-ޝިފާނާ އިބްރާހިމް-
އަޅުގަނޑުމެންގެ ގިނަ ޒުވާނުންނަކީ ހެޔޮވިސްނޭ ރަނގަޅު ބައެއް ކަމުގައި ވާތީ ކުޅުދުއްފުށީގެ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމާ އުފާކުރަމެވެ. އެހެންނަމަވެސް ހިތާމައަކީ އަދުގެ ބައެއް ޒުވާނުންނަށް އަޅުގަނޑުމެންގެ ހަމަތަކާއި، އުސޫލުތަކަކީ ކަޓު އެއްޗެއް ކަމުގައި ދެކޭތީއެވެ. މިފަދަ ޒުވާނުން ދެކޭގޮތުގައި އެމީހުންނަށް ހިތުހުރިގޮތަކަށް އުޅުމުގެ މިނިވަންކަން ލިބިފައިވެއެވެ. މިނިވަންކަމަކީ ކޮބައިބާވައެވެ. އަޅުގަނޑު ހަމަ ކުޑަ ކުޑަ ވާހަކައެއް ހިއްސާކޮއްލާ ނަމެވެ.
އެއްދުވަހަކު ތުއްތު ކުއްޖަކު އޭނާގެ ބައްޕައާއެކީ ގުޑި އަރުވަން ދިޔައެވެ. ގުޑީ ގެ އެއްކޮޅުގައި އައްސައިފައިވާ ވާ ފަށް އެކުއްޖާގެ ބައްޕަ ދޫކުރަމުން ދިޔަވަރަކަށް އެގުޑި ވަޔާއެކީ މައްޗަށް އަރަމުން ދިޔައެވެ. ވަކިހިސާބަކަށް މައްޗަށް އެރުމަށްފަހު ވައިގެ ތެރޭގައި އެގުޑި ވިހުރި ވިހުރި ހުއްޓެވެ. އެވަގުތު އެ ތުއްތު ކުއްޖާ އޭނާގެ ބައްޕަ ގާތު އެއްސެވެ. ބައްޕަ ތި ވާފަށުގައި ތި ހިފަހައްޓަނީ ކީއްކުރަން ތޯ އެވެ. އަޅުގަނޑު ބޭނުން ވަނީ ތި އަށްވުރެ ވެސް މައްޗަށް ތި ގުޑި އަރުވާށެވެ. އެވަގުތު ދަރިފުޅު ބޭނުން ވިގޮތަށް އެ ކުއްޖާ ގެ ބައްޕަ އެ ވާ ފަށުން ދޫ ކޮށްލިއެވެ. ދޫ ކޮއްލުމާ އެކު އެ ގުޑި ވައި ގެ ތެރޭގައި ވަކިހިސާބަކަށް މައްޗަށް އެރުމަށްފަހު އިސާހިތަކު ބިންމައްޗަށް ވެއްޓިއްޖެއެވެ. މިކަމާ މި ތުއްތު ކުއްޖާ ވަރަށް ދެރަވިއެވެ. އެވަގުތު އެ ތުއްތު ކުއްޖާގެ ބައްޕަ ބުންޏެވެ. ދަރިފުޅާ އެވެ. ކޮންމެ ކުއްޖަކުވެސް ބޮޑުވެ ފުރާ ފުރިހަމަވުމުން އެކުއްޖަކަށް އެރޭނެ އެންމެ މައްޗަކަށް އަރަން ބޭނުންވެއެވެ.
އަދި މި މައްޗަށް މި ނޭރެނީ އެކުއްޖަކުގެ މައިންބަފައިންނާއި، ތިމާގެމީހުން ދޭ ނަސޭހަތްތަކާއި ، މުޖުތަމައުގައި ހިފަހައްޓަން ޖެހޭ ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓަން ޖެހޭތީ ކަމަށް ހީކުރެވެއެވެ. މިއީ ވަރަށް ބޮޑު ކުށްހީ އެކެވެ. ދަރިފުޅު ވެސް މައްޗަށް އަރައި އުފާވެރިކަމާއެކު މަތީގައި ގިނަދުވަހު ހުންނަން ބޭނުން ކަމުގައި ވަނީ ނަމަ ދަރިފުޅުގެ މައިންބަފައިން ދޭ ނަސޭހަތުގައި ހިފަހައްޓައި އާއިލީ ގުޅުންތައް ދަމަހައްޓާށެވެ. އަޅުގަނޑުމެންގެ އާދަކާދައާއި ސަޤާފަތުގައި ހިފަހައްޓާށެވެ. އަޅުގަނޑުމެންގެ ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލު ތައް ބަހައްޓާށެވެ. މިގޮތައް އަމަލުތައް ގެންގުޅޭ ކުއްޖަކަށް މަތީގައި ފިޔަ ޖަހަޖަހައި ހުރުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.
އަޅުގަނޑުމެންގެ އަދުގެ ޒުވާނުންނަށް މިވާހަކައިން އިބުރަތެއް ލިބޭނެކަމަށް އުއްމީދު ކުރަމެވެ.