twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކެޔޮފަތާއި ފަޅޯއޮނުން އިންސާފުކުރި މާހެފުން: ޕްލާސްޓިކަށް ނޫނެކޭ ބުނުން !

May 13, 2018

ރޯދައަށް މާހެފުމަކީ ދިވެހިންގެ އާދަ އެކެވެ. ޒަމާނަށް އަންނަ ބަދަލާއެކު މާހެފުމުގެ ވައްޓަފާޅިވެސް ތަފާތެވެ. ޒަމާނީ ކެއުމާއި ދިވެހި ކެއުންތައް މާހެފުމުގެ ސުފުރާގައި ވަރަށްވެސް ގިނަ އެވެ. އެކުވެރިކަން އާލާކުރަންވެސް ރަނގަޅު ކަމެކެވެ. ނަމަވެސް ބަދަލުވަމުން އަންނަ މިޒަމާނުގައި މާހެފުމާއެކު ނުރަނގަޅު އާދަތައްވެސް އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އެންމެ އާންމު އެއްކަމަކީ ޕްލާސްޓިކް ނުވަތަ ޑިސްޕޮސިބަލް ތަށި ބޭނުންކުރުމެވެ.

މާހެފުމާއި އެނޫންވެސް މުނާސަބާތަކުގައި ކެއުންތައް ތައްޔާރުކޮށް، އެއަށް އިންސާފުކޮށް ނިންމާ ތަށިތައް ޖެހުނު ތާކަށް އުކާލަނީ އެވެ. ޕްލާސްޓިކްގެ މުސީބާތުގައި މުޅި ދުނިޔެ ޖެހި އެކަމުން ސަލާމަތްވުމަށް ގައުމުތަކުގެ ސަރުކާރުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުމުން ދިޔަނަމަވެސް ރާއްޖެއަކުން އެންމެ އެދެވޭގޮތެއްގައި އެމަންޒަރެއް ނުފެނެ އެވެ. އެކަމަކު ރާއްޖޭގައިވެސް އަމިއްލަ ފަރުދުންނާއި ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުން ދަނީ އިތުރުވަމުންނެވެ. އަދި ފްލާސްޓިކްގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމަށް ފަރުދީ ޒިންމާގައި މަދު ބަޔަކު ނަމަވެސް މަސައްކަތް ކުރާ މަންޒަރު ފެނި ހިތްތަށް ފިނިކަން ލިބެ އެވެ. އަޅުގަނޑު ދައްކަން މިއުޅެނީވެސް މިބުނި ފަދަ ޒުވާނުން ކޮޅެއް އިސްނެގުމަށް ކުރި ކުޑަ ކަމަކުން ގިނަ ބައެއްގެ ތައުރީފު އޮހެމުންދާ ކަމެއް ފާހަގަކޮށްލުމަށެވެ.

ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 10-ބީ ގެ ދަރިވަރުން ބޭއްވި މާހެފުމުގައި ޕްލާސްޓިކް ތަށީގެ ބަދަލުގައި ދަރިވަރުން ބޭނުންކުރީ ކެޔޮފަތެވެ. އަދި ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ކުރުނބާ ބުއިމަށް ބޭނުންކޮށްފައިވަނީ ފަޅޯއޮނެވެ.

މިއީ ސްކޫލެއްގައި ދަރިވަރުންތަކެއް ކުރި ވަރަށް ތަފާތު، އަދި ޕްލާސްޓިކްއަށް ނޫނެކޭ ބުނެ، އެކަން އަމަލުދެއްކި މިފަދަ ފުރަތަމަ މާހެފުމަށް ވެދާނެ އެވެ.

މިކަމުގައި އިސްކޮށް އުޅުއްވި އެކުލާހުގެ ކުލާސް ޓީޗަރު މުހަންމަދު ހުސެއިން ހުރީ މާހެފުން ތިމާވެއްޓާ ރަހުމަތްތެރި މިފަދަ ގޮތަކަށް ކުރިއަށްގެންދެވުމުން ވަރަށް ހިތްހަމަ ޖެހިފަ އެވެ.

