twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުތުރުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ ހަވީރު، އުދަ އަރާފާނެ !

Apr 22, 2018

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިއަދާއި މާދަމާވެސް ރާއްޖޭގެ ރަށްތަކަށް އުދަ އަރާފާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާއިން މިއަދު ބުނީ ރާއްޖޭގެ ރަށްތަކަށް އުދައަރަމުންދަނީ އައްޑު އަތޮޅުގެ އިރު ދެކުނުން ގާތްގަނޑަކަށް 1000 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން، ރާއްޖޭގެ ސަރަހައްދުގައި ބާނި ބޮޑުވެފައިވާތީ ކަމަށެވެ.

އިއްޔެވެސް ބައެއް ރަށްތަކަށް އުދައި އަރާފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައަރާނެ ކަމަށް ބެލެވޭތީ ސަމާލުވުމަށް އެދޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާން ވަނީ ރާއްޖޭގެ ތިން ސަރަހައްދަށް މިއަދާއި މާދަމާ ދިޔަވަރު ބޮޑުވާނެ ގަޑިތައްވެސް އާންމުކޮށްފަ އެވެ. އެގޮތުން މިއަދު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ ހަވީރު 16:58 ގަ އެވެ. ދަންވަރު 3:42 އާއި މާދަމާގެ 18:13 ގަ އެވެ. މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މިއަދު ހަވީރު 17:39 އަދި މިރޭ 4:50 އާއި މާދަމާ 19:10 ގަ އެވެ. ދެކުނުގެ އަތޮޅުތަކަށް މިއަދު ދިޔަވަރު ބޮޑުވާނީ އިރުއޮއްސި 18:42ގަ އެވެ. މާދަމާ ހެނދުނު 6:10 އަދި 20:38 ގަ އެވެ.

އެއިދާރާއިން ބުނީ ކޮޅިގަނޑުގެ ސަބަބުން ވޭތުވެދިޔަ ދެދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކޮށްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އެގޮތުން 24 ގަޑިއިރުގެ ރެކޯޑަށް ބަލާއިރު، މިދިޔަ 20 ވަނަ ދުވަހު ސ. ގަމަށް 111 މިލިލީޓަރުގެ އަދި ގދ. ކާޑެއްދޫއަށް 56 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

އަދި ހަމަ އެދުވަހު ސ. ގަމަށް ގަޑިއަކު 47 މޭލަށް އަދި ކާޑެއްދޫއަށް ގަޑިއަކު 39 މޭލަށް ވައިގަދަވެފައިވާކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ. މިކޮޅިގަނޑު ލަފާކުރެވޭގޮތުގައި ދާނީ ރާއްޖެއާ ދުރަށް، އިރު ދެކުނަށް ޖެހުމުންކަމަށްވެސް އެއިދާރާއިން ބުނެ އެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިއްޔެ އުދައަރާފައިވާއިރު އެންމެ އުތުރުގެ ބޮޑުތިލަދުންމަތީގެ ރަށްތަކަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355