތް ފެށިގެންދާނެ އެވެ.

އަދި ހަމަ 480 ދުވަހަށް ފަހު ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ކޮލެޖް އޮފް އެޑިއުކޭޝަންގެ މަސައްކަތް ފެށިގެންދާނެ އެވެ. ހަމަ މިއާއެކު ކެންސަރ ފައުންޑޭޝަންގެ މަސައްކަތްތައް ފެށިގެންދާނެ އެވެ. މިމުއްދަތުގެ ތެރޭގައި އިތުރު 50 އެނދު އިތުރުކުރެވިގެންދާނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ރަސްމީކޮށް އެންއައިއައި އާ ހަވާލުކުރަނީ–

މިއީ ހުވަފެނުންވެސް ނުދެކޭވަރުގެ ސިއްސައިގެންދާވަރުގެ ތަރައްގީތަކެވެ. ބިޔަ މަޝްރޫއުތަކެކެވެ. ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ އެތައް ދުވަހެއްވަންދެން ކުރި އުންމީދުތަކެއްގެ ފެށުމެވެ.

އެހެން ނަމަވެސް އަދިވެސް އުފެދޭ ސުވާލަކީ މިކަން ހަގީގަތަކަށް ވެގެންދާނެ ބާ އެވެ. މިއީ ރައްޔިތުންގެ ބޮޑު ހުވަފެނެކެވެ. އެހެންނަމަވެސް މިހިދުމަތް  ކުޅުދުއްފުށީ ހޮސްޕިޓަލްއިން ލިބޭނެކަމާ މެދު ގިނަ ރައްޔިތުން ގަބޫލެއް ނުކުރެ އެވެ.

 


ގުޅުން ހުރި ލިޔުންތައް