އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އެއްވެސް ދާއިރާއަކަށް ޕީޕީއެމުން ވާދަނުކުރާނެކަން ހާމަވެއްޖެ އެވެ.
ޕީޕީއެމްގެ ހުރިހާ މަޖިލިސް މެންބަރުންނަށް ވެސް ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓް ދިނުމަށް ނިންމާ އެކަން ރޭ ވަނީ އިއުލާންކޮށްފަ އެވެ. ޕީޕީއެމުން މެމްބަރެއްގެ ގޮތުގައި ހުންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދެއް އެ ލިސްޓަކު ނެތެވެ.
އަދި ނަޝީދުގެ ބަދަލުގައި ކުޅުދުއްފުށީގެ ދެކުނު ދާއިރާއަށް ވިޔަސް އުތުރަށްވެސް ޕީޕީއެމުން ވާދަކުރައްވާނެ ފަރާތެއް ހާމަކޮށްފައިނުވެ އެވެ.
ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި އެކި ރަސްމިއްޔާތުތަކުގައި ނަޝީދު ވަނީ ބައިވެރިވެޑައިގަންނަވާފަ އެވެ. އަދި އެމަނިކުފާނުގެ އިގްތިސޯދީ ސިޔާސަތަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ނަޝީދު ވަނީ އެކި ރަސްމިއްޔާތުތަކުގައި ވާހަކަފުޅުވެސް ދައްކާފަ އެވެ.
އަންނަ އިންތިހާބުގައި ކުޅުދުއްފުށީ ދާއިރާތަކަށް ވާދަކުރައްވާނެ ބައެއް ފަރާތްތަކުން ޝައުގުވެރިކަންފާޅުކުރައްވަމުން ގެންދަވާއިރު އެފަރާތްތަކުގެ ތެރޭގައި އުޅުއްވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ ފަރާތްތަކެވެ. ކުޅުދުއްފުށީގެ ތާއިދު ބޮޑަށް އޮންނަނީ އެމްޑީޕީ އަށާއި ރައީސް މައުމޫނަށެވެ.