ތައުލީމީ ދާއިރާ މުޅިން ޑިޖިޓަލައިޒްކޮށް ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބްލެޓްތައް ދިނުމަށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ޖަލާލުއްދީން ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކޮށްފި އެވެ.
އިއްޔެ ޖަލާލުއްދީން ސްކޫލުގައި ބޭއްވުނު މި ހަފްލާގައި ހދ އަތޮޅުގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ވަނީ ބައިވެރިވެފަ އެވެ. ޓީޗަރުންނަށް ޓެބްލެޓް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމެވެ.
ހދ އަތޮޅުގެ އެހެން ސްކޫލްތަކުގެ ޓީޗަރުން މާދަމާ ޓެބްލެޓް ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު ދަރިވަރުންނަށް ޓެބްލެޓް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޓީޗަރުންނަށް ހަވާލުކުރުމަށް ފަހުއެވެ.
ޓީޗަރުން ޓެބްލެޓަށް އަހުލުވެރިކޮށް ތަމްރީން ދިނުމުގެ ގޮތުން ގޫގުލްއިން އެކުލަވާލައިފައިވާ ސެޓްފިކެޓް ލެވެލްގެ ދެ ކޯހެއް ޓީޗަރުން ވަނީ ފުރިހަމަކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކޮންމެ ސްކޫލެއްގެ ދަރިވަރަކަށް ޓެބްލެޓެއް ދިނުމަށް ނިންމާފައިވަނީ ދެވަނަ ޓާމް ފެށޭއިރު އެވެ. ދަރިވަރުންނަށް ދިނުމަށް ނިންމާފައިވަނީ ވާވޭ ޓެބްލެޓެކެވެ.