ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ ހަތަރު އެއާޕޯޓެއް އެޅުމަށް މިހަފްތާ ނިމުމުގެ ކުރިން ކޮންޓްރެކްޓަރާ ހަވާލުކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމުތައް ހަވާލުކުރުމަށް އެޕާޓީގެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ މިހަފްތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަތަރު އެއާޕޯޓެއް އެޅުމަށްޓަކާ ކޮންޓްރެކްޓަރާ ހަވާލުކުރާނެ ކަމަށާއި އެމަޝްރޫއުތައް ހަވާލުކުރަނީ އެކަން ކުރާނެ ފައިސާ ދައުލަތުގައި ހުރެގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
“މިހަފްތާގައި ކުރިއަށް މިއޮތް ދެ ތިން ދުވަސް ތެރޭގައި އެއާޕޯޓްތައް އަޅަން ހަވާލުކުރާނަން، އަޅުގަނޑަށް ހީވަނީ މާދަމާ މިނިސްޓަރު ޒަމީރު އެއް މަސައްކަތް ފައްޓަވާނެ ހެން.” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހަތަރު އެއާޕޯޓް ހެދިގެންދިއުމަކީ ހަމައެކަނި ރައްޔިތުންގެ ދަތުރުފަތުރަށް އަންނަ ފަސޭހައެއް ނޫންކަމަށާއި މިއީ ހަމަ އިގްތިސާދީ ވިސްނުމާއި ރާއްޖެ ތަރައްގީކުރުމަށްކުރާ ހިންގާ މަޝްރޫއުތައް ކަމަށެވެ. އަދި ވަކި ހާއްސަކޮށް މާލެއާ ވަކިން މިއޮންނަ ރާއްޖެތެރެ ތަރައްގީކުރުމަށް ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
މިމަޝްރޫއުތަކުގެ ސަބަބުން އެރަށްރަށުގެ ޒުވާނުންނަށް އެތަންތާގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފެތުރެން ޖެހޭ ކަމަށާއި ވެލާނާ އެއާޕޯޓްގައި އަލަށް ތަރައްގީކުރަން ހިންގާ މަޝްރޫއުތައް ނިމުމުން އެތަށް މިލިއަން ފަތުރުވެރިންނެއް ރާއްޖެ އަންނާނެ ކަމަށެވެ. އެފަތުރުވެރިން ހަމައެކަނި ތިބޭނީ މާލޭ ސަރަހައްދުގެ ރިސޯޓްތަކަކު ނޫން ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ އެއާޕޯޓްތައް ހުޅުވިގެން ދިއުމުން ތަފާސް ހިސާބުތައް ދައްކާގޮތުގައި 70 އެތަށް ހާސް އާ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ.