އުތުރުގެ ދަނޑުވެރިންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްގީކުރާތީ ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޝުކުރުއަދާކުރައްވައިފި އެވެ.
ހޮނިހިރު ބާޒާރަކީ އުތުރުގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށް ބޭނުންކުރާ ބާޒާރެކެވެ. ކޮންމެ ހޮނިހިރު ދުވަހަކު ގިނަ އަދަދެއްގެ ދަނޑުވެރިން ޖަމާވެ މިތަނުގައި މޭވާއި ތަރުކާރީ އަދި ދިވެހި އުފެއްދުންތައް ވިއްކަ އެވެ.
ހޮނިހިރު ބާޒާރުގެ ފުރަތަމަ ފޭސް ނިންމާ ބޭނުންކުރަން ހުޅުވާލީ މިދިޔަ ހަފުތާތެރޭގަ އެވެ. އެކަމާ ގުޅުވައި ކުމުންދޫ ރައީސް އަމީން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޮނިހިރު ބާޒާރަކީ ކުމުންދޫގެވެސް ގިނަ ދަނޑުވެރިން ތަކެތި އުފައްދަން ބޭނުންކުރާ ބާޒާރެއް ކަމަށާއި ދަނޑުވެރިންނަށް ފަސޭހަ އިންތިޒާމުތަކާއެކު ފުރިހަމައަށް ތަރައްގީކޮށްދެއްވީތީ މޭޔަރު މުހައްމަދު އާތިފު އާއި ސިޓީ ކައުންސިލަރުން އަދި މުވައްޒަފުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.
އަމީން ވިދާޅުވީ، ކުޅުދުއްފުށީގެ ތަރައްގީއަކީ ސަރަހައްދަށް ލިބިގެންދާ އެންމެ ބޮޑު އެއް ކުރިއެރުން ކަމަށާއި އަތޮޅުތައް ގާނޫނީ ގޮތުން ނެތިކޮށްލިޔަސް މި ހައްހަސާސް ދަނޑިވަޅުގައި މި ސަރަހައްދުގެ ގުޅުންތައް ވަރުގަދަ ކުޅުމަށް ކުޅުދުއްފުށީގެ ދައުރު މުހިންމުވާނެކަމަށްވެސް އަމީން ވިދާޅުވި އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރަމުންދާ ހޮނިހިރު ބާޒާރު ސަރަހައްދުން ނިންމާ ބޭނުންކުރަން ފެށީ ފުރަތަމަ ފިޔަވަހީގެ ބައެވެ. އެ ސަރަހައްދު ތަރައްގީކޮށްފައިވަނީ އެތަނުގައި ހުރި ގަސްތަކުގެ ވަށާ ބުޑު ހަދައި ތަޅުން އަޅައިގެން ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.
ދެވަނަ ފިޔަވަހީގެ ދަށުން އެތަނުގައި ދަތުރުހިޔަލެއް ތަރައްގީކުރެވޭނެ އެވެ. އެތަނުގައި ފާހާނާއި ފީޑިންގ ރޫމްވެސް ހިމެނޭނެ އެވެ.




