twitterviber whatsapp telegramfacebookyoutube instagram
19th March 2024

ފާއިތުވި މަހު ކަސްޓަމްސް އިމްޕޯޓު ޑިއުޓީ އާމްދަނީ %31 އިތުރު

May 21, 2018

މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް 3.25 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އޭޕްރީލް މަހު މިއަދަދުވަނީ 3.77 ބިލިއަން ރުފިޔާއަށް އިތުރުވެފަ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. ކަސްޓަމްސް އިން ނެރުނު ތަފާސް ހިސާބު ރިޕޯޓްގައި ވާ ގޮތުން އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 21 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 13 އިންސައްތަ އަދި ޗައިނާ އިން 12 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

ފާއިތުވި އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 16 އިންސައްތަ ވަނީ އިތުރުވެފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު ހުސްވި އޭޕްރީލް މަހު %31 އިތުރުވެފައެވެ. މިއަހަރުގެ އޭޕްރީލް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 262 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޭޕްރީލް މަަހު ލިބިފައިވަނީ 200 މިލިއަން ރުފިޔާއެވެ.

ފާއިތުވި އޭޕްރީލް މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 އޭޕްރީލް މަހާ އަޅާބަލާއިރު 77 އިންސައްތަ ވަނީ އިތުރުވެފައިވެއެވެ. 2017 ވަނަ އަހަރުގެ އޭޕްރީލް މަހު 208 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، 2018 ވަނައަހަރުގެ އޭޕްރީލް މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 368 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޭޕްރިލް މަހު އެކްސްޕޯޓްކުރި މުދަލުގެ 50 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 8 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އިނގިރޭސިވިލާތަށް އަދި އެމެރިކާއަށް 7 އިންސައްތަ އަދި ފަރަންސޭސިވިލާތަށް 6 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ. މިމަޢުލޫމާތާއިގުޅޭ އިތުރު ތަފްސީލް “މަންތްލީ ސްޓެޓިސްޓިކްސް” ޝީޓުން ލިބެންހުންނާނެއެވެ. މި ޝީޓް ކަސްޓަމްސްގެ ވެބްސައިޓް (www.customs.gov.mv) ގެ ޑައުންލޯޑްސް (ޕަބްލިކޭޝަން) ގައި ޝާއިއުކުރެވިފައިވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355