twitterviber whatsapp telegramfacebookyoutube instagram
18th April 2024

ހުރިހާ ވަޒީރުންނަށް ރުހުން ދީފި

Dec 4, 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ 19 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މިއަދު ގެ ރައްޔިތުންގެ މަޖިލީހުގައި ވަނީ 19 ވަޒީރުންނަށާއި ބަންޑާރަ ނައިބު އިބްރާހިމް ރަފްއަތަށް ރުހުން ދިނުމަށް ވޯޓު ނަގާފަ އެވެ.

އެގޮތުން ރުހުން ދީފައިވަނީ އެވަގުތު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެވެ. ކޮންމެ ވަޒީރަކަށް ވެސް ރުހުން ދޭން ވޯޓަށް އެހީ ވަކި ވަކިން އެވެ.

މިއަދު މަޖިލީހުގެ ފްލޯގައި ނެގި ވޯޓްގައި މަޖިލީހަށް އެވަގުތު ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން، 70 މެންބަރުން ވަނީ ގިނަ ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓް ދެއްވައިފަ އެވެ.

މި ސަރުކާރުގައި ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އަންހެން ހަތް ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ. މިއީ ދިވެހި ތާރީހުގައި ކެބިނެޓެއްގައި އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ފަހަރު ވެސް މެ އެވެ.

ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފް، އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

މި ސަރުކާރުގެ ކެބިނެޓް ބަހާލާފައިވަނީ ޕާޓީތަކުގެ މެދުގަ އެވެ. އެގޮތުން އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދީފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދިނީ 25 ޕަސެންޓެވެ. ރައީސް މައުމޫނަށް 20 ޕަސެންޓް ދީފައިވާއިރު އަދާލަތު ޕާޓީއަށް ދިނީ 15 ޕަސެންޓެވެ. ރައީސް ސޯލިހުގެ ކެބިނެޓް ފައިނަލް ކުރެއްވީ ހަތަރު ލީޑަރުންނާއެކު ބައްދަލުވުމަށްފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355