ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގައި ފަތުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ކެމްޕޭނެއް ފަށައިފިއެވެ.
ޖެން ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި “އެކްސްޕީރިއަންސް މޯލްޑިވްސް”ގެ ނަމުގައި ކުރިއަށް ގެންދާ މިކެމްޕޭން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސް ބޭންކިންގ ކޯޕަރޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަދި ސީއީއޯ މަނޯޖް އަދްލަޚާ ވިދާޅުވެފައި ވަނީ މި ކެމްޕޭންގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އެމެރިކަން އެކްސްޕްރެސްގެ އެންމެ ހާއްސަ ކްލަޔަންޓުންގެ މެދުގައި ދިވެހި ރާއްޖޭގެ ނަން އުފުލިގެންދާނެ ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ގިނަ ފަރާތްތަކެއް ރާއްޖެ ޒިޔާރަތްކޮށް ދިވެހި ރާއްޖެއަށް އިޤްތިސާދީ ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވަނީ ވިދާޅުވެފައި އެވެ.
މި ކެމްޕޭނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެފައި ވަނީ މިއީ ދިވެހި ރާއްޖެއަށް ވަރަށް މުހިއްމު ހަރަކާތަކަށް ވާނެ ކަމަށާއި މި ކެމްޕޭންގެ ތެރެއިން ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފަތުރުވެރިންނަށް ރާއްޖެ އިސްތިހާރުވެގެންދާނެ ކަމަށެވެ. އަދި މިކަމުގައި މިނިސްޓަރ ޒަމީރު ދެއްވި އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައި ވެއެވެ.
ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި މި ކެމްޕޭނުގައި ރާއްޖޭގެ ވިއްސަށްވުރެ ގިނަ ރިސޯޓުން މިހާރުވަނީ ބައިވެރިވެފައި ކަމަށާއި ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ރާއްޖެ އިހްތިޔާރުކުރަން ހިތްވަރުދިނުމުގެ ގޮތުން މިކެމްޕޭނަށް ހާއްސަ އޮފަރ ތަކެއް މި ރިސޯޓްތަކުން ދެމުންދާނެ ކަމަށެވެ.