ޝަރީއަތުގެ މަރުހަލާގައި ގޯތިތަކަށް ދިނުމަށް ކަނޑައެޅި ފައިސާ އާއި ކުލީގެ ފައިސާ ހަމަޖައްސާނުދީ އެއްވެސް މީހަކު ގެއިން ނުނެރޭނެކަމުގެ ޔަގީންކަން ރީޖަނަލް އެއާޕޯޓްސްއިން ދީފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް އަރާ 18 ގޯތި ފަސް ދުވަހުގެ ތެރޭގައި ހުސްކުރަން ރީޖަނަލް އެއާޕޯޓްސް އިން އެނގިއިރު ކުލީގެ ފައިސާ އާއި ޝަރީއަތުން ކަނޑައެޅި ފައިސާ އެ ގެތަކުގެ ވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްދީފައިނުވާތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މިކަމާ ގުޅިގެން ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑައިރެކްޓަރ ސާމީ އަގީލް ވިދާޅުވީ ފަސް ދުވަހުގެ ތެރޭގައި ހުސްކުރަން އެނގި ނަމަވެސް އެމުއްދަތު ތެރޭގައި ނުނިކުމެއްޖެނަމަ ފުލުހުން ނުވަތަ ސިފައިން ބޭނުންކޮށް ނެރެން ބުނެފައިނުވާނެ ކަމަށެވެ. އެއާޕޯޓުގެ މަޝްރޫއުއަކީ ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންގެ އިހްސާސާތަކާ ގުޅިފައިވާ މަޝްރޫއުއެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެހެންކަމުން ވަކިކަމާ ހެދި އެއާޕޯޓް މަސައްކަތް ލަސްވިޔަ ނުދިނުމުގެ ގޮތުން ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އަދި 18 ގޯތީގެ ވެރިން ތިބީ އެކަމަށް އެއްބާރުލުންދީގެން ކަމަށްވެސް ސާމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރީއަތުން ގޯތިތަކަށް ދޭން ކަނޑައެޅި ފައިސާ މިހާރު ވަނީ ދައުލަތުން ކުޅުދުއްފުށީ ކޯޓަށް ޖަމާކޮށްދީފަކަމަށާއި އެފައިސާ ގެތަކުގެ ވެރިންގެ އެކައުންޓްތަކަށް ޖަމާކުރުމުގެ މަސައްކަތް ކޯޓުން ކުރަމުންދާ ކަމަށެވެ. އަދި ކުލީގެ ފައިސާ މިއަދުގެ ވަގުތެއްގައި ގެތަކުގެ ވެރިންނަށް ޖަމާކުރާނެކަމަށްވެސް ސާމީ ވިދާޅުވި އެވެ.
“ސުލްހަވެރިކަމާއެކު އެބޭފުޅުންވެސް އެތިބީ އެއާޕޯޓްގެ މަސައްކަތްތަށް ދަތިނުވާނެ ގޮތަށް މަސައްކަތް ކޮށްދޭން އެތިބީ.” ރީޖަނަލް އެއާޕޯޓްސް އެމްޑީ ވިދާޅުވި އެވެ.
ގެއިން ނުކުންނަށް ޖެހޭނެ ގޮތް ވަރަށް ތަފްސީލްކޮށް ގެތަކުގެ ވެރިންނަށް އެނގޭނެ ކަމަށާއި ކިއްތަމެއް ވަރަށްކަށް އިދިކޮޅު ފަރާތްތަކުން އެމައްސަލަ ހޫނުކުރަން އުޅުނަސް އެކަމެއް ހޫނެއް ނުވާނެކަމަށް ސާމީ ވިދާޅުވި އެވެ.
“އެމީހުން ގެއިން ނުކުންނަށް ޖެހޭނީ އެމީހުންނަށް ލިބެންވާ ފައިސާ ލިބުނީމަ. އެވަރަށް ސާފު. ސަރުކާރުން އެގޮތުގައި އެތިބީ އެއީ ސަރުކާރުގެ ސްޓޭންޑަކީ. އެމީހަކަށް ލިބެންވާ ހައްގެއް ނުލިބި އެމީހެއްގެ ގެއިން ނުކުންނާކަށް ނުޖެހޭނެ.” ސާމީ ވިދާޅުވި އެވެ.
ގޯތިތަކުގެ މައްސަލަ ކުރިއަށް މިގެން ދިޔައީ ގެތަކުގެ ވެރިންނާވެސް ވާހަކަދައްކާގެން އެކަން އަވަސްކުރެވޭނެ ގޮތެއް ބަލަންމުން ކަމަށާއި އެގޮތުން ބައެއް ފަރާތްތަކުން ފައިސާ ނުލިބެނީސް އަމިއްލައަށް ގެތަކުން ނިކުތުމުގެ މަސައްކަތްކުރާއިރު އަނެއް ބަޔަކަށް ނިކުމެވޭނީ ފައިސާ އެކައުންޓް ޖަމާވުމުންކަމަށް ބުނެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ގޭގެ ބަދަލުގެ ގޮތުގައި ޝަރީއަތުން ލިބިފައިވާ އަގު ޖަމާކުރަން ގެތަކުގެ ވެރިންގެ އެކައުންޓް ނަންބަރުތައް ކޯޓުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށްށެވެ.