ނޮޅިވަރަންފަރުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ހާއްސަ ހަވީރެއް ބާއްވައިފި އެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މި އިވެންޓް އިންތިޒާމްކޮށްފައިވަނީ ނޮޅިވަރަންފަރު ކައުންސިލާ އެމްއެންޑީއެފް އަދި އެރަށު ސްކޫލް ގުޅިގެންނެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި އިވެންޓުގައި ހާއްސަ އެހީއަށް ބޭނުންވާ 20 ކުދިން ބައިވެރިވެފައިވާ ކަމަށާއި މިފަދަ އިވެންޓެއް ބޭއްވުމަށް ރަށުގެ މުވައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން އިވެންޓުގެ މުވައްސަސާތުން ކޮންމެ މުވައްސަސާއަކުން ސްޓޯލެއް ހިމަނާފައިވާ ކަމަށާއި އަދި އެމްއެންޑީއެފުން ވޯޓާ ސްލައިޓްވެސް ބަހައްޓައިދީފައިވާ ކަމަށެވެ. މި އިވެންޓުގައި ރަށުގެ މުވައްސަސާތަކުގެ ތެރެއިން ފެނަކަ، ޕޮލިސް، ސިއްހީ މަރުކަޒު، ސްކޫލް އަދި ކޯޓުން ވަނީ ބައިވެރިވެފަ އެވެ.
އަހުމަދު ވިދާޅުވީ މި އިވެންޓުގެ މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ މުޖުތަމައުގައި އުޅޭ ބައެއްކަން ހާމަކުރުން ކަމަށާއި އަދި އެކުދިންނަކީ މުޖަތަމައުގައި ބޭނުންތެރި ކުދިންކަން ދައްކައި ދިނުން ކަމަށެވެ.