Hats off to @eduGS_53 for really committing to eliminate single use plastics even in school events!This Children’s Day,they’re using banana leaf plates & papaya leaf stem straws!What are some creative ways you substitute plastic in your life?@parleyxxx @IYOR2018 @NoPlasticStraws pic.twitter.com/L3X7uScNY8

— Ufaa MoE (@UfaaMv) May 10, 2018

މުހަންމަދު ހުސެއިން އާއި އެކުލާހުގެ ދަރިވަރުން ބޭނުންވީ މާހެފުން ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށްގެން ކުރިއަށްގެންދާށެވެ. ފަރުކޮއެ އާ ފަހުން ސްކޫލުގައި ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކުރުމުގެ ގޮތުން ނިންމީ މާހެފުން މިގޮތަށް ކުރިއަށްގެންދަން ކަމަށް މުހަންމަދު ވިދާޅުވި އެވެ. އެފަދަ ފުރުސަތެއް ލިބުމުން ޓީޗަރެއްގެ ހައިސިއްޔަތު ވަރަށް ރަނގަޅަށް އޭނާވަނީ ބޭނުން ހިފާ ޕްލާސްޓިކަށް ނޫނެކޭ ބުނެ އެކަން މިވަނީ އަމަލު ދައްކައިދީފަ އެވެ.

” ހުރިހާ ކުދިންގެ ފަރާތުން ލިބުނު އައިޑިޔާއެއް މި. ސޯޝަލް މީޑިއާ ފޮޓޯތައް ދޫކޮށްލުމުން ވަރަށް ގިނަ ބަޔަކު ތައުރީފްކޮށް ހިތްވަރުދިން.” މުހަންމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުންނާއި އެހެން ބައެއް ޓީޗަރުންވެސް މާހެފުން އިންސާފުކުރުމަށްފަހު ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި އެކަމަށް ޓީޗަރުންވެސް ވަރަށް ތައުރީފްކުރިކަމަށް އޭނާ ވިދާޅުވި އެވެ. ޕްރިންސިޕަލް އައިމިނަތު މުހައްމަދުވެސް އެކަމަށް ސާބަސް ދެއްވައި ތައުރީފުކުރެއްވުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

މީގެ އިތުރުން ޕްރިންސިޕަލްގެ ވައިބާ ގުރޫޕްގައިވެސް ޕްލާސްޓިކަށް ނޫނެކޭ ބުނެ ކުރިއަށްގެންދިޔަ މާހެފުމަށް ތައުރީފުކޮށްފައިވެ އެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އުފާ ޓްވިޓާ އިންވެސް މި މާހެފުމަށް ވަނީ ތައުރީފްކޮށްފަ އެވެ.

މިކަމަށް ހިތްވަރު ދެއްވަމުން ބިލީފްގެ ފައުންޑަރ އަފާ ހުސެއިން ވިދާޅުވީ އެ ފޮޓޯތައް ފެނުމުން ވަރަށް އުފާވި ކަމަށެވެ. މިފަދަ އިވެންޓްތަކުން އާންމުކޮށް އަބަދަކުވެސް ފެންނަމުންދަނީ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތައްޓާއި ހޮޅި އަދި ފުޅި ފަދަ އެއްޗެހި ބޭނުންކުރާ މަންޒަރުކަން އޭނާ ފާހަގަކުރެއްވި އެވެ.

“ސްކޫލު ތެރެއިން މިފަދަ މަންޒަރެއް ފެނުމުން ވަރަށް ގިނަ ބަޔަކަށް މިކަން މިސާލަކަށްވާނެ. މިފަދަ އާދަތައް ހަރުލާނީވެސް އަދި ދަސްވާނީވެސް ސްކޫލުގެ މާހައުލުން. ވަރަށް ސަޅި އިނިޝިއޭޓިވް އެއް މިއީ. ސްކޫލުން ބޭރުގައި އާއިލާ، ރައްޓެހިންނާ މިފަދަ އިވެންޓްތައް ބޭއްވިޔަސް ދަރިވަރުން ވާނެ މިފަދަ އެކްޝަންތައް އަމިއްލަވެސް ތަންފީޒުކުރަން.” ތިމާވެށި ހިމާޔާތްކުރުމަށް މަސައްކަތްކުރާ އަފާ ވިދާޅުވި އެވެ.

އަފާ ވިދާޅުވީ މިފަދަ ކުދި ކަންތައްތަކުންވެސް ތިމާވެއްޓަށް ބޮޑެތި ފައިދާތަކެއް ވުމުގެ އިތުރުން ޖީބުންދާ ހަރަދުވެސް ކުޑަވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355