ކުއަންޓަމް ވެޓެރަންސް ކަޕްގެ ފައިނަލުގައި ފަހު ވަގުތު ނަލަވާ ޖަހައިދިން ލަނޑުން ބިގް ފުޓުން ޗެމްޕިއަންކަން ހޯދައިފި އެވެ.
ރޭ ކުޅުދުއްފުށީ ފުޓްސަލް އެރީނާގައި ކުރިއަށްދިޔަ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 3-2 އިން ބިގް ފުޓް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓްގައި އެޑްމޭންއިން ނަތީޖާ ހަމަހަމަ ކޮށްފައިވާއިރު ކައިރި ކައިރީގައި އެޑްމޭން އިން ވަނީ 4 ލަނޑު ޖަހައި ނަތީޖާ 6-3 އަށް ބަދަލުކޮށްލާފަ އެވެ. ބިގްފުޓަށް މެޗުގެ 31 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބުނުއިރު ބިގް ފުޓްގެ އަލީ ޒިޔާދު(ބޮޑު ސައި) ޖެހި މި ޕެނަލްޓީ ވަނީ އެޑްމޭންގެ ކީޕަރު ނުރަލީ އިއްބެ ވަނީ ދިފާއުކޮށްފަ އެވެ.
ނަމަވެސް އެޑްމޭން އިން ވަނީ ކައިރި ކައިރީ އިތުރު ތިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި މެޗުގެ ފަހު މިނެޓް ހިލޭ ޖެހުމަކުން އުފެއްދި ހަމަލާއެއްގައި ބިގް ފުޓްގެ އަލީ ޝިޔާމް (ނަލަވާ) ވަނީ ލަނޑެއް ޖަހައި ނަތީޖާ 7-6 އަށް ބަދަލުކޮށްލާފަ އެވެ. މިއީ މި މެޗުގައި ނަލަވާ ހިލޭ ޖެހުމުން ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
ކޭއޯ ސްވިފްޓްގެ ފަރާތުން ސްޕޮންސާ ކުރި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ތެރޭ ހިމެނޭ ބޮޑު ސައި. ބޮޑު ސައި އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ – ފޮޓޯ: ކުއަންޓަމް
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް މި މެޗުގައި ތިން ގޯލު ކާމިޔާބުކުރި ބިގްފުޓްގެ އަބްދުލް މަޖީދު އާދަމް ހޮވުނުއިރު ކޭއޯ ސްވިފްޓްގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ނަލަވާގެ އިތުރުން ހޮވިފައިވަނީ އެ ޓީމުގެ އަލީ ޒިޔާދު (ބޮޑު ސައި)، އެޑްމޭންގެ އަހުމަދު ހުސައިން (ޑޮން) އާއި އަހުމަދު މުހައްމަދު (ފޮނިލާ) ގެ އިތުރުން ފެހިދޫލައިގެ އަސްލަމް މުހައްމަދު (ލަމްބޯ) އެވެ. 18 ގޯލު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ލަމްބޯ އެވެ.
މި މުބާރާތުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ފެހިދޫލައިގެ އަލީ މުހައްމަދު (ކަވަރޭ) އެވެ.
35 އަހަރުން ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީ ކުއަންޓަމް ފިހާރައިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ވެޓެރަނަސް ކަޕް މުބާރާތުގައި މި އަހަރު ޖުމްލަ 8 ޓީމު ވާދަކޮށްފައިވެ އެވެ.