twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބަނދަރު ގަވައިދުތައް ތަންފީޒުކުރުމަށް ކައުންސިލުން ތައްޔާރުވަނީ

May 13, 2018

ކުޅުދުއްފުށީ ލޯކަލް ބަނދަރު ބޭނުންކުރުމުގައި ކައުންސިލުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ރޯދަމަހު ތެރޭގައި ފަށާނެކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

ބަނދަރުގައި އޮޑިދޯނި ފަހަރު އެޅުމާއި ދޯނި ފަހަރަށް ހާއްސަ ސަރަހައްދުތަކުގައި އެޅުމާއި މަސްމާރުކޭޓް ބޭނުންކުރުމަށް ކައުންސިލުން ގަވައިދުތަކެއް ހަދާފައިވެ އެވެ. މި ގަވައިދުތައް ތަންފީޒުކުރުމުގެ މަސައްކަތް ފަށާގަތުމަށް ކައުންސިލުން ދަނީ ތައްޔާރީތަކެއްވަމުންނެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ ބަނދަރު ބޭނުންކުރުމުގައި ބައެއް ފަރާތްތަކުން އަމަލުކުރަމުންދަނީ ބަނދަރު ބޭނުންކުރުމުގައި ހަދާފައިވާ ގަވައިދުތަކާ ހިލާފަށް ބާރު ގަދަ މީހުން ބޭނުން ގޮތަކަށް ކަމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން ގަވައިދުތަކަށް އުޅޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެ، އެކައުންސިލަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ކަންކަން ހައްލުކޮށް ބަނދަރު ބޭނުންކުރުމުގެ ހުރިހާ ފަރާތްތަކަކަށް ހަމަހަމަ އުސޫލުން ގަވައިދު ތަންފީޒުކުރަން މި ރޯދަމަހުގެ ތެރޭގައި ފަށައިގަންނާނެ ކަމަށެވެ. އެކަމަށް ހާއްސަ މުވައްޒަފުން ހޯދުމަށް ކައުންސިލުން މިހާރުވަނީ އިއުލާންވެސް ކޮށްފައިވެ އެވެ.

ކައުންސިލްގެ މާލިއްޔަތު މުސާރަ ދޭގޮތަށް ބަނދަރު ސަރަހައްދު ގަވައިދު ތަންފީޒުކުރުމަށް ތިން މުނިސިޕަލް އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު އެކަމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރިހަކީ މިމަހު 29 ވަނަ ދުވަހެވެ.

އޭނާ ވިދާޅުވީ ބަނދަރު ގަވައިދުތައް ތަންފީޒުކުރުމަށް ނަގައި މުވައްޒަފުން ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންގެންދާނެ ކަމަށާއި އަދި އެ ގަވައިދުތައް ތަންފީޒުކުރުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ގަވައިދުތައް ތަންފީޒުކުރުމަށް ދެކޮޅު ހަދައި ނަމަ ފުލުހުންގެ އެހީތެރިކަން ހޯދައިގެންވިޔަސް ތަންފީޒުކުރާނެ ކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ. މިހާރު އެފަދަ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން ލިބެމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ތަފާތު އެކި ބޭނުންތަކަށް ކޮންމެ ދުވަހަކުވެސް ކައިރި އަތޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ކުޅުދުއްފުއްޓަށް އަންނައިރު ބަނދަރުގައި އޮޑިދޯނި ފަހަރު ބައެއް ފަރާތްތަކުން އަޅާފައި އޮންނަގޮތުން ގިނަ ބަޔަކަށް ބަނދަރު ބޭނުންކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355