twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދޮޅު ލައްކަ ޑޮލަރު ދިނުމަށް ކުރީ ގާނޫނީ ހަމައެއް ނެތް ދައުވާއެއް، މައްސަލަ އިސްތިއުނާފުކުރާނަން: ނަޝީދު

Nov 8, 2018

މީހަކަށް ދޮޅުލައްކަ ޑޮލަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އެއްވެސް ގާނޫނީ ހަމައެއް ނެތް ދައުވާއަކަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިއަދު ނެރުނު މީޑިޔާ ސްޓޭޓްމަންޓެއްގައި ނަޝީދު ވިދާޅުވީ އެ ދައުވާ ކުރެއްވު ފަރާތުން އެހެން ފަރާތަކާއެކު ހިންގަން ބޭނުންވި ވިޔަފާރީ މުއާމަލާތެއްގައި އޭނާ އެދުނު މިންވަރަށް އެވިޔަފާރި މުއާމަލާތުން ފައިސާ ނުލިބޭތީ އޭގެ ބޭރުން މަދުވާ އަދަދުގެ ފައިސާ ފަހަރުގައި ހަމަޖައްސާނެ ގޮތެއް ހޯދަންވީ އެމަނިކުފާނުކަމަށް ބުނެ އެފަރާތަށް އެހީތެރިވުމުގެ ގޮތުން ކުރި އީމެއިލްއެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުވާއެއްކަމަށެވެ.

އަދި އެއީ ޒިންމާއެއް އިލްތިމާޒެއް އުފައްދާ ހުށައެޅުމެއް ނޫންކަމަށާއި، ނަޝީދު ހުށައެޅުއްވި ހުށައެޅުން އެއީ އިހުސާންތެރި ހުށައެޅުމެއްކަމަށް ބަލައިގަންނަ ކަމަށް ބުނެ ދައުވާ ކުރި ފަރާތުން އީމެއިލް ޖަވާބުގައިވެސް ފޮނުވާފައިވާކަމަށް އެ ސްޓޭޓްމެންޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މިއީ ނަޝީދު ކުރެއްވި މެއިލްގައި ފާޅުކުރި ހިޔާލުތައް ފާޅުކުރި ފަހުން ހިނގާ ދިޔަ އެހެން ކަންކަމުގެ ސަބަބުން ނަޝީދު ފާހަގަ ކުރެއްވި ހިޔާލު ބާތިލުވިފަހުން އޭނާކޮށްފައިވާ ގާނޫނީ ހަމައެއް ނެތް ދައުވާއެއް ކަމަށެވެ.

ސްޓޭޓްމެންޓުގައި އިތުރަށް ބުނެފައިވަނީ އެއީ މީހެއްގެ އަތުން ގަތް މުދަލެއް ނޫންކަމަށާއި ނުވަތަ ހޯދި ހިދުމަތަކަށް އަގު ނުދީގެން ނުވަތަ މީހެއްގެއަތުން ނެގި ދަރަންޏެއް ނުވަތަ ފައިސާއެއް އަނބުރާ ނުދައްކައިގެން ކުރި ދައުވާއެއް ނޫންކަމަށެވެ.

އެގޮތުން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މުގާބިލެއްނެތި ހުށައެޅޭ ހުށައެޅުންތައް ތަންފީޒު ނުކުރެވޭނެކަމަށް ބުނާ ޝަރުއީ ހުކުމްތަކާއި އެނޫންވެސް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށްކަމަށްވެސް ސްޓޭޓްމެންޓުގައި ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަންވެސް ވިދާޅުވެފައި ވެއެވެ. މިމައްސަލާގައިކަން ހިނގާފައިވާ ގޮތާއި ގުޅޭ ލިޔެކިޔުންތައް ބަލަން ބޭނުންވާ ނޫސްވެރިންނަށް ނަޝީދުވަނީ ދައުވަތުވެސް އަރުވާފަ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވާގޮތުން މެމްބަރު ނަޝީދަކީ އިންޑިޔާގެ ރައްޔިތެއްކަމަށްވާ ޑރ. އަލަކާ ސިންގް އިންވެސްޓުކުރި ބާޖެއް ވިއްކާލުމުގެ މުއާމަލާތެއް ހިންގައިދިން ބޭފުޅެކެވެ. އެ މައްސަލާގައި މެމްބަރު ނަޝީދުގެ މައްޗަށް ޑރ. އަލަކާ ސިންގް ދައުވާ ކުރީ ނަޝީދު ބޭނުންވި މީހަކަށް އެ ބާޖު ކުޑަ އަގެއްގައި ވިއްކާލާފައިވާތީއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ވަނީ ޑރ. އަލަކާ ސިންގްގެ ފަރާތުން ނަޝީދުގެ މައްޗަށް ކުރި އެ ދައުވާ ޝަރީއަތުން ބެލިއިރު ދައުވާގައި ބަޔާންކޮށްފައިވާ 150،000 ޑޮލަރު ދިނުމަށް އެއްބަސްވެ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދިފައިވާ ކަމަށާއި އެ ފައިސާ އަކީ މެމްބަރު ނަޝީދު، ޑރ. އަލަކާ ސިންގް އަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ.

އަދި އެ ރުފިޔާ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355