twitterviber whatsapp telegramfacebookyoutube instagram
28th June 2025
ADVERTISEMENT

ކުޅުދުއްފުށީގެ ކުޅިވަރު ކަލަންޑަރެއް އެކުލަވާލަނީ

Oct 10, 2018

ކުޅުދުއްފުށީ ކުރިއަށްގެންދާ ކުޅިވަރުތައް ބާއްވާނެ ތާރީހްތައް ކުރިއަށް އެނގޭނެގޮތަށް ކުޅިވަރު ކަލަންޑަރެއް އެކުލަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުއްޓަކީ ކޮންމެ އަހަރުވެސް ގިނަ އަދަދެއްގެ ކުޅިވަރު މުބާރާތް ބާއްވަމުން އަންނަ ރަށެކެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ކުޅިވަރު ކަލަންޑަރު ހަދަން ނިންމީ ޒުވާނުންތަކެއްގެ އެދުމުގެ މަތިން ކަމަށެވެ. އޭގެ ސަބަބުން ރަށުގައި ބާއްވާ ކުޅިވަރުތައް އޮންނާނެ ދުވަސްތައް ދުރާލައި އެންމެންނަށްވެސް އެންގިގެންދާނެކަމަށެވެ. އެހެންވުމުން ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ކައުންސިލަށްވެސް ފަސޭހަތަކެއް ވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކުލަބު ޖަމިއްޔާތަކުންނާއި އެސޯސިއޭޝަންތަކުން އަދި ސްކޫލުތަކުން އަންނަ އަހަރު ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު ހަރަކާތްތަކަކީ ކޮބާތޯ ބެލުމަށްޓަކާ އެފަރާތްތަކަށް ކައުންސިލުން މިހާރުވަނީ ސިޓީ ފޮނުވާފަ އެވެ.

ލަތީފް ވިދާޅުވީ ކުޅިވަރު ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތް ކުރަނީ އެކަމަށްޓަކާ ނަގައި ހާއްސަ ކޮމެޓީއަކުން ކަމަށާއި އެކޮމެޓީގައި ތިބެނީ ޖަމިއްޔާތަކުންނާއި ކުޅިވަރު ދާއިރާތަކުން ނަގައި ފަރާތްތަކުން ކަމަށެވެ. ކަލަންޑަރު އެކުލަވާލައި ޖެނުއަރީމަހަށް އިއުލާންކުރެވޭ ވަރުވާނެކަމަށް ކައުންސިލުން ދެކެ އެވެ.

ކަލަންޑަރު އެކުލަވާލުމުގެ ސަބަބުން ރަށުން ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ކުޅިވަރުތައް އިންތިޒާމްކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com