twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ. އަތޮޅު ކައުންސިލް އިދާރާގައި ގިނަދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

May 9, 2018

ހދ.އަތޮޅު ކައުންސިލްގެ 26 ވަނަ އަހަރީ ދުވަހާ ގުޅިގެން 06 މެއި 2018 ގައި ބޭއްވި ހާއްސަ ހަފްލާގައި މިއިދާރާގައި 10 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ 21 މުވައްޒަފެއްގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ދީފި ވެއެވެ.

އެގޮތުން، 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، މިހާރުވެސް ޚިދުމަތުގައި ދެމިތިއްބެވި 12 މުވައްޒަފަކަށް “ޚިދުމަތުގެ ރަންތަރި” ފިލާ ދެއްވާފައިވެއެވެ. އަދި 15 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވި 6 މުވައްޒަފަކަށް “ޚިދުމަތުގެ ރިހިތަރި” އަދި 10 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވި 3 މުވައްޒަފަކަށް “ޚިދުމަތުގެ ލޯތަރި” ފިލާ ޙަވާލު ކުރެއްވި އެވެ.

މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް އަހުމަދު އާތިފާއި، ނާއިބު ރައީސް މުހައްމަދު ވަސީމުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ރަޝީދެވެ.

މިރަސްމިއްޔާތުގައި، ކައުންސިލްގެ ރައީސް އަޙްމަދު އާތިފް ވިދާޅުވީ، އޮފީހުގެ އެންމެ ބޮޑު އެސެޓަކީ މުވައްޒަފުންކަމަށާއި، އެތަނެއްގެ ކުރިއެރުން ބިނާވެފައިވަނީ، މުވައްޒަފުންގެ މަސައްކަތުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން، މުވައްޒަފުން ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތުން މިކަމަށްޓަކާ ފާއިތުވި އަހަރު، ކައުންސިލުން އުސޫލެއް ފާސްކޮށް އެކަން ތަންފީޒު ކުރެއްވުނީތީ އުފާ ކުރައްވާކަމަށް އާތިފް ވިދާޅުވިއެވެ. އަދި މުވައްޒަފުން މިހާ ގިނަދުވަހު ހިދުމަތުގައި ތިއްބެވީ، އޮފީހަށް ޖެހިފައިވާ ލޯބީގެ ބޮޑު ކަމުންނާއި، ހިދުމަތް ކުރުމަށް ހުރި ޝައުޤުވެރިކަމުން ކަމަށާއި، އެކަމަށްޓަކާ ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާ ކުރެއްވި އެވެ.

މިރަސްމިއްޔާތުގައި ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ރަޝީދު ދެއްކެވި ވާހަކާގައި، މުވައްޒަފުން ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ޒިންމަތައް އަދާކުރުންމަތީ ދެމިތިއްބެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިޚްލާޞްތެރިކަމާއެކު ކުރާ މަސައްކަތުގެ ނަތީޖާ ފަހުން ފެންނާނެ ކަމުގައި ވިދާޅުވެ، މުވައްޒަފުންނަށް ހިތްވަރު ދެއްވާފައިވެއެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ހުރި ސަރުކާރު ބައެއް އިދާރާތަކުގެ އިސްވެރިންވެސް ބައިވެެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355