ދައުލަތުގެ ބަޖެޓުން ކުޅުދުއްފުށީގައި ހިންގަން ހިމެނި އެއްވެސް މަޝްރޫއެއް މިއަހަރުގެ މިހާތަނަށް އައިއިރުވެސް ފެށިފައިވާނުވާތީ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފި އެވެ.
މިއަހަރުގެ ބަޖެޓްގައި އަލަށް ފެށުމަށް 8 މަޝްރޫއެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަމުގައިވާ 2000 ހައުންސިންގ ޔުނިޓްގެ މަސައްކަތާއި މަށިކުޅީގެ ހައިޑްރޯގްރަފީ ރަނގަޅުކުރުމާއި އެއާޕޯޓް އުތުރަށް އެކްސެސް ރޯޑެއް ތަރައްގީކުރުމާއި އިންޑަސްރިއަލް ޒޯން ހިއްކުމާއި ކޯލަކް ކޮމާޝަލް ހަރބަރ ތަރައްގީކުރުމަށް ބަޖެޓްގައި ހިމެނި އެވެ.
މީގެ އިތުރުން އަލަށް ހިންގަން ހިމެނި މަޝްރޫއުތަކުގެ ތެރޭގައި ގަބުރުސްތާނު ވަށާފާރު ކޮންކްރީޓްކުރުމާއި ރެކްރިއޭޝަން ހަބެއް ތަރައްގީކުރުމާއި ރީޖަނަލް ޕެކޭޖިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ އިތުރުން ޖަލާލުއްދީން ސްކޫލްގެ ސެން ޔުނިޓް އިމާރާތްކުރުން ހިމެނި އެވެ.
މީގެ ތެރެއިން އެއްވެސް މަޝްރޫއެއް މިހާތަނަށް ފެށިފައެއްނުވެ އެވެ.
އަލަށް ހިމެނި މަޝްރޫއުތައް ނުފެނުއިރު ކޮންޓްރެކްޓްކޮށްފައިވާ ގިނަ މަޝްރޫއުތައްވެސް ހުރީ ނުފެށި އެވެ. އޭގެ ތެރޭގައި އެންމެ މުހިންމު އެއް މަޝްރޫއަކީ އާ ސްކޫލް އިމާރާތްކުރުމުގެ މަޝްރޫއެވެ. މިހާރުވެސް ކުޅުދުއްފުށީގައި ހުރި ސަރުކާރު ތިން ސްކޫލުގެ ޖާގައިގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އާ ސްކޫލެއް އިމާރާތްކުރުމަކީ އެންމެ މުހިންމުކަމެއްދީގެން ކުރަން ޖެހޭ ކަމަކަށްވާއިރު އެ މަޝްރޫއުވެސް ހަބަރެއް އެޑިއުކޭޝަން މިނިސްޓްރީ ނުދެ އެވެ.
ކޮންޓްރެކްޓްކުރެވި ހުއްޓިފައިވާ އެހެން މަޝްރޫއުތަކަށް ބަލާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފިޒިއޯތެރެޕީ އިމާރާތް ތަރައްގީކުރުމާއި އީއާރްއައި އާއި އިތުރު 10 ކޮންސަލްޓޭޝަން ރޫމް ހެދުމާއި ކޮރަލް ދަނޑުގެ ރޮސްޓްރަމް އާއި ހިރަފުސް ދަނޑުގެ ޓާރފް އެޅުމާއި ޕޮލިސް ސްޓޭޝަން ތަރައްގީކުރުމާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އިމާރާތާއި ޖަލާލުއްދީން ސްކޫލް 8 ކުލާސް ރޫމްގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.
ޕްރީ ޓެންޑަރިންގގައި 10 މަޝްރޫއެއް ހިމަނާފައިވެ އެވެ. އެކަމަކު އެ މަޝްރޫއުތައް ނުފެށި ހުރި ސަބަބެއްވެސް ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ.
ބަޖެޓްގައި ހިމެނި ގިނަ މަޝްރޫއުތައް ހުއްޓި އަދި އާ މަޝްރޫއުތައް ނުފެށިވުމަކީ އާންމުގެ ބޮޑު ކަންބޮޑުވުމެކެވެ. ކުރީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައްވެސް ހުރީ ހުއްޓިފަ އެވެ. އެގޮތުން އާ އިންޖީނުގޭގެ މަޝްރޫއު އާއި ކޭޕީއެލް ތަރައްގީކުރުމުގެ މަޝްރޫއު އާއި ދަމަނަވެށި އަދި 400 ހައުންސިންގ ޔުނިޓްގެ މަސައްކަތްވެސް ހުރީ ހުއްޓިފަ އެވެ. މީގެ އިތުރުން ފަހިދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރި 1000 ހައުންސިންގ ޔުނިޓްގެ މައުލޫމާތެއްވެސް ސަރުކާރުން ނުދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތްވެސް މިހާތަނަށް އައިއިރު އޮތީ ކުރިއަށްނުގޮހެވެ. ސަރުކާރު ބަދަލުވިފަހުން ކުރިއަށްދިޔައީ ދެ މަޝްރޫއެކެވެ. އެއީ މަގުހެދުމާއި ވެމްކޯގެ މަސައްކަތްތަކެވެ. އެ ދެ މަޝްރޫއުއަކީވެސް ކުރީގެ ސަރުކާރުން ފެށި ދެ މަޝްރޫއެކެވެ.