ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށަކީ އެމަނިކުފާނަށް މުހިންމު ރަށެއް ކަމަށާއި އެގޮތުން އެ ހުރިހާ ރަށްތައްވެސް ތަރައްގީކުރައްވަން ބޭނުންފުޅުވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ގދ މަޑަވެލީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކުރުމާއި އެރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކީވެސް މުހިންމު ރަށެއް ކަމަށާއި ކޮންމެ ރަށަކަށްވެސް ތަރައްގީ ގެންނަން ބޭނުންފުޅުވާ ކަމަށެވެ.
” އަޅުގަނޑަށް ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށަކީ މުހިންމު ރަށެއް، ކޮންމެ ރަށަކަށް ތަރައްގީ ގެނެސްދޭން އަޅުގަނޑު ބޭނުން.” ގދ މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
މަޑަވެލީގައި ކުރީގައި ފަސް އަހަރުގައި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހިންގާފައެއް ނުވާކަމަށެވެ. ނަމަވެސް މިސަރުކާރުން މަޑަވެލީގެ ތަރައްގީއަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ނެރެފައިވާ ރަށްވެހި ތަރައްގީ ފޮތް ނެރުމަކީ އިދިކޮޅު ފަރާތްތަކުން މޭކަރާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.