ކުޅުދުއްފުށީ ހިރަފުސް ފުޓްބޯލް ޓީމުން އިންތިޒާމްކޮށްގެން ހިރަފުސް ދަނޑުގައި ބޭއްވި “ޕެންޓަގްރާމް ހިރަފުސްކަޕް 11” ގެ ޗެމްޕިއަންކަން މަގުލަސް ކުލަބުން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މިމުބާރާތުގެ ފައިނަލް މެޗުގައި ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތު (ސުކައި) އާއި ބައްދަލުކޮށް މަގުލަސް މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 4 ލަނޑު 3 ލަނޑުން ސުކައިގެ މައްޗަށް ކުރިހޯދައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްމެޗުގައި ފުރަތަމަ ލީޑުނެގީ މަގުލަސް ކުލަބުންނެވެ. މެޗުފެށިގެން މާގިނައިރުތަކެއްނުވެ ސުކައިއަށް ލަނޑުޖަހާނެ 2 ފުރުޞަތު ލިބިގެންދިޔައެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓުގައި މެޗުގެ ލީޑުނެގީ މަގުލަސް ކުލަބުންނެވެ. މިލަނޑު ކާމިޔާބުކޮށްދިނީ މަގުލަސްގެ ޖާޒީނަންބަރު 8، ޙުސައިން ޢަބްދުއްރަޝީދު (ބިގޭ) އެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ މަގުލަސްކުރީގައި އޮވެގެންނެވެ.
ފަހުހާފް ފެށިގެން ސުކައިގެ ފަރާތުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ މެޗުގެ 81 ވަނަ މިނެޓްގައި ސުކައިއިން ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަކުރުމެވެ. މިލަނޑު ސުކައިއަށް ކާމިޔާބު ކޮށްދިނީ މިމުބާރާތުގައި މޮޅުކުޅުމެއްދެއްކި ސުކައިގެ ޖާޒީނަންބަރު 15، ޙަސަން ޢަލީ (ބައްޑެ) އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 ޓީމް އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސުކައިން ފަރުހަތު މުހައްމަދު (ފަރޭ) އަދި އާދަމް އަލީ (ނާރޭ) ޖެހި ޕެނަލްޓީތައް ކާމިޔާބުކުރިއިރު، ޢަލީ ޝިޔާމް (ނަލަވާ)، އިބްރާހީމް ޙަސަން (ކުޑައިއްބެ) އަދި ހަސަން އަލީ (ބައްޑެ) ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ. މަގުލަސްގެ އަބްދުﷲ ނަޝީދު (އައްވޮ)، ނަދީމް އާދަމް (ޒިންދީ) އަދި އުސައިދު ޖެހި ޕެނަލްޓީތައްވަނީ ކާމިޔާބުކޮށްފައެވެ. މަގުލަސްގެ އަޙްމަދު މުހައްމަދު (އިންތި) އަދި ހުސައިން އަބްދުއްރަޝީދު (ބިގޭ) ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ.
ޕެންޓަގްރާމް ހިރަފުސް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން –ފޮޓޯ: ހިރަފުސް
ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި މަޤާމްތަކަށް ހޮވުނު ކުޅުންތެރިންނަށާއި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ޓްރޮފީއާއި ފިލާޙަވާލުކުރުން ކުރިއަށްގެންގޮސްފައި ވެއެވެ.
މުބާރާތުގެ މަގާމުތަކަށް ހޮވުނު ކުޅުންތެރިން:
ފައިނަލްމެޗުގެ މޮޅުކުޅުންތެރިޔާ: މަގުލަސް ކުލަބުގެ ޖޯޒީނަންބަރު 20، މާހީ ޢަބްދުﷲ
އެންމެމޮޅު ގޯލްކީޕަރ: މަގުލަސް ކުލަބުގެ ޖޯޒީނަންބަރު 20، މާހީ ޢަބްދުﷲ
އެންމެމޮޅު ޑިފެންޑަރ: ސުކައިގެ ޖޯޒީނަންބަރު 15، ޙަސަން ޢަލީ
އެންމެމޮޅު މިޑްފީލްޑަރ: ސްކައިގެ ޖޯޒީނަންބަރު 10، މުޙައްމަދު ޝާފީ
އެންމެމޮޅު ފޯވާޑް: މަގުލަސް ކުލަބުގެ ޖޯޒީނަންބަރު 08، ޙުސައިން ޢަބްދުއްރަޝީދު
އެންމެ އުއްމީދީ ކުޅުންތެރިޔާ: މަގުލަސް ކުލަބުގެ ޖޯޒީނަންބަރު 20، މާހީ ޢަބްދުﷲ
އެންމެ ގިނަގޯލްޖެހި ކުޅުންތެރިޔާ: މަގުލަސް ކުލަބުގެ ޖޯޒީނަންބަރު 08، ޙުސައިން ޢަބްދުއްރަޝީދު
މުޅިމުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ: މަގުލަސް ކުލަބުގެ ޖޯޒީނަންބަރު 20، މާހީ ޢަބްދުﷲ
ހިރަފުސް ކަޕަކީ ހިރަފުސް ފުޓްބޯޅަޓީމުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތެކެވެ. މިއީ ކުޅުދުއްފުށީގައި ޤަވާއިދުން ކޮންމެއަހަރަކު ބާއްވާ 11 އަސައިޑް ފުޓްބޯޅަ މުބާރާތެކެވެ. މިއީ މިމުބާރާތް ވިދިވިދިގެން ބޭއްވި 11 ވަނައަހަރެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު މުބާރާތް ހުޅުވާލާފައިވަނީ ކުލަބު ޖަމިއްޔާތަކަށެވެ.
ޕެންޓަގްރާމް ހިރަފުސް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން –ފޮޓޯ: ހިރަފުސް
މިމުބާރާތުގެ މެއިން ސްޕޮންސަރ މިއަހަރުވެސް ނަގާފައިވަނީ “ޕެންޓަގްރާމް” ފިހާރައިންނެވެ. ޕެންޓަގްރާމް ފިހާރައަކީ ކުޅުދުއްފުށީގައި ގާރމެންޓްސްގެ ވިޔަފާރިކުރާ އެންމެ މަޝްހޫރު އެއް ފިހާރައެވެ. ޕެންޓަގްރާމްގެ އިތުރުން ކުޅުދުއްފުއްޓާއި އެހެނިހެން ރަށްރަށުގެ ވަރަށްގިނަ ވިޔަފާރިވެރިންގެ އިތުރުން ސަރުކާރު ބައެއް މުއައްސަސާތަކާއި އާންމުންގެ ފަރާތުން އެހީތެރިކަން މިމުބާރާތަށް ލިބިފައިވާކަން ޝުކުރުވެރިކަމާއެކު ހިރަފުސް ފުޓްބޯޅަ ޓީމުން ފާހަގަ ކުރެއެވެ.